މިދިޔަ އަހަރު ހައި ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ދަށަށް ހިނގައްޖެ
މިދިޔަ އަހަރު ހައި ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރަށް ވުރެ ދަށަށް ގޮސްފައިވާކަން އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.އެ ކޯޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން 2012 ގައި ހައި ކޯޓުން 560 މައްސަލަ ނިންމިއިރު މިދިޔަ އަހަރު އެ ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ވަނީ 389 އަށް ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު ނިންމި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އިސްތިއުނާފް ކުރުމަށް އަމިއްލަ ފަރާތްތަކުން ހުށަހެޅި 200 އަށް ވުރެ ގިނަ މައްސަލަ އާއި އިސްތިއުނާފް ކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި 100 އަށް ވުރެ ގިނަ މައްސަލަ އެވެ.މިދިޔަ އަހަރު ހައި ކޯޓަށް ހުށަހަޅާފައިވަނީ 401 މައްސަލަ އެވެ. އޭގެ ކުރީ އަހަރު ތަކުގައި ހައި ކޯޓަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ މަދަނީ މައްސަލަތައް ނަމަވެސް މިދިޔަ އަހަރު އެންމެ ގިނައިން އެ ކޯޓަށް ހުށަހެޅީ ޖިނާއީ މައްސަލަތަކެވެ. އެގޮތުން 179 ޖިނާއީ މައްސަލަ އާއި 165 މަދަނީ މައްސަލައިގެ އިތުރުން ވަޒީފާއާ ބެހޭ 32 މައްސަލަ އާއި އާއިލީ މައްސަލަތަކާއި ދުސްތޫރީ މައްސަލަތަކާއި އިންތިޚާބީ މައްސަލަތައް ވެސް މިދިޔަ އަހަރު އެ ކޯޓަށް ހުށަހަޅާފައިވާކަން އެ ހިސާބުތަކުން ދައްކަ އެވެ.ހައި ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު ދަށަށް ދިޔައިރު އެ ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފް އަލީ މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ސަސްޕެންޝަންގައި ހުންނެވުމުން އެ ކޯޓުގައި ހުރި ގިނަ މައްސަލަތައް ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތެވެ. ސަބަބަކީ އިސް ފަނޑިޔާރު ވެސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ގޮތުން ބަލަމުންދާ ގިނަ މައްސަލަތަކެއް ހުރުމުން އިސް ފަނޑިޔާރު ނެތި އެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ނުގެންދެވޭނެތީ އެވެ. ނަމަވެސް ހައި ކޯޓުން މިހާރު ވަނީ އިސް ފަނޑިޔާރުގެ ބަދަލުގައި އެހެން ފަނޑިޔާރުން ބެންޗަށް އައްޔަންކޮށްގެން އެ މައްސަލަތައް ކުރިއަށް ގެންދަން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ