މަހުލޫފު ހުށަހެޅި ހެކިންގެ ބަސް ނުނަގަން ކޯޓުން ނިންމައިފި

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފުގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދައުވާގެ އަޑު އެހުމުގައި އޭނާގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ އަޑު އެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރު އަލީ އާދަމް ނިންމަވާފައިވަނީ ދިފާއީ ހެކިންގެ ހެކިބަސް ނަގަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. މި މައްސަލައިގަ މަހުލޫފާއި ދެކޮޅަށް ތިން ފުލުހަކު ވަނީ ކެހިބަސް ދީފަ އެވެ.
އޭގެ ތެރެއިން އެއްފުލުހަކު ބުނެފައިވަނީ މިދިޔަ މާޗު 25 ވަނަ ދުވަހުގެ ރޭ ބަޔަކު ކުރި މުޒާހަރާއެއްގައި ފުލުހުން ޖަހާފައި ހުރި ބެރިކޭޑެއް ފަޅާލައި މަހުލޫފު ވަތްތަން ފެނިފައިވާ ކަމަށެވެ. އަނެއް ދެ ފުލުހުން ހެކި ބަސްދީފައިވަނީ މަހުލޫފު ބެރިކޭޑު ފަޅާލައި ގަދަކަމުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެއްޖެކަމަށް ޓޯކީން ފުލުސް މީހާ ބުނި ކަމަށެވެ.
މިއަދު އަޑުއެހުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މަހުލޫފު ވިދާޅުވީ އޭނާ ބެރިކޭޑު ފަޅާލިކަމަށް ހެކިބަސް ދީފައިވަނީ އެންމެ ފުލުހަކު ކަމަށެވެ. އޭނާ ވިދާޅުވީ ދިފާއީ ހެކިން ނުނެގުމަށް ގާޒީ ނިންމެވި ނިންމެވުން ބަލައި ނުގަންނާނެ ކަމަށާއި ގާޒީ މަސައްކަތް ކުރެއްވީ މިއަދު ހުލާސާ ބަޔާންވެސް އިއްވާ ނިންމަން ކަމަށެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ އޭނާއަށް ޖަލުހުމެއް އަންނާނެ ކަން އެނގިވަޑައިގެންނަވާ ކަމަށެވެ. އަދި ސިޔާސީ ބޭފުޅުންނަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވަނީ އެ ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވާ ގޮތަށް ކަމަށެވެ.
މިއަދު މެންދުރު އެކެއް ޖަހާއިރުވެސް މަހުލޫފުގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދައުވާއެއްގެ ޝަރީއަތް އެބަ އޮތެވެ. އެ މަޖިލީސް ސިއްރުކޮށްފައިވާއިރު އެއީ އޭނާ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ