ކޯވިޑް-19: ގަދަ ވެގެން އުޅޭ ޒުވާނާ އަށް – ކަލޭގެ މަންމަ ނުވަތަ މާމަގެ ފުރާނައަށް ނުރައްކާ ކުރަން އޯކޭތަ؟

ދިވެހި ޒުވާނުންނަކީ އަޖައިބެއްފަދަ ބައެކެވެ. ހުރިހާ ޒުވާނުން ނޫނެވެ. އެހެންނަމަވެސް މާލޭގެ މަގުތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު ކޮރޯނާ ވައިރަސް އާއި ދޭތެރޭ ދިވެހި ޒުވާނުންގެ ސީރިއަސް ކަމެއް ނުފެނެއެވެ. މީ ވަރަށް ހިތާމަ ހުރި ކަމެކެވެ. ކޮރޯނާ ވައިރަސް އަކީ ޒުވާނުންނަށް އޮތް ނުރައްކަލެއް ނޫނޭ ބުނެ ރަށުތެރޭގަ ބުރުޖަހަނީއެވެ.
ފުރަތަމަ ކަމަކަށް ކޯވިޑް 19 އަކީ ޒުވާނުނަށް އޭގެ ސަބަބުން ފުރިހަމަ ރައްކާތެރިކަމެއް ލިބިގެންވާ ވައިރަހެއް ނޫންކަމަށް ޑަބްލިއުއެޗް އިން ވަނީ ވަރަށް ސާފުކޮށް ބުނެފައެވެ. އެހެންކަމުން ޒުވާނުންގެ ވިސްނުން ބަދަލުވާންޖެހެއެވެ. ފުރަތަމަ ގަބޫލުކުރަންވީކަމަކީ ކޯވިޑް 19 އަކީ ޒުވާނުންނަށް ވެސް ހުރި ނުރައްކަލެއް ކަމެވެ. ތެދެކެވެ. ޒުވާނުން ބަލިން ރަނގަޅުވުމުގެ ފުރުސަތު ބޮޑެވެ. އެހެނަސް އެއީ ޔަގީންކަމެއް ނޫނެވެ. ތިޔަ ޒުވާނާ އަށް ބަލިޖެހިގެން އޮންނަ އިރު އާއިލާ އާއި އެކުވެރިން ކުރާނެ ހިތާމައަށް ވިސަނާލިންހެއްޔެވެ. ދެން ވިސްނާލަމާ ހިނގާށެވެ. ތިޔަ ޒުވާނާ އަށް ބަލިޖެހިފައި ރަނގަޅު ވީއެވެ. އެކަމަކު ތިޔަ ޒުވާނާ އާއި އެކު އުޅޭ މުސްކުޅި މަންމަ/ބައްޕަ ނުވަތަ މުސްކުޅި މާމަ/ކާފަ އަށް މި ބަލި ޖެހުނަސް އޯކޭ ހެއްޔެވެ. އެ މީހުން މި ބަލީގައި ދުނިޔޭން ވަކިވުން ހަމަ އޯކޭ ހެއްޔެވެ.
އެއީ ތިމާ ދެކެން ބޭނުންނުވާ ދުވަހެއް ނަމަ ތިއަށް ވުރެ ވިސްނަން އެބަޖެހެއެވެ. ދެން ތިޔަ ޒުވާނާ ސުވާލެއް ކޮށްފާނެއެވެ. ” އެކަމަކު ރާއްޖޭގައި ކޮރޯނާ ވައިރަސް އެއް ނުފެތުރެއެއް ނޫންހެއްޔެވެ؟” މި ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. އެކަމުގައި އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ. އެއްވެސް ޔަގީންކަމެއް ނެތެވެ. ކޮރޯނާ ވައިރަސް ދަނީ ބާރު މިނުގައި މުޅި ދުނިޔެއަށް ފެތެރެމުންނެވެ. ފަހަރެއްގައި ނޭނގި ނަމަވެސް ކޮރޯނާ ވައިރަސް އަށް އެކްސްޕޯސް ވެފަ ހުރެދާނެއެވެ. އަދި މި ބަލި ހުރި މީހާ އަށް އޭނާގެ ހަށިގަނޑުގައި އެ ބަލި ހުރިކަމެއް ނޭނގި ވެސް ހުރެދާނެއެވެ.
އޭ ޒުވާނާއެވެ. ތިބާ ނުވަތަ ތިބާގެ އާއިލާގެ މީހަކު ބަލި އެނދުގައި ތިބާގެ ފަރުވާކުޑަކަމުން ބާއްވަން ނުޖެހެނީސް ވިސްނާށެވެ. ސޯޝަލްމީޑިއާގައި މޮޅު ސްޓޭޓަސް ލިޔުމަކުން ނުނިމެއެވެ. ފަރުދީ ޒިންމާ ނަގާށެވެ. ގޭގައި ހުންނާށެވެ. ހެޔޮ ހާލުގައި ހުރިއްޔާ އެއް ކޮފީ އިން އަނެއް ކޮފީ އަށް އަދި މާލެ ވަށާ ބުރުޖަހާނެ ދުވަސް އަންނާނެއެވެ. މިވަގުތަކީ އަމިއްލަ އެދުން އިސްކުރަންވީ ވަގުތެއް ނޫނެވެ. މިވަގުތަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭންވީ ވަގުތެވެ. އެހެންކަމުން ޒަރޫރޫ ބޭނުމެއްގައި ނޫނީ ބޭރަށް ނުނުކުންނާށެވެ. ގިނަގިނައިން އަތް ދޮންނާށެވެ. އެޗްޕީއޭގެ އެންގުންތަކަށް ތަބާވާށެވެ. އިރާދަކުރެއްވިއްޔާ މި ބަލި މަޑުކަމުން އަރައިގަނެ ފާގަތި ދުވަސްތަކަށްކަށް  ދާދި އަވަހަށް އަލި ވިލޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ