ހަރުކަށި ފިކުރުގެ މީހުން ހޯދާ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކޮމެޓީ ރިޕޯޓު ފާސްކޮށްފި

ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވާ މި ދަނޑިވަޅުގައި، ދީނީ ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުން ދީފާނެ ޙަމަލާތައް ދުރާލާ ދެނެގަނެ، ކުރީއްސުރެ ތުހުމަތު ކުރެވޭ މީހުންނަށް ފާރަލާ، 'އެކްޓިވް' ކޮށް ޙަރަކާތްތެރިވާ ހަރުކަށި ފަރާތްތައް ހޯދާ، އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތައް އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި މިރިޕޯޓު ފާސްކުރުމަށް ވޯޓު ދެއްވީ 64 މެންބަރުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ޤައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާޢަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ސަލާމަތީ ޚިދުމަތްތަކާ ބާހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ މި ރިޕޯޓުގައި 9 ކަމެއް ހުށަހަޅާފައި ވެއެވެ.
ކޮމެޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމަށް ބަލާލާއިރު، މިދަނޑިވަޅުގައި އަދި ދިފާޢީ ބާރުތަކުގެ ވަޞީލަތްތަކަށް ބާރު ބޮޑުވެފައި މިވާ ދަނޑިވަޅުގައި، ޕޮލިސް ކަސްޓަޑީގައާއި ޖަލުތަކުގައި އެއްވެސް ފަރާތަކުން ރާވައިގެން، ހަމަޖެހުން ނަގާލަން ފުރުޞަތު ނުދެވޭނެ ފަދަ ހަރުދަނާ ފިޔަވަޅުތަކެއް ޤާއިމު ކުރުމާއި، ކުރިއަށްވުރެން ބޮޑަށް މި ދަނޑިވަޅުގައި އެތަންތަން ޚާއްޞަ އިންތިޒާމުތަކެއްގެ ތެރެއިން ބަލަހައްޓަމުން ގެންދިއުމަށް ހުށަހަޅާފައި ވެއެވެ.
އަދި ސަލާމަތީ ބާރުތަކުން އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިންސާނީ ކަރާމާތާއި ޤަދަރަށް އިޙްތިރާމު ކުރުމާއެކު، ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިން އެ ޚިދުމަތް ދެވޭކަން ކަށަވަރުކުރުމުގެ އިތުރުން މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤުކުރާ ކޮމިޝަނުން ބަލަމުންގެންދާ މައްސަލަތަކުގައާއި، އަދިވެސް ސަރުކާރަށް އެހެނިހެން ގޮތްގޮތުން ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ސަރުކާރުން (ވަކިން ޚާއްޞަކޮށް ސަލާމަތީ ޚިދުމަތްތަކުން) އަޅަންޖެހޭ ފިޔަވަޅުތައް ލަސް ނުކޮށް އެޅުމަށް ވެސް ކޮމެޓީން ވަނީ ހުށަހަޅާފައި ވެއެވެ.
ކޮވިޑް-19 ރޯގާއާ ގުޅޭ މަސައްކަތަށް ޙާއްޞަކޮށްފައިވާ ސަލާމަތީ ބާރުތަކުގެ ޓީމުތައް، އެހެން މުވައްޒަފުންނާއެކު ދިރިއުޅޭ އިރު އެ ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ސަލާމަތީ ބާރުތަކަށް ބޭނުންވާ "ޕްރޮޓެކްޓިވް އިކުއިޕްމަންޓް" އާއި އާލާތްތައް ފުރިހަމަވެފައި ހުރިތޯ ކަށަވަރު ކުރުމަށް ވެސް ހުށަހަޅާފައި ވެއެވެ.
އަދި ގެދޮރު ނެތް ފަރާތްތަކާއި، މަގުމަތިވެފައިވާ ފާރަތްތަކާއި، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އެކަށީގެން ނުވާ ކުދި ޖާގައިގައި ދިރިއުޅެން ޖެހުމުގެ ސަބަބުން އަސާސީ ކަންކަން ހަމަޖެހިފައި ނެތް ފަރާތްތައް، މުޖުތަމަޢުގައި އެ ބަލި ފެތުރުނަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުންނާއި، މުޖުތަމަޢުގެ ހަމަނުޖެހުމާއި ނުރައްކަލަށް އެފަދަ ފަރާތްތައް ހުށަހެޅުން ކުޑަކުރުމުގެ ގޮތުން، މި ދަނޑިވަޅުގައި އެފަރާތްތައް ވަންނާނެ ވަގުތީ ހިޔާތައް ދައުލަތުގެ ކަމާގުޅޭ ފަރާތްތަކުން ހޯދައި ދިނުމަށް ވެސް 241 ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގެ އިގްތިޞާދު އެންމެ ބޮޑަށް ބަރޯސާވާ ސިނާޢަތަށްވާއިރު، ކޮވިޑް-19 ރޯގާގެ މި ދަނޑިވަޅުގައި އެ ސިނާޢަތަށް އަންނަމުންދާ ބަދަލުތަކާއެކު އެ ސިނާޢަތަށް ވާނެގޮތުގެ ފޯކާސްޓެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހެދިފައި ނުވާކަމަށް ކޮމިޓީއަށް ފާހަގަ ކުރެވޭތީ، ޓޫރިޒަމް ސިނާޢަތުގެ ފޯކާސްޓްތަކެއް ސަރުކާރުން އަވަހަށް ހަދައި ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ވެސް ހުށަހަޅާފައި ވެއެވެ. މީގެއިތުރުން، ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތަށް އަންނަމުންދާ ބަދަލުތަކަށް ބަލައި، ދިވެހިރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އިތުރު ސިނާޢަތްތައް ކުރިއެރުވުމަކީ މި ދަނޑިވަޅުގައި ކޮންމެހެން މުހިންމު ކަމެއްކަމުގައި ކޮމިޓީއަށް ޤަބޫލު ކުރެވޭތީ، ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅާއިރު ޓޫރިޒަމް ނޫން އެހެން ޢާމްދަނީ ލިބޭ ސިނާޢަތްތައް ކުރިއަރުވަން ކަމާބެހޭ ފަރާތްތަކުން ކުރަންޖެހޭ ކަންކަން އަވަހަށް ކުރުމަށް ވެސް ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ