ރިޔާސީ އިންތިހާބުގެ ކުރިން ދަށު ކޯޓުގައި ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދަން އެދިވަޑައިގެންފި

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ދަށު ކޯޓުގައި ކުރިއަށް ނުގެންދަން ނިންމައިދިނުމަށް އެމަނިކުފާނު ހައި ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
ނަޝީދު އެގޮތަށް އެދިވަޑައިގަތީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރާ ދައުވާއާ ގުޅިގެން ނަޝީދުގެ ފަރާތުން ހުޅުމާލޭ ކޯޓުގައި ނެގި އިޖްރާއީ ނުކުތާތަކުގެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގަ އެވެ. ނަޝީދުގެ ފަރާތުން އެ ނުކުތާތައް ހައި ކޯޓުގައި އިސްތިއުނާފްކުރީ އެ ނުކުތާތަކާ މެދު ހުޅުމާލޭ ކޯޓުން ނިންމި ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.
މިއަދުގެ ޝަރީއަތުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށްވާތީ އެމަނިކުފާނުގެ ކެންޑިޑެސީ ގެއްލުވާލުމަށް ސިޔާސީ ފަރާތްތަކުން ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ޝަރީއަތް އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ދަށު ކޯޓުގައި ކުރިއަށް ނުގެންދަން ނިންމައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. ދެ ފަހަރެއްގެ މަތިން ނަޝީދު އެގޮތަށް އެދިވަޑައިގަތުމުން ވެސް ފަނޑިޔާރުންގެ ބެންޗުން އެކަމާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
ޝަރީއަތަށް ބަޔަކު ނުފޫޒު ފޯރުވާކަމަށް ނަޝީދު ވިދާޅުވުމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ އެއްވެސް ފަރާތަކަށް ކޯޓުގެ މައްޗަކަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށެވެ.
ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ އިޖްރާއީ ތިން ނުކުތާއެކެވެ. އެއީ ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއަކާއި އެ ކޯޓަށް ހާޒިރުވުމުގެ އަމުރު ނަޝީދަށް ފޮނުވީ ރަނގަޅަށް ނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާއެއްގެ އިތުރުން އެ ކޯޓުގެ ޝަރީއަތެއް މާލޭގައި ނުބޭއްވޭނެ ކަމަށް ހުށަހެޅި ނުކުތާއެކެވެ. ނަމަވެސް ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހުކުމްކޮށްފަ އެވެ.
އެކަމާ ގުޅިގެން ނަޝީދުގެ ދިފާއީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ މަތީ ކޯޓުތަކުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވާންނުޖެހޭ ބައެއް ހާލަތްތައް އޮންނަ ކަމަށެވެ. އަދި އެ އުސޫލުތަކަށް ރާއްޖޭގެ ކޯޓުތަކުން މިހާރު ވެސް އަމަލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ސުޕްރީމް ކޯޓުގެ ހުކުމެކެވެ.
ސުޕްރީމް ކޯޓުގެ އެ ހުކުމުގައިވާ ގޮތުން ޖިނާއީ މައްސަލައެއް މީހެއްގެ މައްޗަށް ސާބިތު ކުރެވޭނީ "އެއްވެސް ޝައްކެއް ނެތް" މިންވަރަށް ސާބިތުވުމުން ކަމަށް ވި ނަމަވެސް އެ އުސޫލާ ހިލާފަށް ދަށު ކޯޓުތަކުން މިހާރު ވެސް ޖިނާއީ މައްސަލަތައް ސާބިތުކުރަމުން އަންނަ ކަމަށް އަފީފު ވިދާޅުވި އެވެ. ސަބަބަކީ ޖިނާއީ މައްސަލަތަކަކީ "އެކަށީގެންވާ ޝައްކެއް ނެތް" މިންވަރަށް ސާބިތުވާންޖެހޭ މައްސަލަތައް ކަމަށް ގާނޫނު އަސާސީގައި އޮންނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އޭނާ އެދިވަޑައިގަތީ ހުޅުމާލޭ ކޯޓުގެ ސައްހަކަމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިވި ނަމަވެސް އެ ނުކުތާއާމެދު ހައި ކޯޓުން ވެސް ގޮތެއް ނިންމައިދިނުމަށެވެ.
ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ ޝާއިރު ވިދާޅުވީ ކޯޓަށް ހާޒިރުވުމުގެ އަމުރު ނަޝީދަށް ފޮނުވީ ގާނޫނާ ހިލާފަށް ކަމަށާއި ގާނޫނާއި ހިލާފަށް ކަމެއް ފެށުމަށްފަހު އޭގެފަހުން ކުރާ ހުރިހާ ކަމެއް ވެސް ބާތިލްވާނެ ކަމަށް ސުޕްރީމް ކޯޓުގެ އަމުރަކުން އެނގޭ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ހުށަހެޅުއްވީ ބޯޑާ ކޮންޓްރޯލް މައްސަލަ ހައި ކޯޓުން ބެލިއިރު ފަނޑިޔާރުންގެ ބެންޗް ބަދަލުކޮށްފައިވާތީ އެ ބެންޗުގެ ހުރިހާ ނިންމުންތަކާއި އަމުރުތައް ބާތިލްކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރެވެ.
މިއަދުގެ ޝަރީއަތުގެ ޕީޖީގެ ވަކީލަށް ފުރުސަތު ދެއްވުމުން ޕީޖީގެ ވަކީލް އަބްދުﷲ ރާބިއު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދައްކަންޖެހޭ ވާހަކަތައް ކުރިން ދައްކާފައިވާނެ ކަމަށާއި އެހެންކަމުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލަމުން ފަނޑިޔާރު ޝުއައިބު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އެ މައްސަލައިގެ ހުކުމް މާދަމާ އިއްވާނެ ކަމަށެވެ. އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ޝުއައިބުގެ އިތުރުން ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އަބްދުއްރައޫފެވެ.
މިއަދުގެ އަޑުއެހުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ނަޝީދު ވިދާޅުވީ އެ ޝަރީއަތް އިންސާފުވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މިއަދުގެ ޝަރީއަތަށް ނަޝީދު ހާޒިރުކުރި ގަޑިއާ ދިމާކޮށް އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ވަނީ ކޯޓުތައް ހިމެނޭ ސަރަހައްދަށް އެއްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ