"މިއީ ފެޝަނެއް ނޫން - ސްކޫލް ލޯގޯ ޖެހި މާސްކް އެޅުން މުހިއްމެއް ނޫން"

ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިއްމު އެއް ފިޔަވަޅަކީ މާސް އެޅުމެވެ. އެހެންކަމުން ކޯވިޑް-19އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު ސްކޫލް ހުޅުވޭއިރު މިބަލިން ރައްކާތެރިވުމަށްޓަކައި ދަރިވަރުން މާސްކް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ މަޖުބޫރުކޮށްފައެވެ. މިއާއެކު ބައެއް ފަރާތްތަކުން މިވަނީ ސްކޫލް ޔުނިފޯމްގެ ކުލައާއި ލޯގޯ ބޭނުންކޮށްގެން މާސްކް ހަދާ ވިއްކަން ފަށާފައެވެ.
ކޯވިޑް-19 އަކީ ގައިން ގަޔަށް އަރާ ބައްޔަކަށް ވުމާއެކު އެ ބަލިން ރައްކާތެރިވުމަށް މާސްކް އެޅުމަށް ސިއްޙީ މާހިރުން ދަނީ އިލްތިމާސްކުރައްވަމުންނެވެ. ޚާއްސަކޮށް ރާއްޖޭގައި މިހާރު މިބަލި ފެތުރެންފަށާފައިވާއިރު ބޭރަށް ނުކުންނަ އިރު މާސްކް އެޅުމަކީ މުހިއްމު ކަމެކެވެ.
ކޯވިޑް- 19 އާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށް ފަހު ސްކޫލްތައް އަލުން ހުޅުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އަންނަމަހުގެ 1 ވަނަ ދުވަހު ސްކޫލްތައް ހުޅުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމަވާފައެވެ. އަދި ސްކޫލްތައް ހުޅުވާއިރުވެސް އެންމެ ބޮޑު ސަމާލުކަމެއްދޭނީ ދަރިވަރުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ސްކޫލްތައް ކޮންމެ ދުވަހަކު ޑިސްއިންފެކްޓް ކުރުމާއި ސްކޫލްތަކުގައި ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ހުންބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ވަނީ އަންގާފައެވެ. މިކަންތައްތަކުގެ އިތުރުން އެންމެ ޚާއްސަ އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަވެގެންދަނީ ދަރިވަރުން ސްކޫލަށް ދާއިރާއި ސްކޫލްގައި އުޅޭ ހުރިހާ ވަގުތުތަކުގައި މާސްކް އަޅައިގެން އުޅުމަށް ނިންމުމެވެ.
ދަރިވަރުން ސްކޫލަށް ދާއިރު އަޅާ މާސްކު ހުންނަންވާނެ ކަމަށް އެޑިއުކޭޝަނުން މިނިސްޓްރީން އާންމުކޮށްފައިވާ މިންގަނޑުގައިވާ ގޮތުން މާސްކް ތައްޔާރުކޮށްފައި ހުންނަންވާނީ ތިން ލޭޔަރއަކަށެވެ. އަދި ސްކޫލަށް ދާއިރު އަޅައިގެން ހުންނަ މާސްކްގެ އިތުރަށްވެސް މާސްކެއް ދަރިވަރުން ގެންދަންޖެހެއެވެ. ސްކޫލްތައް އަލުން ފެށުމަށް އެންމެ 13 ދުވަހަށްވަނީ ވެފައެވެ. އެހެންކަމުން ދަރިވަރުން ސްކޫލަށް ފޮނުވުމަށް ބެލެނިވެރިން ތައްޔާރުވަމުންދާއިރު ދަރިވަރުންނަށް ބޭނުންވާ މާސްކް ތައްޔާރުކޮށް މާސްކް ހޯދުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް މާސްކަކީ މުހިއްމު ދައުރެއް އަދާކުރާ އެއްޗަކަށްވުމުން މިދުވަސްވަރު އެންމެ ޑިމާންޑު ބޮޑު އެކައްޗަކަށް ވެފައިވަނީ ވެސް މާސްކެވެ. މިދަނޑިވަޅުގައި ވިޔަފާރީގެ އުޞޫލުން މިފަދަ މާސްކްތައް ތައްޔާރު ކޮށް ބަޔަކު ދަނީ ވިއްކަމުންނެވެ. އެގޮތުން ސްކޫލް ޔުނިފޯމްގެ ކުލަޔާއި ސްކޫލްގެ ބެޖު ހަރުކޮށް މާސްކްހަދާ ބައެއް ފަރާތްތަކުން އެކި އަގުތަކުގައި ދަނީ ވިއްކަމުންނެވެ. ސްކޫލްތަކުގެ ލޯގޯ ޖަހައިގެން މާސްކް ތައްޔާރުކޮށް ވިއްކަމުންދާ މިދަނޑިވަޅުގައި އެޑިއުކޭޝަން މިނިސްޓްރީންވަނީ ހުއްދަނެތި މިގޮތަށް ސްކޫލްތަކުގެ ލޯގޯ ބޭނުންކުރަމުންދާތީ މިކަން ކުށްވެރިކުރައްވާފައެވެ.
އެގޮތުން ރާއްޖޭގެ ސްކޫލުތަކުގައި ބޭނުންކުރަމުން އަންނަ ބެޖުތަކަކީ އެ މިނިސްޓްރީގެ ފިކުރީ މުދަލެއްކަމަށާއި ސްކޫލު ޔުނިފޯމުގައި ބޭނުންކުރުމަށް ފަރުމާކޮށްފައިވާ ބެޖުތައް އެހެން އެއްވެސް ކަމެއްގައި ބޭނުންކުރަން ވާނީ އެ މިނިސްޓްރީގެ ހުއްދަ ލިބިގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.
މިވަގުތަކީ ވިޔަފާރީގެ އުޞޫލުން މިތަކެތި އުފައްދާ ވިއްކާ އަދި ގަންނަން ވީ ވަގުތެއް ނޫނެވެ.
ބައެއް ފަރާތްތަކުން ވިޔަފާރި އުޞޫލުން މާސްކް ވިއްކުމާ މިކަމާ ދޭތެރޭ ބެލެނިވެރިން އަމަލުކުރަންވީ ގޮތްތަކާ މެދު ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ ކޮންމެހެން އަގުބޮޑެތި މާސްކްތަކާއި އެކި ގޮތްގޮތަށް ޑިޒައިންކޮށްފައިވާ މާސްކްތައް އަޅާކަށް ނުޖެހޭކަމަށެވެ. ޤައުމަށް ދިމާވެފައިވާ މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންނަށްވެސް އިޤްތިޞާދު ކުރުމަށް ދަސްކޮށްދީ ވީހާވެސް އަގޮ ހެޔޮ އާދައިގެ ފޮތިން ތައްޔާރުކޮށްފައިވާ މާސްކް ބޭނުން ކުރުމަށް މިނިސްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.
"މިއީ ފެޝަނަކަށް އަޅާ މާސްކްތަކެއް ނޫން. މިއީ ދަރިވަރުންގެ ސިއްޙީ ރައްކާތެރިކަމަށްޓަކައި ނިންމާފައިވާ ނިންމުމަށް . ކޮންމެހެން މާސްކްތައް ވާކަށް ނުޖެހޭ ސްކޫލް ޔުނިފޯމް ކުލައިން ތައްޔާރުކޮށްފައިވާ މާސްކަށް. އަދި ސްކޫލްގެ ލޯގޯވެސް ޖަހާކަށް ނުޖެހޭނެ." އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައި ވަނީ މާސްކަކީ ސްކޫލް ޔުނިފޯމްގެ ބައެއްކަމަށެވެ. އެހެންނަމަވެސް އޭގެ މާނައަކީ ސްކޫލް ޔުނިފޯމްގެ ކުލައާއި ބެޖް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މާސްކް އަޅާށެކޭ ނޫނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަކި ހުއްދައެއްގެ މަތިން ސްކޫލް ބެޖް ވިއްކުމާއި ޔުނިފޯމް ތައްޔާރުކުރުމަށް ހުއްދަދީފައިވަނީ ވަކި ސްޓެންޑަޑެއްގައި ހިފެހެއްޓުމަށެވެ. ބައެއް ފަރާތްތަކުން މިގޮތަށް މާސްކްތައް ތައްޔާރުކޮށް ވިއްކަމުން ދިޔުމާ ގުޅިގެން ބައެއް ސްކޫލްތަކުން މިހާރު ވަނީ މިގޮތައް ތައްޔާރުކޮށްފައިވާ މާސްކްތައް ބޭނުންކުރުން މަނާވެސް ކޮށްފައެވެ.
ކޯވިޑް-19 އިން ރާއްކާތެރިވުމަށް ފުރަތަމަ ބޭނުންކުރަމުން ދިޔައީ ސަރޖިކަލް މާސްކެވެ. އެހެންނަމަވެސް މި މާސްކްތައް ލިބުމުގައި ދަތިވުމާއި އަގުބޮޑުވުމުގެ ސަބަބުން ބަޔަކު ފޮތިން މާސްކް ތައްޔާރުކޮށް ބޭނުންކުރަމުންދެއެވެ. އަދި ޑޮކްޓަރުންވެސް ވަނީ ފޮތި މާސްކް ބޭނުން ކުރިނަމަވެސް އެއިން ގެއްލުމެއް ނުލިބޭނެކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ފޮތި މާސްކް ބޭނުންކުރާއިރު މާސްކް ރަނގަކަށް ދޮވުމަށް ފަހު ބޭނުންކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ފޮތި މާސްކް ތައްޔާރު ކުރުމުގެ ގައިޑްލައިނެއްވެސް ހެލްތު ޕްރޮޓެކްޝަން އެޖްންސީންވެސްވަނީ އެކުލަވާލާފައެވެ. އެގޮތުން މާސްކް ތައްޔާރު ކުރާއިރު ދޭއް ނުވަތަ ތިން ލޭޔަރ ހިމަނައިގެން މާސްކްކަތް ތައްޔާރުކުރުމަށް ގައިޑްލައިންގައި ވަނީ ހިމަނާފައެވެ.
އަދި އެ މާސްކަކީ އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާވާވަރަށް ތައްޔާރުކޮށްފައިވާ މާސްކަކަށް ވާންޖެހެއެވެ. މީގެ އިތުރުން އަޅައިގެން ހުންނަ މާސްކަކީ ރަނގަޅަށް ނޭވާލެވޭވަރަށް ތައްޔާރުކޮށްފައިވާ މާސްކަކަށްވެސް ވާންޖެހެއެވެ.
ދެން އޮތީ ސްކޫލްތައް ހުޅުވޭއިރު މިގޮތަށް ތައްޔާރުކޮށްފައިވާ މާސްކްތައް ދަރިވަރުން ބޭނުންކުރޭތޯ ނުވަތަ ނޫންތޯ ބެލުމެވެ. ކޮންމެއަކަސް ކޯވިޑް 19 އިން ރައްކާތެރިވުމަށް ދަރިވަރުން ސްކޫލަށް ދާންޖެހޭނީ މާސްކް އަޅައިގެންނެވެ. އެނޫން ގޮތަކަށް ދަރިވަރުން ސްކޫލްތަކަށް ނުވައްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ