އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމް ބާތިލްކޮށްދޭން ޖޭއެސްސީން އެދެފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން ސިވިލް ކޯޓުން ބާތިލުކުރުމަށް ކުރި ހުކުމް ބާތިލްކުރަން ޖޭއެސްސީން ހައި ކޯޓުގައި މިއަދު އެދެފި އެވެ.
އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި ރައީސް ނަޝީދާއި އޭރުގެ ސަރުކާރަށް ނިސްބަތްކޮށް ދިޓީވީގައި ދެއްކެވި ކަމަށް ބުނާ ވާހަކައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމުން އަބްދުﷲ ގާޒީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވި އެވެ. އަދި އެ ކޯޓުން ހުކުމްކުރީ ޖޭއެސްސީގެ ނިންމުން ބާތިލް ކަމަށެވެ. އަބްދުﷲ ގާޒީއާ މެދު ޖޭއެސްސީން ފިޔަވަޅު އަޅަން ނިންމީ "ރައީސް ނަޝީދާއި އެމަނިކުފާނުގެ ސަރުކާރު މިހާރު އުޅެނީ ސަރުކާރެއް ނޭވާ ހޮޅިއަށް އެޅިގެން އުޅޭއިރު އުޅޭގޮތަށް" ކަމަށް ގާޒީ ދިޓީވީގައި ވިދާޅުވި ކަމަށް ބުނެފަ އެވެ.
ޖޭއެސްސީގެ ނިންމުން ދަށު ކޯޓުން ބާތިލްކުރުމުން ހައި ކޯޓުގައި އިސްތިއުނާފްކޮށް މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ޖޭއެސްސީގެ ވަކީލް އަބްދުލްފައްތާހު ވިދާޅުވީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެންވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ގާޒީއާމެދު ފިޔަވަޅު އަޅާފައިނުވަނީސް ފިޔަވަޅު އެޅި ކަމަށް ސިވިލް ކޯޓުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޖޭއެސްސީއަށް ޖަވާބުދާރީވުމުގެ ހައްގު އޮއްވާ އެކަމުގެ ބޭނުންނުހިފާ އެ މައްސަލަ ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ. އަދި ގާނޫނީ ނިޒާމް ހަމަޖެހިފައި އޮންނަނީ ވެސް އެގޮތަށް ކަމަށް ފައްތާހު ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ދަށު ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮއްވާ އެގޮތަށް އަމަލުނުކޮށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަނޭޅޭނެ ކަމަށެވެ. އަދި ވަޒީފާއާބެހޭ މައްސަލަތައް ވަކި މުއްދަތެއްގެ ތެރޭގައި ޓްރައިބިއުނަލަށް ހުށަހެޅުމުގެ ހައްގު އޮންނައިރު އެ މުއްދަތު ތެރޭގައި ހުށަނާޅައި އޭގެފަހުން އެ މައްސަލަ އެ މައްސަލަ ޓްރައިބިއުނަލަށް ހުށަނޭޅޭނެ ކަމަށް ވެސް ފައްތާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ސިވިލް ކޯޓަށް ބަލައިގަތުމަށް ނިންމި ނިންމުމަކީ ވެސް ބާތިލް ނިންމުމެއް ކަމަށާއި ބާތިލް އިޖްރާއަތެއްގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުމަކީ ވެސް ބާތިލް ނިންމުމެއް ކަމަށެވެ. އެހެންކަމުން އޭނާ އެދިވަޑައިގަތީ ސިވިލް ކޯޓުގެ އެ ހުކުމް ބާތިލް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ދައުވާއަށް ޖަވާބުދާރީވަމުން އަބްދުﷲ ގާޒީގެ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ ޖޭއެސްސީގެ ވަކީލްގެ ވާހަކަތަކަކީ އެއްވެސް ބުރަދަނެއްހުރި ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ދިޓީވީގައި އަބްދުﷲ ގާޒީ އެހެން ބުނިކަން ހެކިންގެ ބަހުން އެނގެން ނެތް ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމީ ވުޖޫދުގައި ނުވާކަމެއްގެ މައްޗަށް ބިނާކޮށް ކަމަށާއި ނަމަވެސް ވުޖޫދުގައި ނުވާކަމެއްގެ މައްޗަށް ބިނާކޮށް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ދެ ފަރާތާވެސް ބައެއް ސުވާލުތައް ކުރިމަތިކޮށްފަ އެވެ. އެގޮތުން އަބްދުﷲ ގާޒީގެ މައްޗަށް ހުށަހެޅުނު ޝަކުވާގެ އަސްލަށް އަބްދުﷲ ގާޒީ އިންކާރުކޮށްފައިނުވާ ކަމަށް ތަހުގީގު ރިޕޯޓްގައި ބުނެފައިވާތީ އެކަމާ ގުޅޭގޮތުން ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ރިޒާ ވިދާޅުވީ ދިޓީވީއަށް އިންޓަވިއު ދިން ކަމަށް އަބްދުﷲ ގާޒީ އިންކާރު ނުކުރާ ކަމަށާއި ނަމަވެސް އޭރުގެ ސަރުކާރަށް ނިސްބަތްކޮށް އެ އިބާރާތުން ބުނި ކަމަށް އަބްދުﷲ ގާޒީ އިންކާރު ކުރާ ކަމަށެވެ. މީގެ އިތުރުން ވެސް ބައެއް ސުވާލުތައް ޖޭއެސްސީއަށާއި އަބްދުﷲ ގާޒީ އަށް ފަނޑިޔާރުން ކުރެއްވި އެވެ. އެ ސުވާލުތަކަށް ދެ ފަރާތުން ވެސް ވަނީ ޖަވާބުދީފަ އެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ފަހު، ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުއްރައޫފް ވިދާޅުވީ ދެ ފަރާތުން ވެސް އެކަށީގެންވާ ވަރަށް ވާހަކަ ދެއްކިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ. ރައޫފްގެ އިތުރުން ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު ޔޫސުފް ހުސައިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ