ޔާމީން ރާއްޖެއަށް ތަރައްގީ ގެނެސްދިން، ސިޔާސީގޮތުން ހެދީ ގޯސް: އުމަރު ނަސީރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރެއްވި ކަމަށާއި ނަމަވެސް ސިޔާސީ ގޮތުން އެމަނިކުފާނު ހެއްދެވީ ގޯސް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމްގެ "އިތުރު ކާފު'' ޕްރޮގުރާމްގައި ރޭ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ މި ސަރުކާރަށް ކުރިއަށް އޮތް ފަސް އަހަރުވެސް އިގުތިސާދު އަނބުރާލެވިދާނެ ފަދަ މަންޒަރެއް ނުފެންނަ ކަމަށެވެ.
މި ސަރުކާރާ ހިލާފަށް ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ވަރުގަދައަށް އިގުތިސާދު "ޑްރައިވް" ކުރި ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ ގޮތުން މީހުން ހައްޔަރު ކުރި ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އިންތިހާބުން ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ އެ ސަބަބާ ހުރެ ކަމަށް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެނަކަށް ނުފެނޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިއަށް އޮތް ފަސް އަހަރުވެސް މި ރާއްޖޭގެ އިގުތިސާދު އަނބުރާލެވިދާނެ މަންޒަރެއް. އެއާ ހިލާފަށް ރައީސް ޔާމީންގެ ސަރުކާރުގައި ވަރަށް ވަރުގަދަ އިގުތިސާދެއް ޑްރައިވް ކުރި. އެކަމަކު ޕޮލިޓިކަލީ ވަރަށް ބޮޑަށް މިސް މެނޭޖްކުރި. މީހުން ޖަލަށްލައި ހެދި، ވަރަށް ގޯސް ކަމެއް އެއީ. އެކަމާ ހުރެ އިންތިހާބުން ބަލިވީވެސް،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކާ މި ސަރުކާރަށް ކައިރިވެސް ނުކުރެވޭނެ ކަމަށާއި ކުރީ ސަރުކާރުގެ ސިޔާސަތުތަކަކީ ވަރުގަދަ ސިޔާސަތުތަކެއް ކަމަށެވެ. މި ސަރުކާރުގެ ފުރަތަމަ އަހަރުވީމާ އަދި އެއްޗެއް ބުނެވެން ނެތް ކަމަށާއި ނަމަވެސް ދެވަނަ އަހަރުވެސް މިގޮތަށް ތަކުރާރުވާ ކަމަށްވާ ނަމަ އެއީ އެކަން ކުރަން ނޭނގެނީ ކަމަށް ނިންމިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ