ހަންގޭރީގެ ރަށެއް ކަމަށްވާ އަސޮތަލޮމްގައި މުސްލިމުންގެ މިސްކިތްތައް ބިނާކުރުމާއި، މުސްލިމުން އަންހެނުން ބުރުގާއެޅުންފަދަ އިސްލާމީ ހެދުން އެޅުން މަނާކޮށް އެ ރަށުގެ މޭޔަރު ނެރުނު ގަރާރު، ހަންގޭރީގެ ސްޕްރީމް ކޯޓުން ބާތިލް ކޮށްފިއެވެ.
އަސޮތަލޮމްގެ މޭޔަރުގެ ގަރާރުގައި މިސްކިތް ބިނާކުރުމާއި، ބުރުގާ އެޅުން މަނާކުރުމުގެ އިތުރުން، މުސްލިމް އަންހެނުން މޫދަށް އެރެން ބޭނުންކުރާ ހެދުން ކަމުގައިވާ ބުރުކިނީލުންވެސް މަނާކޮށްފައި ވެއެވެ.
ނަމަވެސް، ބުޑަޕެސްޓްގައި ހުންނަ ހަންގޭރީގެ ސްޕްރީމް ކޯޓުން މިއަދު ބުނެފައިވަނީ، މޭޔަރުގެ ގަރާރަކީ ހަންގޭރީގެ ގާނޫނުއަސާސީއާ ޚިލާފް ގަރާރެއް ކަމަށެވެ. އަދި އެކަމަކީ ބައެއްގެ އަސާސީ ހައްގުތަކެއް ނިގުޅައިގަތުން ކަމަށްވެސް ބުނެފައި ވެއެވެ.
މި ގަރާރު ނެރުނު މޭޔަރަކީ ހަންގޭރީގެ ދުރު-ކަނާތުފިޔައިގެ ހަރުކަށި ވިސްނުމުގެ ޕާޓީއެއް ކަމަށްވާ ޖޮބިކް ޕާޓީގެ ނާއިބް ރައީސް ލާޒްލޯ ޓޮރޮޒްކާއި އެވެ. މިގަރާރު ނެރެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ.
މިސްކިތް ބިނާކުރުމާއި، ބުރުގާ އެޅުން މަނާކޮށް ގަރާރު ނެރުމަށްފަހު މޭޔަރު ބުނެފައިވަނީ، އޭގެ ބޭނުމަކީ ބޭރު ގައުމުތަކުން ހަންގޭރީއަށް އަންނަ މީހުންގެ ފަރާތުން އަސޮތަލޮމްގެ މުޖުތަމައާއި، އާދަކާދަތައް ހިމާޔަތްކުރުން ކަމަށެވެ.
އަސޮތަލޮމްއަކީ ހަންގޭރީގެ ސާބިއާއާ އިންވެގެން އޮންނަ ރަށެކެވެ. އެރަށުގެ އާބާދީއަކީ 4،000 އެވެ. އޭގެ ތެރޭގައި ބޭރުން ހިޖުރަކޮށްފައިވާ މަދު ބަޔަކުވެސް ހިމެނެއެވެ. އެހެން ނަމަވެސް، މުޅި ހަންގޭރީގައި 40،000 މުސްލިމުންގެ އާބާދީއެއް ދިރިއުޅޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އަސޮތަލޮމްގައި މިސްކިތް ބިނާކުރުމާއި، ބުރުގާ އެޅުން މަނާކުރި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ ދަ ހަންގޭރިއަން އިސްލާމިކް ކޮމިއުނިޓީގެ ފަރާތުންނެވެ.
ހަންގޭރީގެ ބޮޑުވަޒީރު ކަމުގައި މިހާރު ހުންނެވި ކަނާތުފިޔައިގެ ވިކްޓަރ އުރުބާންއަކީވެސް ހިޖުރަކުރުމާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އޭނާ ހިޖުރަކުރުން ސިފަކުރައްވާފައިވަނީ "ޓެރަރިޒަމް ފެތުރޭ ވައިރަސް" ގެ ގޮތުގައެވެ.
ހަންގޭރީއާ ސާބިއާ ގުޅުނު ސަރަހައްދީ އިމުގައި ހަދާފައިވާ ކޭމްޕްތަކުގައި، ހިމާޔަތަށް އެދިގެން ހަންގޭރީއަށް އެތެރެވެފައިތިބި އެންމެން ހައްޔަރު ކުރާނޭ ކަމަށް ހަންގޭރީގެ ސަރުކާރުން މިދިޔަމަހު އިޢްލާން ކުރުމާ ގުޅިގެން އދއާއި ޔޫރަޕްގެ ގައުމުތަކުގެ ދެކޮޅުވެރިކަމާއި ނުރުހުން ހަންގޭރީއަށް އަމާޒުވެގެންދިޔައެވެ.
ޔޫރަޕަށް އެތެރެވާ ހިޖުރަވެރިން ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން ބެހުމަށް ޔޫރަޕްގެ އިއްތިހާދުން އެކަށިއެޅި ސްކީމްގައި ބައިވެރިވުމަށްވެސް ހަންގޭރީންވަނީ އިންކާރު ކޮށްފައެވެ.
މިސްކިތް ބިނާކުރުމާއި، ބުރުގާއެޅުން މަނާކުރި ގަރާރު ހަންގޭރީގެ ސްޕްރީމް ކޯޓުން ބާތިލް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ