ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު މައުމޫންގެ ނިންމެވުން މިއަދު އިއުލާންކުރައްވަނީ

އަންނަ މަހު 30 ގައި ބާއްވަން ހަމަޖައްސާފައިވާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގެ ރައީސްކަން ކުރެއްވި މައުމޫން އަބްދުލް ގައްޔޫމް ވާދަކުރެއްވުމާ މެދު ނިންމެވި ގޮތް މިއަދު އިއުލާންކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
މައުމޫން "ހަވީރަ"ށް ވިދާޅުވީ ޕްރައިމަރީއާ ގުޅޭގޮތުން އެ މަނިކުފާނުގެ ނިންމެވުން ކުރިއަށް އޮތް ގަޑިއެއް ނުވަތަ ދެ ގަޑިއެއްހާ އިރު ތެރޭގައި އާއްމުންނަށް އެނގޭނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމުގެ މުއްދަތު ހުޅުވާލާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެމްބަރު މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އަދި އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސްކަން ކުރެއްވި އުމަރު ނަސީރު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ