އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެންބަރު ކަމުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިިފިއެވެ.
އޭ.ސީ.ސީ.ގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާފައި މި ވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުން ޢިސްތިޢުފާ ހުށަހަޅުއްވާފައި ވާތީއެވެ. އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވަނީ އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީން އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ނިންމުމާއި ގުޅިގެންނެވެ.
އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން އެކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ވަނީ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ވަނީ ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށެވެ.
އޭސީސީގެ މެމްބަރުކަމަށް ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 17 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށެވެ. އެ ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ