2-3 ގެ ނަތީޖާއަކުން އެވަޓަންގެ މައްޗަށް ކުރި ހޯދާ މެންޗެސްޓަރ ސިޓީ ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފި އެވެ.
މި މޮޅާއެކު ސިޓީ ލީގުގެ އެއްވަނައިގައި އޮތީ 80 ޕޮއިންޓާއެކީގަ އެވެ. ހަމަ މިއަދަދަށް ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލްއަށް ވެސް ޕޮއިންޓް ލިބިފައިވާއިރު ސިޓީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި މެޗުން ބަލިވި އެވަޓަން އޮތީ 69 ޕޮއިންޓާއެކީ ލީގުގެ 5 ވަނައިގަ އެވެ.
އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ވެސް އެވަޓަންއިންނެވެ. މި ގޯލް މެޗުގެ 11 ވަނަ މިނެޓްގައި އެވަޓަންއަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފިލްޑަރ ރޮސް ބާކްލީ އެވެ. ސިޓީއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން ގޯލް މެޗުގެ 22 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކުޅަދާނަ ފޯވާޑް ސާރޖިއޯ އަގުއޭރޯ އެވެ.
މި ގޯލަށްފަހު މާގިނަ އިރުތަކެއް ނުވެ އަގުއޭރޯގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
މި މެޗުގައި ފުރަތަމަ ފަހަރަށް ސިޓީއަށް ލީޑްނަގައިދިން ގޯލް މެޗުގެ 43 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަގުއޭރޯގެ ބަދަލުގައި ކުޅެން ނިކުތް އެޓީމުގެ ފޯވާޑް އެޑިން ޒެކޯ އެވެ. އަދި ސިޓީން މެޗުގެ ލީޑް އިތުރަށް ފުޅާކޮށްދިން ގޯލް ނަސްރީ ދިން ޕާހަކުން މެޗުގެ 48 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ޒެކޯ އެވެ. އެވަޓަންގެ ދެވަނަ ގޯލް މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.
ލީގުގައި ސިޓީއަށް އަދި ބާކީ ދެ މެޗު އޮތްއިރު އެ ދެ މެޗު ސިޓީން ކާމިޔާބުކޮށްފިނަމަ އެޓީމަށް މި ސީޒަނުގެ ޕްރިމިއަރ ލީގު ލިބޭނެ އެވެ.
ރޭ އެވަޓަން ވި ބައްޔާއެކު އެޓީމު ޗެމްޕިއަންސް ލީގަަށް ކޮލިފައިވުމަށް ކުރަމުން އައި އުއްމީދު ވަނީ ނިމުމަކަށް އައިސްފަ އެވެ. ރޭގެ ނަތީޖާ ނިކުތްގޮތުން އެވަޓަން ފަހަތަށް ޖައްސާލުމަށްފަހު ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ކަށަވަރުކޮށްފައިވަނީ އާސެނަލް އިންނެވެ. މިއީ އާސެނަލް ޗެމްޕިއަންްސް ލީގަށް ޖެހިޖެހިގެން ކޮލިފައިވި 17 ވަނަ ފަހަރެވެ.
އެވަޓަންގެ މައްޗަށް ކުރި ހޯދާ ސިޓީ ލީގުގެ އެއްވަނައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ