ހިޔާލު ފާޅުކުރުމުގެ ނަމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި މެދުކެނޑުމެއްނެތި ބަހުގެ ހޫނު ހަމަލާތައް ބަދަލުވެގެން ދިއުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ދިވެހިންގެ އިސްލާހީ ހަރަކާތް (އެމްއާރުއެމް)ގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިންމުން ފާހަގަކުރުމަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސުކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެން މިރޭގެ ޖަލްސާގައި ރައީސް މައުމޫން ވިދާޅުވީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީ ނިޒާމުގެ އެއް ތަނބު ކަމަށާއި އެކަމަކަށް ހުރަހެއް އެޅިގެނެއް ނުވާނެ ކަމަށެވެ.
ނަމަވެސް ހިޔާލު ފާޅުކުރުމުގެ ނަމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި މެދުކެނޑުމެއްނެތި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރަމުން ދިއުމަކީ އޭގެ ނަތީޖާ ރަނގަޅުވާނެ ކަމެއް ނޫން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރާތީ ނިޒާމުގެ އެއް ތަނބު. އެކަމަކަށް ހުރަހެއް އެޅިގެނެއް ނުވާނެ. ނަމަވެސް ހިޔާލު ފާޅުކުރުމުގެ މާނައިގައި ނުވަތަ ނަމުގައި ސިޔާސީ ޕާޓީތަކުގެ މެދުގައި މެދުކެނޑުމެއްނެތި ބަހުގެ ހޫނު ހަމަލާތައް ބަދަލުވެގެން ދިއުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށް ނުރައްކާތެރި ކަމެއް. އޭގެ ނަތީޖާ ރަނގަޅެއް ނުވާނެ،" ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ޕާޓީތަކުގެ މެދުގައި ވާދަވެރިކަން އޮތްނަމަވެސް ހިޔާލު ތަފާތުވާ ކަންތައްތަކުގައި އެންމެން ބައިވެރިވުމަށް އޮންނަ ވަކި ސަރަހައްދެއް ހޯދިދާނެ ކަމަށެވެ. އަދި ޕާޓީތަކުގެ މެދުގައި ހިއްސާކުރާ ވަކި ސަރަހައްދެއް އޮތުމަކީ ގައުމަށް ހަމަޖެހުން ގެނެސްދޭނެ ކަމެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން ރައީސް މައުމޫން ވަނީ، ދިވެހި ގައުމު ތަރައްގީގެ އާ މަރުހަލާއަކަށް ގެންދިއުމަށާއި ސިޔާސީ މައިދާނުގައި އުފެދިފައިވާ ބައިބައިވުން މައިތިރިކޮށް، ރައްޔިތުންނަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދިނުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފައެވެ.
"ދިވެހި ގައުމު ތަރައްގީގެ އާ މަރުހަލާއަކަށް ގެންދަމާ ހިންގަވާ. ސިޔާސީ މައިދާނުގައި އުފެދިފައިވާ ބައިބައިވުމުގެ ހޫނުކަން މައިތިކުރަމާ ހިންގަވާ. ދިވެހި ރައްޔިތުންނަށް އިތުރު އުފަލާއި ހިތްހަމަޖެހުން ގެނެސްދެވޭތޯ ބަލަމާ ހިންގަވާ. ދިވެހި ރައްޔިތުންނަކީ ވެދިޔަ ތަނުގައި ކޮށީގައި ބަންދުވެ ނުތިބެ އިތުރު ހަރުފަތްތަކަކަށް އަރަމުންދާ ބަޔަކަށް ހަދަމާ ހިންގަވާ. މި މަގުސަދު ހާސިލު ކުރުމަށްޓަކާ ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކެއް ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑު ގޮވާލަން،" ރައީސް މައުމޫން ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ މެދުގައި ހުއްޓުމެއްނެތި ބަހުގެ ހަމަލާ ބަދަލުކުރުމުގެ ނަތީޖާ ރަނގަޅެއް ނުވާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ