ރިޔާސީ ރޭހުން ނަން އަނބުރާ ގެންދަވަން ބޭނުން ނުވާ ކަމަށާއި އެކަން ކުރެއްވުން އެންމެ ރަނގަޅު ބޭފުޅަކީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ކަމަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ ނަޝީދުގެ ނަން އަނބުރާ ގެންދަވަން ތާއީދުކުރެއްވޭ އެތައް ސަބަބެއް އެބަހުރި ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ ރިޔާސީ ދައުރު ހަމަވާއިރު އިންތިހާބު ވެފައިވާ ރައީސަކު ހުންނާނެ އެއް ގޮތަކީ ޖުމްހޫރީ ޕާޓީ އާއީ ޕީޕީއެމްގެ ކެންޑިޑޭޓުންގެ ތެރެއިން ކޮންމެވެސް އެއް ބޭފުޅަކު "ދީނާއި ގައުމަށްޓަކައި" ނަން އަނބުރާ ގެންދެވުން ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެވެ.
ނަޝީދު "ޗާޓުން" ބޭރުވާނެ ކަމަށް ވިދާޅުވެ، އެގޮތަށް ގާނޫނާ ހިލާފަށް އަމަލުކުރައްވާފައި ވުމަކީ ނަން ގެންދެވުން ރަނގަޅު ސަބަބެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުން ދުރުކޮށް، ނަޝީދަށް ވެރިކަން ހޯދައި ދިނުމަށް މަސައްކަތް ކޮށްދެއްވީ ވެސް އޭނާ ކަމަށާއި ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ވެސް ކޮށްދެއްވީ ވެސް އޭނާ ކަމަށެވެ. އެ ސަބަބުތަކާ ހެދި ވެސް، މި ފަހަރު ރިޔާސީ ރޭހުން ދުރަށް ޖެހިވަޑައިގަތުން އެންމެ ރަނގަޅީ ނަޝީދު ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ "ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކުރުމަށް" ކަމަށާއި "ރޯޝަންކަން ހޯދައި ދިނުމަށް" ކަމަށެވެ.
ސެޕްޓެމްބަރު 7 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ގާސިމަށް ލިބިވަޑައިގަތީ ތިން ވަނަ އެވެ. އެ ނަތީޖާ ގަބޫލުނުކުރައްވައި އޭނާ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވުމުން އިންތިޚާބު ބާތިލުކުރި އިރު އެންމެ ގިނަ ވޯޓު ހޯއްދެވީ ނަޝީދެވެ. އަދި ދެ ވަނަ އަށް ވަޑައިގަތީ ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ.
މިހާރު އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ ނޮވެމްބަރު 9 ގަ އެވެ.
ނަޝީދުގެ ނަން އަނބުރާ ގެންދިއުން މާރަނގަޅު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ