ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުގެ ތަރުޖަމާނު ޙާޒިމް ޤާސިމް ޝަހީދުކޮށްލުމަށް ޔަހޫދީން ދިން ނިރުބަވެރި ޙަމަލާއަކުން އޭނާ ސަލާމަތްވެއްޖެއެވެ. ޙާޒިމަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދިން ޢުދުވާނީ ޙަމަލާތަކެއްގައި ހަ މީހުން ޝަހީދުވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޣައްޒާގެ ސަލާމަތީ މަޞްދަރަކުން ބުނީ، ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޙާޒިމް ދަތުރުކުރައްވާ ކާރަށް ކަމުގައެވެ. ޙަމަލާ ދިން ވަގުތު އޭނާ އެ ކާރުކޮޅުގައި ނެތް ނަމަވެސް، އެ ހާދިސާގައި އޭނާގެ ބޮޑީގާޑު ވަނީ ޝަހީދުވެފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ޔަހޫދީން ދިން ނިރުބަވެރި ޙަމަލާތަކުގައި 12 މީހުން ޝަހީދުކޮށްލައި، އިތުރު 20 މީހުން ޒަޚަމުކޮށްލާފައިވާ ކަމުގައި ޣައްޒާގެ އިދާރާތުން ހާމަކުރިއެވެ. މިއީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލުމުގެ އެއްބަސްވުމާ ޚިލާފު ޢުދުވާންތަކެކެވެ. 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން ހިންގަމުންދާ ޤަތުލުއާންމުގައި 73،118 ރައްޔިތުން ޝަހީދުކޮށްފައި، އިތުރު 173،615 މީހުން ޒަޚަމުކޮށްލާފައިވެއެވެ. މީގެ އިތުރުން، ޣައްޒާގެ ޢުމްރާނީ ވަސީލަތްތަކުގެ %90 ވަނީ ސުންނާފަތި ކޮށްލާފައެވެ.
މި ދަނޑިވަޅުގައި، ޣައްޒާގެ ޤަތުލުއާންމާ މެދު އިނގިރޭސިވިލާތުގައި ވެރިކަންކުރާ ލޭބަރ ޕާޓީން އެންމެ ފުރަތަމަ ގެންގުޅެފައިވާ ސިޔާސަތުތަކަށް، އެ ޕާޓީގެ ފަރާތުން ދެން ބޮޑުވަޒީރު ކަމުގެ މަޤާމާ ޙަވާޅުވެވަޑައިގަންނަވާނެ ކަމުގައި ބެލެވޭ އެންޑީ ބަރނަމް ވަނީ މަޢާފަށް އެދިވަޑައިގަންނަވާފައެވެ. އެ ޕާޓީން އެންމެ ފުރަތަމަ ޢަމަލު ކޮށްފައި ވަނީ އެންމެ ރަނގަޅަން ނޫން ކަމުގައި ބަރނަމް ވަނީ ވިދާޅުވެފައެވެ. މި އިޢުތިރާފަށް، އިނގިރޭސިވިލާތުގައި ހުންނަ ފަލަސްޠީނުގެ ސަފާރާއިން ވަނީ މަރުޙަބާ ކިޔާފައެވެ.
މީގެ އިތުރުން، ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އެޅުމަށް ފަލަސްޠީނުގެ ސަފާރާއިން ނެރުނު ބަޔާނެއްގައި ގޮވައިލާފައިވެއެވެ. ޚާއްޞަ ގޮތެއްގައި، ޔަހޫދީންނަށް ހަތިޔާރު ވިއްކުން ހުއްޓައިލުމަށާއި، ޤާނޫނާ ޚިލާފު ޔަހޫދީ އާބާދީތަކާއެކު ކުރާ ވިޔަފާރި މަނާކުރުމަށް ސަފާރާން އެދިފައިވެއެވެ. ފަލަސްޠީނުގެ ސަފީރު ޙުސާމް ޒަމްލޫތު ވިދާޅުވީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ އެއްގޮތަށް ޢަމަލީ ފިޔަވަޅުތައް އެޅުމަށް އިނގިރޭސިވިލާތަށް ގޮވައިލައްވާ ކަމުގައެވެ.
ޙަމާސްގެ ތަރުޖަމާނު ޝަހީދުކޮށްލަންދިން ޙަމަލާ ނާކާމިޔާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ