ފޭދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ބާތިލު ކުރަން ސިވިލް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޭދޫ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރަށްވާ މުހައްމަދު ނިހާދުގެ ކެންޑިޑެސީ ބާތިލްކުރަން، ނިހާދު އާއި ވާދަކޮށް ޕްރައިމަރީގައި ނާކާމިޔާބުވި ފޭދޫ ދާއިރާގެ މިހާރުގެ މެމްބަރު އަލްހާން ފަހުމީގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމުން އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ވައްދައިފިއެވެ.
އަލްހާންގެ ފަރާތުން އެމައްސަލާގައި ވަކާލާތު ކުރައްވާ އޭނާގެ ކޮއްކޮ ނޫރުބާން ފަހުމީ ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިއަދު ހެނދުނު ކަމަށާއި ނަމަވެސް، ސިވިލް ކޯޓުން އެ މައްސަލަ ބަލައި ގަތުމާއި މެދު ގޮތެއް ނިންމުމަށް ފަހު އަންގާފައި ނުވާ ކަމަށެވެ.
އެމައްސަލަ ހައިކޯޓުން ބަލައި ނުގަތީ ޕާޓީގެ އެތެރޭގެ އިންތިޚާބެއްގެ މައްސަލަ ހައި ކޯޓަށް ނުބެލޭނެތީ ކަމަށް ބުނެއެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލުކޮށް ކެންޑިޑޭޓްގެ ކެންޑިޑެންސީ ބާތިލުކޮށްދިނުމަށް އަލްހާން ކޯޓަށް މައްސަލައެއް ވައްދާފައިވާއިރު ޕްރައިމަރީގެ ނަތީޖާ އިއުލާން ކުރި ހިސާބުން ފަށައިގެން އަލްހާން ވިދާޅުވަމުން ގެންދަނީ ޕްރައިމަރީ ކުރިއަށްދިޔައީ އިންސާފުވެރިކޮށް ނޫންކަމަށެވެ.
އަލްހާން ވަނީ އެ ދާއިރާއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ