ބުރާސްފަތި ދުވަހު ޝަރީއަތް އޮތަސް އޭގެ ކުރިން އުމަރު ވަޑައިގަންނަވާނެ ކަމަށް ނުބެލެވޭ: މިނިސްޓްރީ

ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ ޝަރީއަތަށް، އަންނަ ބުރާސްފަތި ދުވަހު އުމަރު ހާޒިރުވެ ވަޑައިގެންނުގެންފި ނަމަ އުމަރާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ގާޒީ ވިދާޅުވެފައިވީ ނަމަވެސް އަންނަ ހޯމަ ދުވަހުގެ ކުރިން އުމަރު މާލެ ވަޑައިގަންނަވާނެ ކަމަށް ނުބެލެވޭ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އުމަރުގެ މައްޗަށް ކުރާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ މިއަދުގެ ޝަރީއަތުގައި އެ މައްސަލަ ބައްލަވާ ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހުގެ އަޑުއެހުމަށް އުމަރު ހާޒިރުވެ ވަޑައިނުގެންފި ނަމަ އުމަރާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ދައުލަތުގެ ވަޒީރަކު ބަންދުކޮށްގެން ކޯޓަށް ގެނައުމަށް މަޖުބޫރު ނުކުރުމަށް ވެސް ގާޒީ އެދިވަޑައިގަތެވެ.
ހޯމް މިނިސްޓަރު އުމަރު މިހާރު ނެދަލެންޑްސަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ބެހޭގޮތުން މައުލޫމާތު ދެއްވުމަށްޓަކައި ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ އެ ދަތުރުފުޅަކީ ކުރިން ޝެޑިއުލް ކޮށްފައިވާ ދަތުރެއް ކަމަށްވާތީ އާއި ބޭރުގެ ބައެއް ވަފުދުތަކާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާތީ އެ ދަތުރުފުޅު ކުރުކޮށްލައްވައި އެނބުރި ވަޑައިގަންނަވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.
"މިހާރު ވެސް ފާހަގަކުރެވިއްޖެ އަބޫދާބީގެ ހޯމް މިނިސްޓަރާ ބައްދަލު ކުރައްވަން އޮތް ވާހަކަ، އެ ބޭފުޅުންނާ އެކު ކުރީ ބައިގައި އެޕޮއިންޓްމަންޓް ހަމަޖެހިފައި ހުރި ކަންކަމެއްގައި އެކަން ދޫކުރައްވާ ވަޑައިގަންނަވާނެ ހެނެއް ހިޔެއް ނުވޭ. މިއީ ޝެޑިއުލްކޮށްފައި ހުރި އެއްޗަކަށްވީމާ ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާނީ،" ތަޒްމީލް ވިދާޅުވި އެވެ.
ތަޒްމީލް ވިދާޅުވީ އިއްޔެއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އުމަރު ހުންނަވާނީ ރާއްޖެއިން ބޭރުގައިކަން ކޯޓަށް ވެސް އަންގާފައިވާނެ ކަމަށާއި ނަމަވެސް ގާޒީ މިއަދު ދެއްކެވި ވާހަކަތަކާ ބެހޭގޮތުން އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ. ނަމަވެސް އުމަރު މާލެ ވަޑައިގެން ކޯޓަށް ދެއްވަންޖެހޭ އެއްބާރުލުމެއް ދެއްވާނެ ކަމަށް ވެސް ތަޒްމީލް ވިދާޅުވި އެވެ.
"ހޯމް މިނިސްޓަރު ވަޑައިގަތީ ރަސްމީ ދަތުރެއްގައި. އަމިއްލަ ދަތުރެއްގައެއް ނޫން، ގައުމުގެ މުހިންމު އިޝޫތަކާ ގުޅޭ ކަމެއްގައި، އެއްގޮތަކަށް ވެސް ކޯޓުތަކަށް ފިއްލަވައިގެން އުޅޭ ބޭފުޅެއް ނޫން،" ތަޒްމީލް ވިދާޅުވި އެވެ.
ތަޒްމީލް އެގޮތަށް ވާހަކަ ދެއްކެވި ނަމަވެސް މިއަދު ކޯޓުގައި ބޭއްވި މަޖިލީހުގައި ގާޒީ އަބްދުﷲ ވިދާޅުވީ އުމަރު ހުންނެވީ ރާއްޖެއިން ބޭރުގައިކަން އަންގާ ހޯމް މިނިސްޓްރީން ސިޓީ ފޮނުވަނީ ޝަރީއަތް ބާއްވާ ދުވަހު ކަމަށެވެ. އަދި މިއަދަށް އަޑުއެހުން ތާވަލްކުރީ ވެސް މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން އުމަރު މާލެގައި ހުންނަވާނެ ކަމަށް ހޯމް މިނިސްޓްރީން ކޯޓަށް އެންގުމުން ކަމަށް ވެސް ގާޒީ އަބްދުﷲ ވިދާޅުވި އެވެ. ގާޒީ ވިދާޅުވީ އުމަރުގެ އެ އަމަލުފުޅުތަކަކީ ކޯޓަށް ދަތިކުރުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އުމަރުގެ މައްޗަށް ދައުލަތުން ޖިނާއީ ދައުވާކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ރާއްޖޭގެ އަމަން ކަމަށް ގެއްލުމެއް ލިބިދާނެފަދަ ވާހަކަ އުމަރު ދެއްކެވި ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ