ބަޖެޓް ބަހުސް ފަށައި މިއަދު ހަވީރު 5 ޖަހަންދެން ކުރިއަށްގެންދަން ނިންމައިފި

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުން މިއަދު ހަވީރު 5 ޖަހަންދެން ކުރިއަށްގެންދިއުމަށް ނިންމައި ބަޖެޓް ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށް މަޖިލީހުގައި ބަޖެޓް ބަހުސް ފަށާފައި ވާއިރު، ބަޖެޓަށް ޖުމްލަ 21 ގަޑިއިރު ބަހުސް ކުރަން ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް ލިބިގެންދާނެއެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ބަޖެޓު ބަހުސް ކުރިއަށް ގެންދަން ޖެހެނީ ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައެވެ. ހޯމަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓް ބަހުސް ފަށަންޖެހޭ މުއްދަތު އިއްޔެގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
މިއަދު ހަވީރު 5:00 އަށް ބަޖެޓް ޖަލްސާ ކުރިއަށް ގެންދަން ނިންމައި ބަޖެޓުގެ ބަހުސް ފަށާފައިވާއިރު، 2020 ވަނަ އަހަރަށް ލަފާކޮށް 37.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ދައުލަތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލައަކީ 37،504،493،680 (ތިރީސް ހަތް ބިލިއަން ފައްސަތޭކަ ހަތަރު މިލިއަން ހަތަރު ލައްކަ ނުވަދިހަ ތިންހާސް ހަސަތޭކަ އަށްޑިހަ) ރުފިޔާ ކަމުގަ އެވެ. މީގެތެރެއިން ޚަރަދުގެ ގޮތުގައި 35.6 ބިލިއަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު މީގެތެރެއިން އެންމެ ބޮޑު ބައި ޚަރަދުކުރުމަށް ހަމަޖެހިފައި ވަނީ ރިކަރަންޓް ޚަރަދަށާއި ތަރައްޤީގެ މަޝްރޫޢުތަކަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައި ވަނީ 22.2 ބިލިއަން ރުފިޔާއެވެ. އަދި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް 10.1 ބިލިއަން ރުފިޔާ ޚަރަދުކުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަންނަ އަހަރު ޖުމްލަ ޢާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ޢާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބޭ ފައިސާއިންނެވެ. ޓެކުހުގެ ގޮތުގައި 17.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ޓެކުހުގެ ގޮތުގައި އެންމެ ގިނައިން ލިބޭނެކަމަށް ލަފާކޮށްފައިވަނީ ބީޕީޓީ އެވެ. އެއީ 4 ބިލިއަން ރުފިޔާ އެވެ. ޓެކްސް ނޫންގޮތްގޮތަށް އަންނަ އަހަރު ލިބޭނެކަމަށް ލަފާކޮށްފައިވަނީ 6.9 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓްގައި ޢާމްދަނީ އިތުރުކުރުމަށް 2.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ