އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވާނެ ކަމަށާއި ތައުލީމު އުނގެނުމުގައި ވެސް ދެ ޖިންސު ތަފާތުކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އަންހެނުން ނުވަތަ އަންހެން ކުދިންނަކީ މަތީ ތައުލީމު އުނގެނެންޖެހޭ ބައެއް ނޫން ކަމަށް ބުނެ ބައެއް އާއިލާތަކުގެ ތެރެއިން އަންހެނުންނަށް ތައުލީމު އުނގެނުމުގެ ފުރުސަތު ހަނިކުރާ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ދީނީ ބައެއް ވިސްނުންތަކުގެ ސަބަބުން ބައެއް މީހުން އެފަދަ ތަފާތުތައް ގެންގުޅުނު ނަމަވެސް ދީނުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވާނެ ކަމަށެވެ. އަދި ބަޔަކު އެފަދަ ވިސްނުން ގެންގުޅުނު ކަމަށްވީ ނަމަވެސް އެއީ އެބައެއްގެ ސަގާފަތުގެ ތެރެއިން އެކަން އައިސްފައިވާ ގޮތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަންހެނުންނަށް ލިބޭ ފުރުސަތުތަކުގެ އިތުރުން މައުމޫން ވަނީ މި މަހު ބާއްވާ ޕީޕީއެމްގެ ޕްރައިމަރީއަށް ވެސް އަލިއަޅުވާލައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ މި އަހަރުގެ ނޮވެމްބަރު 11 ގައި ރާއްޖޭގެ ރައީސްކަމުގެ ހުވާކުރައްވާނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ ޑިމޮކްރެޓިކް އުސޫލުން ހިނގާ ވަރަށް ހަރުދަނާ ޕާޓީއެއް ކަމަށާއި އެ ޕާޓީން އެހެން ޕާޓީތަކަށް މިހާރު އެ ދައްކައިދެނީ ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް ކަމަށެވެ. މައުމޫން ވިދާޅުވީ ޕްރައިމަރީ އަކީ ވެސް އިންތިހާބަކަށް ވާތީ ވާދަވެރިކަން އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް އެއްވެސް ބޭފުޅެއްގެ ޒާތީ ކަންތައްތަކާއި ނުކުރެވޭ ކަންތައްތަކުގެ ވާހަކަ ނުދައްކަވާނެ ކަމަށް ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީނާއި އުމަރު ނަސީރު ވެސް ވިދާޅުވެފައިވާ މައުމޫން ވިދާޅުވި އެވެ. އަދި އެއީ އެކަން އޮންނަންޖެހޭ ގޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަޖެހޭ މިކަންތައްތަކުގައި އަޅުގަނޑުން ކަންތައް ކުރާނެ ގޮތް ރައްޔިތުންނަށް އަންގައިދޭން. މިސާލަކަށް އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގައި ކިހިނެތް ތޯ ކަންތައް ކުރާނީ؟ ޒުވާނުންގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި، ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމުގައި، އަދި އިގްތިސާދީ ކުރިއެރުން، އަދި ރާއްޖޭގައި އަމަންއަމާންކަން ގާއިމްކޮށް، ކުށްކުރުން މަދުކުރަން، މިކަހަލަ ބައިވަރު ކަންތައްތަކާ ބެހޭގޮތުން އަޅުގަނޑުމެން އެބަޖެހޭ ވާހަކަ ދައްކައި ބަހުސް ކުރަން،" މައުމޫން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ޔާމީނާއި އުމަރު ވެސް ބައިވެރިވެވަޑައިގަތެވެ.
ދީނުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަވާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ