ދިވެހިރާއްޖޭގެ ޚަޒާނާއަށް އެންމެ ގިނަ ފައިސާ ވައްދާ ފަޅުގެ ވާހަކަ

ދިވެހިރާއްޖެއަކީ ކަނޑާއި ފަޅުފަޅުގެ ރާއްޖެއެކެވެ. ގުދުރަތީ ސައްބީސް އަތޮޅުގެ މައްޗަށް އެކުލެވިގެންވާ މިރާއްޖޭގެ މުއްސަނދިކަމުގެ އަސާސަކީ ކަނޑާއި ފަޅުފަޅެވެ. އަދި އެފަޅުފަޅުގެ ތެރޭގައިވާ ރަށްރަށެވެ. ރާއްޖޭގައި އެކިސައިޒުގެ ދުއިސައްތައެއްހާ ފަޅުފަޅު އެބަހުއްޓެވެ. ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ފަޅުފަޅާއި އެފަދަ ސިފައެއް ނެތް ހުސް ފަޅުފަޅެވެ. މިހުރިހާ ފަޅުފަޅުގެ ތެރެއިން މިއަދު ރާއްޖޭގެ ބައިތުލްމާލަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ވައްދަނީ ކޮން ފަޅަކުން ބާވައެވެ. ތަފާސް ހިސާބުތަކުން އިގްތިސާދު މިނެކިރާ ޒަމާނެއްގައި މިއީ އެންމެނަށްވެސް އެނގި ބަޔާންވެފައި އޮންނާން ޖެހޭނެ ކަމެއް ކަމަށް ގަބޫލު ކުރެވެއެވެ.
އެންމެ ގިނަ ފައިސާ ވައްދާ ފަޅުކަމަށް ވާނީ ރާއްޖޭގެ އިގްތިސާދާއި ގުޅުންހުރި އެންމެ މުހިއްމު ގިނަ މަސައްކަތްތައް ހިނގާ ފަޅެކެވެ. ރިސޯޓުތައް ހުންނާން ޖެހެއެވެ. އެއަޕޯޓެއް އޮންނާން ޖެހެއެވެ. ވަރުގަދަ ބިޔަ ބަނދަރެއް އޮންނާން ޖެހެއެވެ. އިގްތިސާދީ މުހިއްމު މަސައްކަތްތަކެއް ހިންގާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ނުވަތަ ރަށްތަކެއްވެސް ހުންނާން ޖެހެއެވެ. މިހުރިހާ ސިފަތަކަށް ބެލީމާ މިސިފަތައް ލިބިފައިވާ މާގިނަ ފަޅުފަޅެއް ނެތެވެ. ސަމުގާގެ ކަށި ގޮސް ހަރުލަނީ ހަމަ އެންމެ ތަނެއްގައެވެ. އެއީ އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ފަޅެވެ. މީހުން ދިރިއުޅޭ ދެ ރަށް އެބައޮތެވެ. ބިޔަ ދެ ރިސޯޓު އެބައޮތެވެ. ތިންވަނަ އަދި ހަތަރުވަނަ ރިސޯޓެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އެއަރޕޯޓެއް އެބައޮތެވެ. ބޮޑު ބިޔަ ބަނދަރެއް އެބައޮތެވެ. ޓެކްސް ފައިސާޔާއި އެނޫންވެސް ފައިސާ ދިވެހި މާލިއްޔާއަށް ވަންނަ ގޮތުގެ ހިސާބުކިތާބަށް ބަލައިލީމާ އެއްފަޅަކުން ދިވެހިރާއްޖޭގެ ހަގީގީ މުއްސަނދިކަން އެންމެ ބޮޑަށް ފާޅުވާ ފަޅަކީ މާމިގިލީ ފަޅުކަން އޮޅުމެއްނެތި ސާފުވެއެވެ.
ފްލައިމީގެ މަތިންދާބޯޓެއްގައި މާމިގިއްޔަށް ގޮސް އެތަނުން ލޯންޗެއްގައި ފުރައިގެން ހޮލިޑޭ އައިލެންޑުގެ ބަނޑުދޮށުން ދުއްވާފައިގޮސް ސަން އައިލެންޑަށް ފޭބި ދުވަހުން ފެށިގެން އަޅުގަޑުގެ ޚިޔާލުތަކުގެ ވާފަށް މި ފަޅުން ނެއްޓޭ ގޮތެއް ނުވިއެވެ. މާމިގިލީ އެއަރޕޯޓަކީ އަމިއްލަ ފަރުދެއްގެ ދުރުވިސްނުމަށް އެމީހާގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ތަރައްގީކޮށްފައިވާ އެއަރޕޯޓެކެވެ. މާމިގިލީ ބަނދަރު ހަމައެފަދައެވެ. ސަން އައިލެންޑަކީ ރާއްޖޭގައިވާ އެންމެ ބޮޑު ރިސޯޓެވެ. ހޮލިޑޭ އައިލެންޑަކީވެސް ކުޑަކުޑަ ތަނެއް ނޫނެވެ.
މާމިގިއްޔަކީ އަރިއަތޮޅުގައި މިހާރު އެންމެ ފުޅާ އިގްތިސާދެއް އޮތް ރަށެވެ. ގެސްޓު ހައުސްތައް ބައިވަރެވެ. އުފެއްދުންތެރިކަމާ ގުޅުންހުރި ކިތަންމެކިތަންމެ މަސައްކަތެއް އެރަށުގައި ދަނީ ހިނގަމުންނެވެ. ވަޒީފާތައް ބައިވަރެވެ. ކުޑަ ރަށެއް ކަމުގައިވިޔަސް ފެންފުށީގައިވެސް މަސައްކަތްތައް ބައިވަރެވެ. މި ފަޅުގައި ބައިނަލްއަގުވާމީ ނަންހުރި ދެ ކުންފުންޏަކުން އާ ދެ ރިސޯޓެއް ހެދުމުގެ މަސައްކަތް ބާރަށް ދަނީ ހިންގަމުންނެވެ. މާމިގިލީގައިވެސް އަދި ފެންފުށީގައިވެސް މަސްވެރިކަމުގެ ސިނާއަތް ފަތުއަޑުކިޔާފައި ކުރިއަށްދެއެވެ. އެހެންވީމާ މިހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ މީހުންގެ އާމްދަނީ އާއި މި ވިޔަފާރިތަކުން ދައުލަތަށް ވަންނަ ޓެކުހާއި ވަންނާނެ ޓެކުހަށް ވިސްނުން ހިންގައިލީމާ މި ފަޅަކީ ހަގީގީ މާނައިގައި ދިވެހި އިގްތިސާދުގެ އެންމެ އަލިގަދަ ޖަވާހިރުކަން ދެނެގަންނަން މާގިނަ ވަގުތެއް ނުނަގާނެއެވެ.
ޖަވާހިރަކަސް މީހުންނަށް އޭގެ ވިދުން ފެންނާން ފަށާނީ ކޮންމެވެސް މީހަކު އެ ޖަވާހިރު ސާފުކޮށް އޮމާންކުރީމައެވެ. ޖަވާހިރެއްގެ ސިފަ ގެނައުމުންނެވެ. މިޒަމާނުގައި އެބާވަތުގެ ޖައުހަރީންނަށް ކިޔަނީ އިންވެސްޓަރުންނެވެ. މާމިގިލީ ފަޅުގެ ވިދުން ޖަވާހިރެއްގެ ސިފައިގައި ދިވެހި ގައުމަށް ދެއްކެވި ޖައުހަރީއަކީ އެއްވެސް އޮޅުމެއްނެތި އޮނަރަބަލް ގާސިމް އިބްރާހީމެވެ. ހުރިހާވެސް ޝުކުރެއް ހައްގުވަނީ އެމަނިކުފާނުގެ ދުރުވިސްނުންފުޅަށެވެ.
ގާސިމް އިބްރާހީމްގެ ދުރުމި މާމިގިލީ ފަޅަށް އަމާޒުވުމަކީ އިއްތިފާގެއް ނޫނެވެ. އެމަނިކުފާނަކީ އެފަޅަށް ނިސްބަތްވެވަޑައިގަންނަވާ ފަޚުރުވެރި ދިވެހި ދަރިއެކެވެ. އެމަނިކުފާނުގެ ވިންދާއި ނޭވާ ގުޅިފައިވަނީ ހުރިހާ ގޮތަކުންވެސް އެފަޅާއެވެ. އެހެންވީމާ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މާމިގިލީ ފަޅުގެ ހަގީގީ މަންފާ މުޅި ދިވެހިރާއްޖެއަށް ފޯރާނެ ގޮތުގެ ތަސްވީރެއް އޮނަރަބަލް ގާސިމް އިބްރާހީމްގެ ސިކުނޑީގައި ކުރެހިފައި އޮތުމަކީ އެއްވެސް މީހަކު އަޖާއިބުވާންޖެހޭ ކަމެއް ނޫނެވެ. މާމިގިލީ ފަޅުގެ ހަގީގީ އަގު ވަޒަންކުރެވޭނީ އެފަޅަށް ނިސްބަތްވާ ބަޔަކަށެވެ. އެމަނިކުފާނު އެފަޅުގައި ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ކޮންމެ އިންވެސްޓްމަންޓަކީ މުޅި ދިވެހިރާއްޖޭގެ އިގްތިސާދަށް ވިސްނުންފުޅު ބަހައްޓަވައިގެން ކުރައްވާ ގައުމީ އިންވެސްޓްމަންޓެކެވެ.
ސަން އައިލެންޑުގެ ރެސްޓޯރަންޓެއްގެ ޑެކުމަތީގައި އިއްތާލައިގެން އިނދެ އުތުރާއި ދެކުނަށް ކަޅި އުކައިލީމާ އަޅުގަޑަށް ފެނުނީ މާމިގިއްޔާއި ފެންފުއްޓެވެ. އެކަނި އިނދެ ތަންތަނަށް ބަލައި ވިސްނީމާ އާއްމުކޮށް އަޅުގަޑުގެ ސިކުނޑިއަށް ބާރުފޯރުވާ ޖިންނި މިފަހަރުވެސް އޭގެ މަސައްކަތް ފަށައިފިއެވެ. އެއީ މިފެންނަ މަންޒަރުތައް ދިވެހި ތާރީޚާއި ގުޅުވައިލުމާއި އިހުޒަމާނުގައި މިމަންޒަރު އޮންނާނެ ގޮތުގެ ތަސްވީރު ކުރެހުމެވެ. މި ފަޅުގެ މަންފާ މާމިގިލީ ރައްޔިތުންނާއި ފެންފުށީ ރައްޔިތުން ކުރީ ޒަމާނުގައި ނެގިގޮތް ވިސްނުމަށް ގެނައުމެވެ. އިހުޒަމާނުގައި ދިވެހިރާއްޖެއަށް މިފަޅު ދަސްވެފައި އޮތްގޮތުގެ ވަނަވަރު ހަނދާނަށް ގެނައުމެވެ. ދިވެހި ތާރީޚުގެ ތެރެއަށް އަޅުގަޑަށް ފީނިފައިވާ މިންވަރުން މިއީ ވަރަށްވެސް ފަސޭހަ ކަމެކެވެ.
އަރިއަތޮޅަށް ފަތުރުވެރިކަން ތައާރަފުވީ ހިސާބުން މާމިގިއްޔަކީ ވޭލް ޝާރކް ނުވަތަ ފެހުރިހީގެ މަންޒިލެއްގެ ގޮތުގައި މީހުންނަށް މަޝްހޫރުވިއެވެ. އެއީ ރާއްޖޭގައި އޮތް އެފަދަ ހަމައެކަނި ތަންކަމަށްވެސް މަޝްހޫރުވިއެވެ. މުޅި ދުނިޔެއާއި ރާއްޖޭގެ އެހެން ހިސާބުތަކުގެ މީހުންނަށް އެއީ އާވާހަކަޔަކަށް ވިއަސް އެ ފަޅުގެ އަހުލުވެރިންނަށް އެއީ އާވާހަކައެއް ނޫނެވެ. އެންމެ އިހުޒަމާނުގައިވެސް މާމިގިލީ މަސްވެރިންނާއި ފެންފުށީގެ މަސްވެރިންނަށް ފެހުރިހި ފެނެއެވެ. ފެހުރިއްސާއި އެއުރެން ރަހުމަތްތެރިއެވެ. އެކަމަކު ވިޔަފާރީގެ އުސޫލާއި މާކެޓްކުރުމުގެ އުސޫލުން ފެހުރިއްސާއިމެދު ވިސްނާން ފެށީ ފަތުރުވެރިކަން ތައާރަފުވުމަށްފަހުއެވެ. މިއަދު ފެހުރިއްސަކީ މާމިގިލީ ފަޅު އިޝްތިހާރު ކުރުމަށް އެންމެ ގިނައިން ބޭނުން ކުރެވޭ ރަމްޒެވެ. މުޅި ދިވެހިރާއްޖެވެސް އެއާމެދު ފަޚުރުވެރިވާ ރަމްޒެވެ. މީގެ ހެއްކަކީ ފްލައިމީގެ ސީޕްލޭންތަކާއި މޯލްޑިވިއަންގެ ސީޕްލޭންތަކުގައި ފެހުރިހި ކުރަހައިފައި ހުންނަ ހުރުމެވެ. އަރިއަތޮޅު ދެކުނުބުރީގެ ކަނޑުފަޅުގެ ދިރުންތައް ދައްކުވައިދޭ ހަމަ ކޮންމެ ތަސްވީރެއްގައި ފެހުރިހި ހުރުމެވެ. ފެހުރިއްސާ ނުލައި އަރިއަތޮޅުގެ ފަތުރުވެރިކަން ފުރިހަމަ ނުވުމެވެ. މިކަމަކީވެސް އޮނަރަބަލް ގާސިމް އިބްރާހީމްގެ ދުރުވިސްނުންފުޅުގެ ތެރެއިން އެމަނިކުފާނު އިސްނެންގެވި ކަމެކެވެ.
ދިވެހި ތާރީޚުގެ ސަފުހާތައް އުކައިލީމާ ފެންފުއްޓާއި މާމިގިލީގެ ވާހަކަ ހޯދަން އުދަގުލެއް ނުވާނެއެވެ. އެންމެ އެވޭލާ ޒަމާނުން ފެށިގެން ވަރަށް ފަހަކާ ހަމަޔަށް ހިރިގަލުގެ މަސައްކަތަށް މުޅި ރާއްޖޭގައި އެންމެ ކުރިއަރާފައި އޮތީ ފެންފުއްޓެވެ. ދިވެހިރާއްޖޭގެ ތާރީޚުގެ އެކި ބާބުތައް އެއްބާބު އަނެއްބާބާއި ގުޅުވައިދެނީ ހިރިގަލުގެ ވަޑާމުގެ މަސައްކަތެވެ. އެކިއެކި ގަބުރުސްތާނުތަކުގައި އެކި ފަރުމާޔަށް ހުރި އެކި ސައިޒުގެ މަހާނަގާތަކެވެ. އަގުހުރި ރީތި މަސައްކަތެއްވިއްޔާ އެއީ ފެންފުށީ ކޮންމެވެސް މީހެއްގެ މަސައްކަތެކެވެ. މާލެއިން ފެނުނަސް އައްޑޫން ފެނުނަސް އަދި ތިލަދުންމަތިން ފެނުނަސް މަސައްކަތް ކޮށްފައި ހުންނަނީ ފެންފުށީގެ މީހެކެވެ. އެ މަސައްކަތަށް އެއުރެން އެހާ ކުރިއަރައި ފަރިތަވުމުގެ ސަބަބަކީ ކޮބައިބާވައެވެ. ސަބަބަކީ އެ ފަޅެވެ. އެ ފަޅުތެރޭގައިވާ ހިރިގަލުގެ ބަގީޗާތަކެވެ. އޭގެ ބޭނުން ގައުމީ މަސައްކަތެއްގެ ގޮތުގައި ހިފާން އެއުރެން ދަސްކުރީއެވެ.
ފެންފުށީގެ ވާހަކަ ހަމައެކަނި ހިރިގަލުގެ ވާހަކައިން ނިންމާލެވޭކަށް ނެތެވެ. މައުލޫއާއި މާބޮޑު ގުޅުމެއް ނެތަސް އަދި އެހެން ވާހަކައެއް ލިޔެލާނަމެވެ. ދިވެހި ތާރީޚުގައި ފެންފުށި ފާހަގަ ކުރެވޭ އެހެން ސަބަބެއްވެސް އޮތެވެ. ރީތި އަންހެނުން ދިރިއުޅުނު އަދި އުޅޭ ރަށެއްގެ ގޮތުގައެވެ. ކޮޅުމަޑުލު ބުރުނީ ދޮންހިޔަލަ ވަރުނުވިޔަސް ފެންފުށީގައި ރީތި އަންހެނުން ދިރިއުޅުނެވެ. އެކަން ޔަގީންވަނީ ދިވެހިރާއްޖޭގެ އެކިއެކި ރަސްކަލުން ކައިވެނި ބެއްލެވި ކަނބަލުންގެ ތެރޭގައި ފެންފުށީ ކަނބަލުން ގިނަކަމާއި ވަރަށް ގިނަ ރަސްރަސްކަލުންގެ މައިކަނބަލުން ފެންފުއްޓާއި ގުޅޭތީއެވެ. ރަސްރަސްކަލުންނާއި އަމީރުންނަށް ނުވިޔަސް ފެންފުށިން އަނބީން އިޚުތިޔާރުކުރި އާދައިގެ ދިވެހިންވެސް މަދެއް ނުވާނެއެވެ، އެއީ ތަބައީ ކަމެކެވެ. ދިވެހި ތާރީޚަށް އަހުލުވެރިވެފައިވާ ބަޔަކަށް މިއީ އާވާހަކަޔަކަށް ނުވާނެއެވެ. އެނޫން ބަޔަކު އަޅުގަޑުގެ ގަސްތަކީ އަދި އެހެން އެއްޗެކޭ ބުނުން އެކަށީގެންވެއެވެ.
ދެން އޮތީ މާމިގިލީގެ ވާހަކައެވެ. ވެލިގަލުގެ ވާހަކަ ދައްކައިފިއްޔާ ވަރަށް ފަހަކާހަމަޔަށްވެސް ދިވެހިންގެ ސިކުނޑިތަކަށް އެންމެ އަވަހަށް ގެނެވޭ ނަމަކީ މާމިގިއްޔެވެ. ވެލިގަލުގެ މަސައްކަތަށް މާމިގިލީ ރައްޔިތުންނަށްވުރެ ކުޅަދާނަ އެހެންބަޔަކު ނޫޅެއެވެ. ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް މާލެ ބިނާކުރީވެސް މާމިގިލީ ރައްޔިތުންނެވެ. ތަންކޮޅެއް ފަހުގެ ތާރީޚަކަށް ޖެހިލާނަމެވެ. ހުޅުލޭގައި އެއަރޕޯޓެއް އަޅަން ކުރި މަސައްކަތުގައި އެންމެ އިސްދައުރެއް އަދާކުރީ މާމިގިލީ މީހުންނެވެ. މާލޭގެ އުތުރުފަރާތުގައި އަތޮޅު ފިހާރަތައް ބިނާ ކުރުމަށްޓަކައި ވެލިގާ ގެނެސްދިނީ އަދި އެމަސައްކަތުގެ މޭސްތިރިންނަކީ އެމީހުންނެވެ. މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފަނޑިޔާރުމަގާއި ލިލީމަގުން ފެށުނުއިރު އެމަސައްކަތަށް ބޭނުންވި ވެއްޔާއި ގައު ގެނެސްދިނީވެސް މާމިގިލީ މީހުންނެވެ.
ރާއްޖޭގެ ކޮންމެ ފަޅަކުން ވެލިގާ ނެގިޔަސް އެކަން މާމިގިލީ މީހުން ކޮށްފައިވަނީ މާމިގިލީ ފަޅުން އެމީހުންނަށް ލިބުނު ހުނަރާއި ތަޖުރިބާގެ އަލީގައެވެ. އެހެންވީމާ ލިޔަން ޖެހެނީ މުޅި ދިވެހިރާއްޖެ ބިނާކުރުމުގެ މަސައްކަތް ހަމަ ކޮންމެ ޒަމާނެއްގައިވެސް ގުޅިފައި އޮތީ މާމިގިލީ ފަޅާކަމުގައެވެ. މިއީ ތާރީޚީ ގޮތުން ބެއްޔަސް އަދި އެހެން ގޮތަކުން ބެއްޔަސް ދެބަސްވެވެން ނެތް ހަގީގަތެކެވެ.
ވަރަށް ދިގުކޮށް ދެއްކިދާނެ ވާހަކައެއް ކުރުކޮށްފައި ނިންމައިލުމުގެ ކުރިން ލިޔަމެވެ. ދިވެހިރާއްޖޭގެ ބައިތުލްމާލަށް ފައިސާ ވެއްދުމާއި ގައުމު ބިނާކުރުމުގައި ދިވެހި އިގްތިސާދުގެ އެންމެ އަލިކަން ގަދަ ޖަވާހިރުގެ ގޮތުގައި އަދި މިހާތަނަށް ދުވަހަކުވެސް މާމިގިއްޔާއި އެފަޅުގެ އަހުލުވެރިން ކަންނެތްވެ ފަރުވާކުޑަކޮށްފައި ނެތެވެ. މިއީ ހަމަ ކޮންމެ ދިވެއްސަކުވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ ހަގީގަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ