ކުރީގެ މެމްބަރު ރަޝީދަށް އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯކަން ދީފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަން ކުރުމަށް ނިންމައިފި އެވެ."ހަވީރަ"ށް އެނގިފައިވާ ގޮތުގައި، ރަޝީދު އެ މަގާމަށް ހަމަޖެއްސުމަށް، އެމްޕީއެލްގެ ބޯޑުން މިދިޔަ ހޯމަދުވަހު ވަނީ ނިންމާފަ އެވެ. އަދި އޭނާ މަސައްކަތް ކުރެއްވުމަށް ހަމަޖައްސާފައި ވަނީ އެމްޕީއެލްގެ ދަށުން ހިންގާ ސ. ހިތަދޫ ޕޯޓުގައި ކަމަށް ވެސް ވެ އެވެ.އެހެން ނަމަވެސް، މިކަމާ ގުޅޭ ގޮތުން ރަސްމީ ފަރާތެއްގެ ބަހެއް އަދި ނުލިބެ އެވެ. އިދިކޮޅު އެމްޑީޕީގައި ހުންނެވުމަށް ފަހު، ވެރިކަންކުރާ ޕީޕީއެމަށް ޑިސެމްބަރު 2013 ގައި ސޮއިކުރައްވާފައިވާ ރަޝީދު މިއަދު "ހަވީރަ"ށް ވިދާޅުވީ އެމްޕީއެލްގެ މަގާމަކަށް ހަމަޖައްސާފައިވާ ކަމުގެ މައުލޫމާތު "ރަސްމީ ފަރާތަކުން" އޭނާ އަށް އިއްޔެ ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެކަމާ ގުޅޭ ލިޔުމެއް އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.އެމްޕީއެލްގެ އިސް މަގާމަކަށް ރަޝީދު ހަމަޖެއްސި އިރު، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މިހާރު އޮތީ ހެކިބަސް ނަގާ މަރުހަލާގަ އެވެ. އެ ދައުވާ އުފުލާފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު، ފެބްރުއަރީ 8، 2012 ގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިންނަށް ހަމަލާދިނުމަށާއި އިމާރާތްތަކަށް ގެއްލުންދިނުމަށް އޭނާ ގޮވާލި ކަމަށް ބުނެ އެވެ.އެ ދައުވާ ސާބިތުވެއްޖެ ނަމަ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ އަރުވާލުމުގެ ހުކުމެއް ރަޝީދުގެ މައްޗަށް އަންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ