ކަނޑުތައް ހިމާޔަތްކުރުމަށް ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތްކުރުން ނޫން ގޮތެއް ނެތް: އަބްދުﷲ ޝާހިދު

ކަނޑު ހިމާޔަތްކުރުމުގައި ހުރިހާ ގައުމުތަކަކުން ގުޅިގެން މަސައްކަތްކުރުން ނޫންގޮތެއް ނެތްކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ކަނޑުތަކާ، ކަނޑުތަކުގެ ގާނޫނާ ބެހޭ ގޮތުން އދ. ގެ އާންމު މަޖިލީހުގައި ބޭއްވި ޕްލިމިނަރީ ޖަލްސާގައި، ވާހަކަދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުން ހުއްޓުވުމަށްޓަކައި ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް އަމަލުކުރުން ހަރުދަނާކުރަން ޖެހޭ ކަމަށާއި، ކަނޑުގެ ބޭނުންތަކަށް އިޖާބަދީ މަލްޓިލޭޓަރަލް ވަސީލަތެއްގެ ތެރެއިން ކަނޑުގެ މައްސަލަތައް ހައްލުކުރުން ނޫންގޮތެއް ނެތްކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑުތައް ތަޣައްޔަރުވުމާއި، ދިރޭތަކެތީގެ ނަސްލު ނައްތާލުމާއި، އިންވޭސިވް ސްޕީޝީޒްއާއި، ގަވާއިދާ ޚިލާފަށް ރިޕޯޓްނުކޮށް ބެލެހެއްޓުމެއްނެތި ކުރާ މަސްވެރިކަން އިތުރުވެގެން ދިޔުމަކީ ކަނޑުތައް ނުރައްކަލަށް ހުށަހެޅޭ ކަމެއްކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ޕްލާސްޓިކާއި، ކެމިކަލް އަދި އެނޫންވެސް އެފަދަ މާއްދާތަކުން ކަނޑުތައް ތަޣައްޔަރުވެފައިވާ ކަމަށާއި، އޭގެ ނުރަނގަޅު އަސަރު ކަނޑުތަކުގެ ދިރުންތަކުގެ އިތުރުން އިންސާނުންނަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ކުރާކަމަށެވެ.
މީގެއިތުރުން، މި މައްސަލަތަކާއި ނުރައްކާތަކަކީ އެންމެންނަށްވެސް އެނގޭ ކަމަކަށްވީނަމަވެސް، މިކަމުގައި އަމަލީގޮތުން މަސައްކަތްކުރުން ލަސްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަލްޓިލޭޓަރަލިޒަމްގެ އެހީތެރިކަމާއެކު ކަނޑުގެ ގާނޫނާ ބެހޭ އޮނިގަނޑެއް ފުޅާ ދާއިރާއެއްގައި ތަރައްގީކޮށް ބަލައިގަނެވިއްޖެ ކަމަށާއި، އދ. ގެ މަޖިލީހަކީ ކަނޑުގެ މައްޗަށް ދުނިޔޭގެ ފެންވަރުގައި ގަވަރނަންސެއް ގާއިމްކުރުމުގައި ކޮންމެހެން ބޭނުންތެރި މަޖިލީހެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން، ކަނޑުތަކާ ގުޅުންހުރި ހުރިހާ ސިނާއަތްތަކަށާއި، ހުރިހާ ދާއިރާތަކަކަށް އަސަރުކޮށްފައިވާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، އެކަމަކީ ކަނޑުތަކާ މުޖުތަމައު ގުޅިލާމެހިފައިވާ މިންވަރާއި، މިހާރުން މިހާރަށް އަދި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ސަބަބު ހަނދާންކޮށްދޭ ކަމެއްކަމަށެވެ.
2022 ވަނަ އަހަރަކީ ކަނޑުގެ ދިރުންތައް ހިމެނޭ ގޮތަށް، ތިމާވެށްޓާއި ގުޅޭ މުހިންމު ބައްދަލުވުންތައް ބޭއްވޭނެ އަހަރަކަށް ވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އަންނަ އަހަރަކީ ކަނޑުތަކާބެހޭ ބައިނަލްއަގްވާމީ މުއާޙަދާއަށް ސާޅީސް އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ކަނޑުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެ މުއާޙަދާގެ ރޯލު މިހާރަށްވުރެ ހަރުދަނާކޮށް އެއަށް އަމަލުކުރުމަށް ޝާހިދުވަނީ ގައުމުތަކަށް ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ