ތޫނިސްގެ ކުރީގެ ރައީސްގެ ދެކަނބަލުން 35 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފި.
ލިޔުނީ: ހުސެއިން ސާލިމްތޫނިސްގެ ކުރީގެ ރައީސް ޒައިނުލް އާބިދީން ބިން އަލީގެ ވެރިކަމުގައި، އޭނާ އާއި، އަނބިކަނބަލުން ހިންގާފައިވާ ވަށްކަމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ އަދަބެއްގެ ގޮތުން 35 އަހަރުގެ ޖަލު ހުކުމެއް އެ ދެމީހުންގެ މަށްޗަށް ތޫނިސްގެ ކޯޓަކުން އިއްވައިފިއެވެ.ބިން އަލީގެ ޣައިރު ހާޟިރުގައި ކޯޓުން ހުކުމް އިއްވަމުން ބުނެފައިވަނީ، އޭނާ، ވަށްކަން ކުރިކަމާއި، ގަވައިދާ ހިލާފަށް، ޖަވާހިރާއި، ގިނަ އަދަދެއްގެ ފައިސާ އެއްކޮށްފައިވާކަން ކޯޓަށް ސާބިތުވާކަމަށެވެ. 35 އަހަރުގެ ޖަލު ހުކުމެއް އައުމުގެ އިތުރުން އެ ދެމީހުން ވަނީ 65.6 މިލިއަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައެވެ.ޒައިނުލް އާބިދީން އާއި، އޭނަގެ އަނބިކަންބަލުންގެ މަށްޗަށް ކުރާ، ގަވައިދާ ޚިލާފަށް މަސްތުވާ ތަކެއްޗާއި، ހަތިޔާރު ގެންގުޅުމުގެ ދައުވާ، ތޫނިސްގެ އެހެން ކޯޓެއްގައި މިހާރުވެސް ދަނީ ކުރިޔަށެވެ. އަދި، މިމަހުގެ 30 ވަނަ ދުވަހު އެ ދައުވާއަށް ހުކުމް އިއްވާގޮތަށް މިހާރު ވަނީ ޝެޑިއުލް ކުރިވިފައެވެ.ހުކުމް އިއްވުމުން، ޒައިނުލް އާބިދީންގެ ފަރާތުން ބަޔާނެއް އިއްވަމުން، އޭނަގެ ވަކީލު ބުނެފައިވަނީ، ޖެނުއަރީ 14 ވަނަ ދުވަހު، ތޫނިސް ދޫކޮށް ޖިއްދާއަށް އާއިލާއާ އެކު އޭނާ ދިޔައީ ވެރިކަން ދޫކޮށްލާފައި ފިލަން ނޫންކަމަށާއި، އެއީ ރާވައިގެން ބަޔަކު އޭނަޔަށް އޮޅުވާލި އޮޅުވާލުމެއް ކަމަށެވެ. އޭނާ ޖިއްދާއަށް ފުރީ ޖާސޫސީ އިދާރާއިން، ބަޔަކު އޭނާ މަރާލަން އުޅޭކަމުގެ މައުލޫމާތޫ ދިނުމުން ކަމަށާއި، ޖިއްދާއަށް ފުރަމުންވެސް ބޯޓުގެ ޕައިލެޓުން ގާތު، އެމީހުން ގޮވައިގެން ނޫނީ އެނބުރި ނައުމަށް ބުނިން ކަމަށެވެ. ނަމަވެސް ޖިއްދާއަށް އެމީހުން ބޭލުމަށްފަހު، އޭނަގެ އޯޑަރާ ޚިލާފަށް ބޯޓު އެނބުރި ތޫނިސްއަށް އައީ ކަމަށް ވަކީލު އިއްވި ބަޔާނުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ