ޖޭއެސްސީގެ މެމްބަރު ކަމަށް އީސާފުޅު އައްޔަން ކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު އީސާފުޅު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އީސާފުޅަށް ޖޭއެސްސީގެ މެންބަރު ކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.
އީސާފުޅަށް ޖޭއެސްސީގެ މެންބަރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެވެ.
އީސާފުޅު ޖޭއެސްސީއަށް އައްޔަންކުރީ ދަށު ކޯޓުތައް ތަމްސީލް ކުރާ ފަނޑިޔާރުގެ ގޮތުގަ އެވެ.
ދަށު ކޯޓު ތަކުން ޖޭއެސްސީއަށް އައްޔަންކުރާ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން އީސާފުޅުގެ އިތުރުން ކުރިމަތިލެއްވީ ޑްރަގް ކޯޓުގެ އެހެން ފަނޑިޔާރެއް ކަމުގައިވާ ޒުބައިރު މުހައްމަދު އާއި، ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު އާއި އަދި ފ. މަގޫދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލައިމާން އެވެ.
މި ހަތަރު ބޭފުޅުންގެ މެދުގައި ކުރިއަށް ދިޔަ އިންތިހާބު އީސާފުޅު ކާމިޔާބު ކުރެއްވީ 84 ވޯޓުންނެވެ. ޒުބައިރަށް 63 ވޯޓް، އަލީ ނަސީރަށް 12 ވޯޓް އަދި އަބްދުއްސައްތާރަށް ހަތް ވޯޓް ލިބިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ