މި 5 އަހަރު ނިމޭއިރު ބ.އަތޮޅުގެ ކަރަންޓުގެ ޙާލަތު ރަގަޅުވާނެ - ސަޢީދު

ބ.އަތޮޅުގެ ރަށްރަށަށް ޒަމާނީ ފުރިހަމަ ނިޒާމެއްގެ ދަށުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ނިމި މި 5 އަހަރުގެ ދައުރު ނިމޭއިރު ބ.އަތޮޅުގެ ކަރަންޓުގެ ޙާލަތު ރަގަޅުވާނެކަމަށް ފެކަނަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ބ.އަތޮޅުގެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތުގެ ޙާލަތު ބައްލަވާލެއްވުމަށްފަހު ފެކަނަ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ، އެއަތޮޅުގެ ރަށްރަށް ކަރަންޓު ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ކޭބަލް ނެޓްވޯކްތަކަކީ މިޒަމާނަށް އެންމެ އެކަށީގެންވާ ނެޓްވޯކްތަކެއްކަމުގައި ނުދެކޭކަމަށެވެ.
އަތޮޅުގެ ހުރިހައި ރަށެއްވެސް އޮތީ މިފަދަ ހާލަތެއްގައި ކަމަށާ، މިހާރުން މިހާރަށް ޙައްލުކުރަންޖެހޭ ރަށްތައް ދެނެގަގެ އެކަން ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ކޭބަލް ނެޓްވޯކް ބަދަލުކުރުމާއި ކަރަންޓު ފޯރުކޮށްދިނުމަށް އާ އިންޖީނުތައް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ސައީދުވިދާޅުވިއެވެ.
މިހާރުވެސް ބ.އަތޮޅުގެ ބައެއް ރަށްރަށުގެ ކަރަންޓް ނެޓްވޯކް ރަގަޅުކޮށް އާ އިންޖީނުގެތައް ޢިމާރާތްކުރުމުގެ މަސައްކަތާއި އޮފީސް ޢިމާރާތް ހެދުންފަދަ ކަންކަން އަންނީ ކުރަމުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ބ.ހިތާދޫގައި ޒަމާންތަކެއް ވަންދެން ބޭނުން ކުރަމުންއައި ބާ އިންޖީނުގެ ދޫކޮށްލުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު އަންނީ ކުރަމުންނެވެ. މިހާރު ކުރިއަށްދަނީ އެރަށުގައި ކަރަންޓް ފޯރުކޮށްދިނުމަށް އަޅާފައިއޮތް ކޭބަލް ބަދަލުކުރުމުގެ މަސައްކަތާއި އާއިންޖީނުގެއަށް އިންޖީނުތައް ބަދަލުކުރުމުގެ މަސައްކަތެވެ. ހިތާދުއެކޭ އެއްގޮތަށް ފުޅަދޫގައިވެސް އަންނަނީ މިމަސައްކަތްތައް ކުރަމުންނެވެ. މިދެއިންޖީނުގޭގެ ޚިދުމަތް އަންނަ މަސްތެރޭގައި ފޯރުކޮށްދިނުމަށް ފެކަނައިން ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ދޮންފަނުގައި އާ އިންޖީނުގެއެއް ހަދައި ޚިދުމަތްދޭން ވަނީ ފަށާފައެވެ. އޭދަފުށީ އިންޖީނުގޭގެ އިންޖީން ރޫމް ބޮޑުކުރުމުގެ މަސަކަތްވެސް ވަނީ މި ތިން އަހަރު ތެރޭގައި ކޮށް ނިންމާފައެވެ. އަދި ތުޅާދޫގައި އިންޖީނުގޭގެ އާއޮފީސް އިމާރާތެއް ހަދައި މަސައްކަތް މިހާރު ފަށާފައިވާކަމަށް ފެކަނަ ކުންފުނިން ވިދާޅުވެއެވެ.
ބ.އަތޮޅުގައި ފެނަކައިން ހިންގާ އެންމެ ބޮޑު އެއް މަޝްރޫޢަކީ ގޮއިދުއާއި ފެހެންދުއާއި ފުޅަދޫގެ ކަރަންޓް ސަރަޙައްދީ މަރުކަޒަކުން ގުޅާލުމަށް ކުރިއަށްގެންދާ މަސައްކަތެވެ. މިމަސައްކަތް ފެށުމުގެ ތައްޔާރީތަކެއް ވަމުންދާކަމަށާ، އަމާޒަކީ އަންނައަހަރު ނިމުމުގެ ކުރިން މިކަންކޮށްނިންމައި ރައްޔިތުންނަށް ޚިދުމަތް ދޭންފެށުންކަމަށް އަޙްމަދު ސައީދު ވިދާޅުވިއެވެ.
ގޮއިދޫ، ފެހެންދޫ، ފުޅަދޫ މިއީ އެއް ފަޅެއްތެރޭގައި އޮންނަ ތިންރަށެވެ. ސައީދު ވިދާޅުވީ އެއް ނެޓްވޯކަކުން ގުޅާލައި ޚިދުމަތް ދޭން ފެށިޖެނަމަ ތެލަށްކުރާ ހޭދައާ ޖައްވަށް ދޫކުރާ ސީއޯޓޫ ވަރަށްބޮޑުތަން މަދުވެގެންދާނެކަމަށެވެ.
"ތެލަށްކުރާ ޚަރަދު ވަރަށްބޮޑަށް ކުޑަވާނެ. އަދި ޖައްވަށް ބޭރުކުރާ ކަޅުދުން މަދުވެ، ހިންގުމުގެ ޚަރަދާއި ޚިދުމަތުގެ ފެންވަރު ހަމަގައިމުވެސް ރަގަޅުވެގެންދާނެ. މިހެން ބަދަލުވުމުން މިހާރު އެތިންރަށުގައި ބޭނުންކުރާ އިންޖީނުގެތަށް ބޭނުންކުރާނީ ބެކަޕް އިންޖީނުގެތަކެއްގެ ގޮތުގައި" އަޙްމަދު ސައީދު ވިދާޅުވިއެވެ.
ބ.އަތޮޅުގެ ކަރަންޓްގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އެއަތޮޅު ކިހާދޫ، ކުޑަރިކިލު އަދި ކެންދޫގައިވެސް އާ އިންޖީނުގެ ހަދައި ކޭބަލް ނެޓްވޯކް ބަދަލުކުރުމުގެ މަސައްކަތް ފަށަން ފެކަނައިން އަންނަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ