ކޮވިޑް 19ގެ ސަބަބުން ކައިވެނިކޮށްދިނުން މެދުކަނޑާލާފައި އޮތުމަށްފަހު، މާދަމާއިން ފެށިގެން އަލުން ކައިވެނިކޮށްދޭން ފެމިލީ ކޯޓުން ނިންމައިފިއެވެ.
ފެމިލީ ކޯޓުގެ ރަޖިސްޓްރާ އަހުމަދު ނަޝީދު "ވަން" އަށް ވިދާޅުވީ، އަލުން ކައިވެނިކޮށްދޭން ނިންމީ ބަންދު ދިގުލައިގެންދާނެ މުއްދަތެއް ނޭނގޭތީ ކަމަށެވެ. އެގޮތުން ހަފްތާއަކު ދެ ދުވަހު ކައިވެނި ކޮށްދޭ ގޮތަށް މިހާރު ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން ގޭގެއަށް ގޮސް ކައިވެނިކޮށްދިން ނަމަވެސް މިހާރު އެކަން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ކޯޓުގައި ކައިވެނިކޮށްދިން ނަމަވެސް، ކައިވެނީގެ މަޖިލީހުގައި ބައިވެރިވެވޭނީ ކައިވެނިކުރާ ދެ މީހުންނާއި ހެކިވެރިންގެ އިތުރުން ވަލީ ވެރިޔާއަށް ކަމަށް ވިދާޅުވިއެވެ.
"ކުރިން އަޅުގަނޑުމެން ކޯޓު ރޫމުގައި ޖާގަ އޮންނަ ވަރަކުން އެއް ކައިވެންޏަށްވުރެ ގިނަ ކައިވެނި އެބަކޮށްދެން އެއް ފަހަރާ، އެހެން ނަމަވެސް މިހާރު ފަހަރަކު ކައިވެންޏެއް ކޮށްދޭ ގޮތަށް ހަމަ ޖައްސާފައިއޮތީ،" ނަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަލަށް ކައިވެނިކުރާ މީހުން ކައިވެނީގެ ކުރިން ހަދާ ކޯސް މިދުވަސްކޮޅު ހަދަން ނުޖެހޭނެ ކަމަށާއި ނަމަވެސް އެކޯހާބެހޭ ޕްރެޒެންޓޭޝަން އެފަރާތްތަކަށްދޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.
ކައިވެނީގެ އިތުރުން ވަރި ސާބިތުކޮށްދިނުމާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ދަރިންގެ މައްސަލަތަކުގެ އަޑުއެހުންތައް ވެސް ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ. ނަމަވެސް ކޮންމެ ސެކްޝަނަކުން ވެސް ބަލާނީ ދުވާލަކު އެއް މައްސަލައެވެ.
ނަޝީދު ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައިވާ ދުވަސްތަކުގައި ވެސް ގެވެށި އަނިޔާގެ މައްސަލަތަކާއި ދަރިންގެ މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ދުވަސްތަކުގައި އެފަދަ 11 މައްސަލައެއްގެ އަޑުއެހުން ކުރިއަށް ގެންދިޔަ ކަމަށެވެ.
ފެމިލީ ކޯޓުން ވަނީ ކޮވިޑް 19އާ ގުޅިގެން އެކޯޓުގެ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ގޮތް ހަމަޖައްސައިފައެވެ. އެގޮތުން ކައިވެންޏާބެހޭ ފޯމުތައް [email protected] އަށް އަދި [email protected] އަށް ކަމަކާގުޅޭ މައްސަލައެއް މެއިލްކުރަން އެކޯޓުން އެދެއެވެ.
ފެމެލީ ކޯޓުން ހަފްތާއަކު ދެ ދުވަހު ކައިވެނިކޮށްދޭން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ