ރައްޔިތުން ސުވާލު އުފައްދަނީ ޕްރޮޖެކްޓްތަކާއި ގުޅިފައިވާ ކޮރަޕްޝަނާ އިސްރާފާމެދު: އަމީން

އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ ދިވެހިން ބޭނުންވާކަމާއިއެކު އެއްވެސް ރައްޔިތަކު ސުވާލެއް ނުއުފައްދާކަމަށާ ރައްޔިތުން ސުވާލު އުފައްދަނީ ޕްރޮޖެކްޓްތަކާއި ގުޅިފައިވާ ކޮރަޕްޝަނާ އިސްރާފާމެދުކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރިން ޓްރާސްޕޯޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަމީން އިބްރާހިމް މިހެން ވިދާޅުވީ މިއަދު އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މި ސަރުކާރުން ގައުމަށް ތަރައްގީ ގެނެސްދެއްވަމުން ގެންދަވާކަމަށާ ތަރައްގީގެ ދިދަ ނުޖަހާ އެއްވެސް ރަށެއް ނުބާއްވާނެކަމަށް ވިދާޅުވެ ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަމުން އަމީން ވިދާޅުވީ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ ދިވެހިން ބޭނުންވާކަމާއިއެކު އެއްވެސް ރައްޔިތަކު ސުވާލެއް ނުއުފައްދާކަމަށެވެ. އަދި އެ ތަރައްގީ ރައްޔިތުން އިންތިހާއަށް ބޭނުންވާކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ރައްޔިތުން ސުވާލު އުފައްދަނީ މަޝްރޫއުތަކާއި ގުޅިފައިވާ ކޮރަޕްޝަނާ އިސްރާފާމެދުކަމަށާ އަދި މަޝްއޫރުތަކުގެ ތަރްތީބާއިމެދުކަމަށެވެ. އެހެންކަމުން އެކަން އޮޅުވާނުލުމަށް އެދޭކަމަށް އަމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގައި ބޮޑެތި ބިޔަ މަޝްރޫއުތަކާއި، ތަރައްގީގެ އެކިއެކި މަޝްރޫއުތައް ހިންގަމުންދާކަމަށް ވަރަށް ބޮޑަށް ވާހަކަދައްކަމުންދާއިރު، ތަރައްގީގެ ނަމުގައި ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް ކުރިއަށް ގެންދާގޮތާއިމެދު ސިޔާސީ ޕާޓީތަކާއި، އާންމު ރައްޔިތުން އަދި ދުނިޔޭގެ މާލީ އިދާރާތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން މާލެ-ހުޅުލެ ބްރިޖްގެ މަޝްރޫއާއި، ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތުގެ މަޝްރޫއުކުރިއަށް ގެންދަނީ ދައުލަތަށް ވަރަށް ބޮޑަށް ގެއްލުންލިބޭގޮތަށް އެފަދަ އެތަށް މަޝްރޫއެއް ހިންގޭނެ ފައިސާ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޚަރަދުކުރުމަށްފަހުކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ރަށްރަށުގައި ހިންގާ ފެނާއި، ނަރުދަމާގެ މަޝްރޫއުތަކާއި، ބަދަރާއި، މަގު ހެދުންފަދަ މަސައްކަތްތައްވެސް ކުރިއަށްގެންދަނީ އަޑިނުފެންނަފަދަ ގޮތަަކަށް ރައްޔިތުންގެ މާލިއްޔަތުން އެތަށް ފައިސާއެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް އެފަރާތްތަކުން ބުނެއެވެ.
މީގެ އިތުރަށް ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތައް އެއްވެސް ދިރާސާކުރުމެއްނެތި ކުރިއަށް ގެންދިއުމާއި، އެފަދަ މަޝްރޫއުތައް ނުނިމި ދިގުލައިގެންގޮސް، އަދި ބައެއް ހާލަތްތަކުގައި އެތަށް ފަހަރަކު މަރާމާތުކުރަންޖެހުންފަދަ ކަންކަންވެސް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ. އަދި ބޮޑެތި މަޝްރޫއުތައް ހިންގާއިރު، ދައުލަތާއި ރައްޔިތުން ދަރަނިވެރިވާގޮތަށް ދައުލަތުގެ މާލީ ހާލަތަށް ބެލުމެއްނެތި ކުރިއަށްގެންދިއުންވެސް އެފަރާތްތަކުން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ