"ކޮމަންވެލްތާ އެކު ރައްޔިތުން" ގެ ނަމުގައި އެމްޑީޕީން ހިނގާލުމެއް ބާއްވައިފި

އަވަސް އިންތިހާބަކަށް ގޮވާލައި "ކޮމަންވެލްތާ އެކު ރައްޔިތުން"ގެ ނަމުގައި އެމްޑީޕީން ހިނގާލުމެއް ބާއްވައިފި އެވެ.
އުސްފަސްގަނޑާ ދިމާލުން މިއަދު ގާތްގަނޑަކަށް 30: 4 ހާއިރު ފެށި މި ހިނގާލުމުގައި ސަރުކާރުގެ ބައެއް އިސްވެރިންގެ އިސްތިއުފާ އަށް ގޮވާލާފައިވެ އެވެ. އެމްޑީޕީގެ އަންހެނުންނާއި ފިރިހެނުން ބައިވެރިވި މި ހިނގާލުމުގައި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
ހިނގާލުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތީ ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކެވެ. މާލޭގެ ބައެއް ބޮޑެތި މަގުތަކުގައި ހިނގާލުން ކުރިޔަށް ގެންދިއުމަށް ފަހު ނިންމާލީ ގާތްގަނޑަކަށް ހައެއް ޖަހަން އުޅެނިކޮށް އުސްފަސްގަނޑަށެވެ.
އެމްޑީޕީން ބުނީ މާލެއެކޭ އެއްގޮތަށް ބައެއް ރަށްރަށުގައި "ކޮމަންވެލްތާ އެކު ރައްޔިތުން"ގެ ނަމުގައި ހިނގާލުން ކުރިޔަށް ގެންދިޔަ ކަމަށެވެ. އެގޮތުން ގދ. ތިނަދޫގައި ބޭއްވި ހިނގާލުމުގައި ކުރީގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަތް ކަމަށް އެމްޑީޕީން ބުނެ އެވެ.
އެމްޑީޕީން މުޒާހަރާ ކުރިޔަށް ގެންދިޔައިރު ރައީސް މުހައްމަދު ވަހީދު ދިރިއުޅުއްވާ ގެކޮޅު، ހިލާލީގެ ހިމެނޭ ސަރަހައްދާއި ޖުމްހޫރީ މައިދާނަށް ވަދެވެން ހުރި މަގުތައް ވަނީ ފުލުހުންނާއި ސިފައިން ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ