ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ހއ. އިހަވަންދޫ ސްކޫލްގެ ގްރޭޑް 7 އަދި ގްރޭޑް 8 ގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމައި ދަރިވަރުންނަށް ސެޓުފިކެޓު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިހިނގާ ސެޕްޓެންބަރ މަހުގެ 01 ވަނަ ދުވަހު އިހަވަންދޫ ސްކޫލްގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން ޝަހީމެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ހަސަން ޝަހީމް ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމްގައި ބައިވެރިވި ކޮޮންމެ ދަރިވަރަކުވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބައި އެހެން ދަރިވަރުންނަށް ނަމޫނާ ދެއްކުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވިއެވެ. އަދި މިޕްރޮގްރާމުން ދަސްވި ކަންކަމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އެދިލެއްވިއެވެ.
މީގެއިތުރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ދަރިވަރުން މަގުމަތީގައި ހަރަކާތްތެރިވާއިރު ބެލެނިވެރިން ދަރިވަރުންނަށް އެއްބާރުލުންދީ ދަރިވަރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ބެލެނިވެރިންގެ ކިބައިން އެދިލެއްވިއެވެ.
އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓު ގުޅިގެން، އޮގަސްޓް 25 އިން 30 އަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި 40 ދަރިވަރުން ބައިވެރިވެ ސެޓުފިކެޓު ހާސިލްކޮށްފައިވެއެވެ.
ޓްރެފިކް މޮނީޓަރސް ޕްރޮގްރާމަކީ ކޮބާ؟
2014 ވަނަ އަހަރު ފެށި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމަކީ ސްކޫލްތަކުގެ ދަރިވަރުން މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުވައި، މުޖުތަމަޢުގެ ރައްކާތެރިކަމަށް މަސައްކަތްކުރުމަށް ޝައުޤުވެރިކުރުވުމާއެކު ސްކޫލް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ކަންކަން ހައްލުކޮށް ބެލެހެއްޓުމުގައި، ޓްރެފިކު ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރާނެގޮތް ދަރިވަރުންނަށް ދަސްކޮށްދީ މިފަދަ ކަންކަމަށް ދަރިވަރުން އަހުލުވެރިކުރުވުމަށް ފެށި ޕްރޮގްރާމެކެވެ.
މާލޭގެ ސްކޫލްތަކާއި އާބާދީ ބޮޑެތި އަދި ފުލުހުން އެރަށެއްގައި ގާއިމުވެ ތިބި ރަށްރަށުގެ ސުކޫލުތަކުގެ ގްރޭޑް 7، 8 އަދި 9 ގެ ދަރިވަރުންނަށް ކުރިއަށްގެންދާ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރުމުގައި ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދެއެވެ. އަދި ސްކޫލް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމާއި ދަރިވަރުން މަގުމަތީގައި ހަރާކާތްރިވާއިރު އަމަލުތައް ބަހައްޓަންވީގޮތް ދަސްކޮށްދީ މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށްދެއެވެ. އަދި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރަންވީ ގޮތްތައް ދަސްކޮށްދިނުމަށް ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންދެއެވެ.
އިހަވަންދޫ ސްކޫލް ދަރިވަރުންނަށް ހިންގި ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ