ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން ހަމީދުވެސް ވާދަކުރައްވަނީ

ގާނޫނީ ވަކީލުންގެ މަސައްކަތްތައް ރެގިއުލޭޓް ކުރުމަށް ރާއްޖޭގައި އުފައްދާ ފުރަތަމަ ބާ ކައުންސިލުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާނެ ކަމުގައި މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދު މިއަދު މިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް އޭނާ ފޯމް ހުށަހަޅުއްވާނެ ކަމަށެވެ.
މައުމޫން ހަމީދުގެ އިތުރުން ބާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވާފައިވަނީ ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު އެވެ.
ބާ ކައުންސިލްގެ މަގާމުތަކަށް ވާދަކުރައްވާ ބޭފުޅުން މަޑުމަޑުން އެކަން ހާމަކުރައްވަމުން ގެންދަވާއިރު ބާ ކައުންސިލްގެ ނައިބް ރައީސް ކަމަށް ކުރިމަތިލެއްވުމަށް ކުރީގެ ބަންޑާރަނައިބް އަބްދުﷲ މުއިއްޒު ވަނީ ނިންމަވާފަ އެވެ.
ބާ ކައުންސިލުގެ އިންތިހާބު މިމަހުގެ 13 ވަނަ ދުވަހު ބާއްވާ ނިންމާ، އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
ބާ ކައުންސިލްގެ އިންތިހާބުގައި 1487 ވަކީލަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު ވަކީލުންގެ ލިސްޓް ހާމަކޮށް މިހާރު ވަނީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފަ އެވެ.
ގާނޫނީ ވަކީލުންގެ ތެރެއިން ބާ ކައުންސިލަށް އިންތިހާބު ކުރާ މަގާމުތަކަކީ ރައީސް، ނައިބު ރައީސް، ގާނޫނީ ވަކީލުންގެ ތެރެއިން ހިންގާ ކޮމިޓީގެ ހަ މެންބަރުންނެވެ. ބާ ކައުންސިލްގައި ބަންޑާނައިބް ވެސް އިންނަވަ އެވެ.
ބާ ކައުންސިލްގެ އިންތިހާބުގައި ވޯޓުލުމަށް މާލޭގައި ދެ ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމަށް ހަތަރު ދުވަހުގެ ފުރުސަތެއް ދިނުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ