ފުނަދޫގައި ދޮޅު ގަޑިން ދޮޅު ގަޑިން ކަރަންޓު ކެނޑޭނެ، މާދަމާ ސްކޫލްގައި ކިޔެވުން ވެސް ނެތް

ށ. ފުނަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާއެކު ދުވާލުގެ ވަގުތުތަކުގައި ދޮޅު ގަޑިން ދޮޅު ގަޑިން ރަށުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑޭތީ އެތައް ތަކުލީފަކާ ރަށުގެ ރައްޔިތުން ކުރިމަތިލާން ޖެހިއްޖެއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު "ސަންް"އަށް ވިދާޅުވީ މި މައްސަލަ ދިމާވާން މެދުވެރިވީ ރަށުގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެންކަމަށެވެ. "މިއަދު މެންދުރު ދިމާވި މި މައްސަލައާ ގުޅިގެން ބައިގަޑިން އަޅުގަނޑުމެން އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަމުން އެބަ ގެންދަން. އެހެންނަމަވެސް މިރޭ މިވަގުތު ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާނީ. އެކަމަކު ލޯޑު ދަށްވީމާ އެއީ. އަދި ހައްލު ލިބުނީކީއެއް ނޫން،" އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި މައްސަލަ ދިމާވީ ރަށުގައި ކަރަންޓު ދިނުމަށް 800 ކިލޯވޯޓުގެ ޖަނަރޭޓަރު މަރާމާތަށް ބޭނުންކުރުން ހުއްޓާލާފައި ވަނިކޮށް މިހާރު ބޭނުން ކުރަމުން އަންނަ 200 ކިލޯވޯޓުގެ ޖަނަރޭޓަރު މައްސަލަ ޖެހުމާ ގުޅިގެންކަމަށެވެ. އެހެންކަމުން މިހާރު ކަރަންޓު ދެމުން އަންނަނީ އެންމެ ދެ ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ. "މި ދެ ޖަނަރޭޓަރުން މިހާރުގެ ލޯޑު ނުހިފަހައްޓަނީ. އެއީ މި ދިމާވެގެން އުޅޭ މައްސަލައަކީ. އެހެންވީމާ މި ވާ ގޮތަކީ ބައިގަޑިން ބައިގަޑިން ކަރަންޓު ކަނޑަނީ. މާދަމާ ވެސް ހަމަ މިކަން މިހެން ހިނގާނެ،" އިބްރާހިމްފުޅު ވިދާޅުވިއެވެ. ފުނަދޫގައި މިގޮތަށް ކަރަންޓު ކެނޑޭތީ މާދަމާ އެ ރަށު ސްކޫލްގައި ކިޔެވުން ކުރިއަށް ނުގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އިބްރާހިމްފުޅު އިތުރަށް ވިދާޅުވީ މި މައްސަލަ ހައްލުކުރުމުގެ ގޮތުން ތިލަފުށިން ޖަނަރޭޓަރެއް ގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. "އަސްލު ވަރަށް ބޮޑު މައްސަލައެއް މިއީ. އެންމެ ކުޑަ ވަގުތުކޮޅަކަށް ވެސް ކަރަންޓު ކެނޑިގެން ދިއުމަކީ މައްސަލައެއް. އަޅުގަނޑުމެން ވެސް ހަމަ ގަބޫލްކުރަން،" އިބްރާހިމްފުޅު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ