ސާފް ޗެމްޕިއަންޝިޕް 2013: "ދިވެހިންގެ އުންމީދު" ގައުމީ ޓީމާ ހަވާލުކުރުން ބުދަ ދުވަހު ހަވީރު

މިމަހުގެ 31 އިން ސެޕްޓެމްބަރު 11 އަށް ނޭޕާލްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ބާއްވާ ހާއްސަ ހަރަކާތް "ދިވެހިންގެ އުންމީދު" ގައުމީ ޓީމާ ހަވާލުކުރުން، އަންނަ ބުދަ ދުވަހު ބާއްވާ ގޮތަށް އެފްއޭއެމްއިން ހަމަޖައްސައިފި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނީ، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ބައިވެރި ކޮށްގެން ބޭއްވުމަށް ހަމަޖެއްސި ބޮޑު ރަސްމިއްޔާތު ފަސް ކުރުމަށްފަހު މިހާރު، އެ ރަސްމިއްޔާތު މިމަހުގެ 14 ވާ ބުދަ ދުވަހު ހަވީރު 4:00ގައި ގަލޮޅު ދަނޑުގައި ބާއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމްސް އަލީ ސުޒޭން ވިދާޅުވީ، ގައުމީ ޓީމާމެދު ދިވެހިން ކުރާ އުންމީދު ލިޔެފައިވާ ލިޔުމެއް އެދުވަހުގެ ރަސްމިއްޔާތުގައި ގައުމީ ޓީމުގެ ކެޕްޓަނާ ހަވާލުކުރަން ހަމަޖެހިފައިވާއިރު، އެލިޔުމުގައި ސޮއިކުރުމަށް ރާއްޖޭގެ ކޮންމެ ރަށަކުން އެކަކު އައުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ބުދަ ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ގައުމީ ޓީމާއެކު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި 2008 ވަނަ އަހަރު ރާއްޖެއަށް ސާފްޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދައިދިން ހުރިހާ ކުޅުންތެރިންނާއި، އެފްއޭއެމްގެ އިސްވެރިން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު ސުޒޭން ވިދާޅުވީ، އެދުވަހު ކުޑަކުދިންނަށް ހާއްސަކޮށްގެން ވެސް ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.
"އަޅުގަނޑުމެން ރާވާފައިމި ވަނީ، އެދުވަހު ގައުމީ ޓީމް ޕްރެކްޓިސް ކުރާއިރު، ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ހިންގަން. އެގޮތުން އެ ހަރަކާތުގައި ބައިވެރިވާން ބޭނުން ހުރިހާކުދިން އެދުވަހު ދަނޑަށް އަންނަންވީ. އަދި ގައުމީ ޓީމްގެ ކުޅުންތެރިންނާ އެކު، ފުޓްބޯޅަކުޅެ، ފޮޓޯނަގައި ހެދުމުގެ ފުރުސަތު އޮންނާނެ،" ސުޒޭން ވިދާޅުވި އެވެ.
ސުޒޭން އިތުރަށް ވިދާޅުވީ، ބުދަ ދުވަހު ގަލޮޅުދަނޑުގައި އެފްއޭއެމްއިން ބާއްވާ ބޮޑު ރަސްޔާތުގައި ބައިވެރިވެ، އެ ރަސްއްޔާތުގައި ހަވާލުކުރަން ހަމަޖެހިފައިވާ ލިޔުމަށް ޝުޢޫރު ފާޅުކުރަން ބޭނުންވާ ފަރާތްތަކުން، 9192013 ފޯން ނަމްބަރަށް މެސެޖް ކުރެއްވުން އެދޭ ކަމަށެވެ.
"އެ ހަރަކާތުގައި ބައިވެރިވުމަށް ވީހާވެސް ގިނަ ބޭފުޅުން 9192013 އަށް ޓެކްސްޓް ކުރަށްވަންވީ. ދެން އަޅުގަނޑުމެން އެދެން އެދުވަހު ހަވީރު ވީހާވެސް ގިނަ ބަޔަކު ކުޑަކުދިން ގޮވައިގެން ދަނޑަށް ވަޑައިގަތުން،" ސުޒޭން ވިދާޅުވި އެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިފަހަރު ގްރޫޕް ސްޓޭޖްގައި ރާއްޖެ ވާދަކުރަން ޖެހެނީ އަވައްޓެރި ސްރީ ލަންކާއާއި، އެންމެ ފަހުގެ ރަނަރަޕް އަފްޣާނިސްތާނާއި އަދި ބޫޓާންއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ