މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އަހަރުގެ ނިޔަލަށް ކްރިމިނަލް ކޯޓުގެ ކޮންމެ ގާޒީއަކު 100 މައްސަލަ ނިންމުމަށް އެ ކޯޓުން ކަނޑައެޅި އަމާޒުގެ ބޮޑު ބައެއް ގާޒީން ހާސިލްކުރައްވާފައިވާ ކަމަށް އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު އެ ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން ނިންމާފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަހަރުގެ ނިޔަލަށް ކޮންމެ ގާޒީއަކު ވެސް މަދުވެގެން 100 މައްސަލަ ނިންމުމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެ ކޯޓުގެ އަހަރީ ހަފުލާގައި އިސް ގާޒީ އަބްދުﷲ ވިދާޅުވީ އެ އަމާޒަށް ވާސިލްވުމަށް ކޯޓުގެ ގާޒީން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި އެ އަމާޒުގެ 50 ޕަސެންޓަށް ވުރެ ބޮޑު މިންވަރެއް މިހާރު ވެސް ބައެއް ގާޒީން ހާސިލްކުރައްވާފައިވާ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
"ކަނޑައެޅިފައިވާ ޓާގެޓްގެ 50 އިންސައްތައަށް ވުރެ މަތިން ބައެއް ގާޒީން ހާސިލްކޮށްފައިވާކަން ފާހަގަކުރަން،" އަބްދުﷲ ވިދާޅުވި އެވެ.
އިސް ގާޒީ ވިދާޅުވީ ކުށުގެ ތުހުމަތުގައި ބަންދާ މެދު ގޮތެއް ނިންމުމަށް ހުށަހެޅި މައްސަލަތަކާއި ދައުވާ އުފުލުމަށް ހުށަހެޅި މައްސަލަތަކާއި ކޯޓު އަމުރަށް އެދި ހުށަހެޅި މައްސަލަތަކުގެ އިތުރުން ހެބިއަސް ކޯޕަސްގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަތަކާ އެކު 15،959 މައްސަލައެއް މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 13،724 މައްސަލައެއް މިދިޔަ އަހަރު ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު ނިމުނުއިރު އެ ކޯޓުގައި އޮތީ 2232 މައްސަލަ ނަމަވެސް މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަދަދު 1،500 އަށް ވުރެ މަދު ކަމަށް އެ ހަފުލާގައި އިސް ގާޒީ ވިދާޅުވި އެވެ.
"މިއީ ފާއިތުވެދިޔަ އެހެން އަހަރުތަކާ އަޅާ ބަލާއިރު ކުރިއެރުމެއް ކަމަށް ދަންނަވަން،" އިސް ގާޒީ ވިދާޅުވި އެވެ.
ކޯޓަށް ހުށަހަޅާފައިވާ ގިނަ މައްސަލަތައް ނިންމާފައި ވިޔަސް ކޯޓުގައި އެތައް އަހަރެއް ވެފައި ހުރި ޖިނާއީ ބޮޑެތި އެތައް މައްސަލައެއް އަދިވެސް އެބަހުއްޓެވެ. ކޯޓުން ބުނާ ގޮތުގައި އެއީ ތަފާތު އެކި ސަބަބުތަކާ ހުރެ ކުރިއަށް ނުގެންދެވި ހުރި މައްސަލަތަކެވެ.
އިސް ގާޒީ އަބްދުﷲ އިތުރަށް ވިދާޅުވީ 1997 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖޫރިމަނާ ގޮތުގައި އެ ކޯޓު މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 5.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަހުރި ކަމަށެވެ. އެ ފައިސާ ހޯދަން ކޯޓުން މަސައްކަތް ނުކުރާ ކަމަށް އޮޑިޓް ރިޕޯޓުގައި އޮތް ނަމަވެސް އެ ފައިސާ ހޯދުމަކީ ދައުލަތުގެ އެހެން މުއައްސަސާތަކުން ކުރަންޖެހޭ ކަމެއް ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ކޮންމެ ގާޒީއަކު 100 މައްސަލަ ނިންމަން ކަނޑައެޅި ޓާގެޓްގެ ބޮޑު ބައެއް ވަނީ ހާސިލްވެފައި: އިސް ގާޒީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ