އަލީ ވަހީދު ހައްޔަރުކުރުމުގެ އަމުރު އިނގިރޭސިން ދޭން އެދިފައެއް ނުވޭ: ކްރިމިނަލް ކޯޓު

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހައްޔަރުކޮށްގެން އަނބުރާ ރާއްޖެ ގެނައުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ދިނުމަށް ފުލުހުން ބުނެފައިނުވާ ކަމަށް ކްރިމިނަކް ކޯޓުން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓަރ ކަމުގައި ހުންނެވިއިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ހުށަހަޅާފައި ވަނިކޮށް ހަތަރު މަސްދުވަހަށް ބޭސްފަރުވާއަށް ކަމަށް ބުނެ އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުވެގެން 4 މަސް ދުވަހުގެ މުއްދަކަށެވެ.
ނަމަވެސް މުއްދަތު ފަހަނައަޅައިގެން ދިޔައިރުވެސް އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން ބަންދު ކޮށްގެން އަލީ ވަހީދު ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
އަލީ ވަހީދު ހައްޔަރުކުރުމަށް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒްކުރުން ލަސްވެފައިވަނީ، ކޯޓު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ނުލިބޭތީ ކަމަށާއި، ދެ ފަހަރެއްގެ މަތިން އިނގިރޭސި އަމުރަކަށް އެދި ކޯޓަށް ސިޓީ ހުށަހަޅާފައިވާނެ ކަމަށް ފުލުހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ނަމަވެސް އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުން ބުނެފައިވަނީ އަލީ ވަހީދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ދިނުމަށް މިއަދާ ހަމައަށްވެސް ފުލުހުން އެދިފައިނުވާ ކަމަށެވެ.
މިކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވެފައިވަނީ ކޯޓުން ނެރުނު އަމުރު ތަންފީޒްކުރުމުގައި ހުރަސްތަކެއް ހުރި ކަމަށާއި، އިންޓަޕޯލްވެސް ހިނގާނީ އެކި ގައުމުތަކުގެ ޖުރިސްޑިކްޝަންތަކުގައި އެކި ގޮތަށް ކަމަށެވެ.
ދައުލަތުން އަލީ ވަހީދުގެ މައްޗަށް އުފުލާފައިވަނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވައާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދައުވާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ