ރައީސް މައުމޫން އަބްދުލް ގައްޔޫމް ގިނަ ދުވަސްތަކަކަށްފަހު މިރޭ ރާއްޖެ ވަޑައިގަތުމަކީ އިދިކޮޅު ހަރަކާތްތަކަށް ލިބިގެން ދިޔަ އިތުރު ހިތްވަރެއް ކަމަށް އިދިކޮޅު ޕާޓީ ތަކުން ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށްފަހު މާލެއިން ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނާއި މަޖިލިސް މެންބަރުން މަސައްކަތް ކުރެއްވުމުން ފުލުހުން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދުން އެބޭފުޅުން ހުއްޓުވާފަ އެވެ.
ޖުމްހޫރީ މައިދާން ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު ރައީސް މައުމޫން މިރޭ މާލެ ވަޑައިގަތުމަކީ އިދިކޮޅު ހަރަކާތްތަކަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށެވެ. ނަމަވެސް މާލެއިން ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް ފުލުހުންގެ ފަރާތުން އެބޭފުޅުންނަށް ފުރުސަތު ނުދެއްވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"ރައްޔިތުން އެކަންޏެއް ނޫން. ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އައި މީހުންނަށްވެސް އަޅުގަނޑުމެންނަށް ވެސް މިތަނަށް ނުވަދެވުނުކަން އެއީ ވަރަށް ދެރަ ކަމެއް. އެއީ ހަމަގައިމުވެސް މިއަދުގެ ސަރުކާރަށް ލިބޭނެ ކްރެޑިޓެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
އަބަދުވެސް ބޭނުންވަނީ ގައުމަށް ރަނގަޅު ގޮތް ވުމަށް ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އެބޭފުޅުން އިސްލާހީ މަސައްކަތް ކުރައްވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނުދާތީ ކަމަށެވެ. އަދި އިސްލާހީ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ކުރާ ކޮންމެ ކަމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ ރައީސް މައުމޫން މިރޭ މާލެ ވަޑައިގަތުމުން މިހާރު އެންމެ ބޮޑު އުއްމީދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ރާއްޖެ ވަޑައިގަންނަވާ މަންޒަރު ފެނިގެން ދިއުން ކަމަށެވެ.
ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު ވެސް ވިދާޅުވީ ރައީސް މައުމޫން ރާއްޖެ ވަޑައިގަތުމުން އުފާކުރައްވާ ކަމަށާ މިއީ އިސްލާހީ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށެވެ.
ރައީސް މައުމޫނާއިއެކު ގައުމު އިސްލާހުގެ މަގަށް ގެންދިއުމަށް ކުރާ މަސައްކަތުގައި ނަތީޖާ ލިބުން އަވަސްވާނެ ކަމަށާ އިސްލާހީ މަސައްކަތް ބާރަށް ކުރިއަށް ދާނެ ކަމަށް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވި އެވެ. ކުރަން ހުރީ އުދަގޫ މަސައްކަތްތަކެެއް ކަމަށާ ނަމަވެސް ސާބިތުކަން މަތީ ރައްޔިތުންނާއި ރައްޔިތުންގެ ލީޑަރުން ތިބޭނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް ފުލުހުން ހުރަސްއަޅާފައިވާތީ އެކަން ކުށްވެރިކުރައްވާ ކަމަށެވެ. މިރޭވެސް ފެނިގެން ދިޔައީ ސަރުކާރުގެ ހުދުމުހުތާރުކަން ކަމަށާ މިއީ ސަރުކާރު ބަލިކަށިވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ގައުމު އިސްލާހީ މަގަށް ގެންދިއުމަށް ފަށާފައިވާ މަސައްކަތް ކާމިޔާބުކޮށް މިސަރުކާރުގެ މައްޗަށް ކުރި ހޯދާތަން ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.
ރައީސް މައުމޫނަށް މަރުހަބާ ދެންނެވުމަށް ގުޅިފައިވާ ޕާޓީތަކުން އެއްނަންބަރު ޖެޓީ ސަރަހައްދުގައި ހަރަކާތްތަކެއް ހިންގުމަށް މިރޭ މަސައްކަތްކުރި ނަމަވެސް ފުލުހުން ވަނީ އާންމުން ފަހަތަށް ޖައްސުވާ ހަރަކާތްތައް ހުއްޓުވާފަ އެވެ.
ރައީސް މައުމޫން މާލެ ވަޑައިގަތުމުން އިތުރު ހިތްވަރެއް ލިބިއްޖެ: އިދިކޮޅު ޕާޓީތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ