ރައީސް ސޯލިހާއި ރައީސް މައުމޫން ބައްދަލުކުރައްވައިިފި

ސަރުކާރު ކޯލިޝަންގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފައި ވަނިކޮށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިއަށް ގެންދިޔައީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އާއި އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އަބަދުވެސް އޮންނާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވި ކަމަށެވެ.
އަދި ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް އެއްބާރުލުން ދެއްވައި ކޯލިޝަނާ އެކީ ދެމިހުންނަވާނެ ކަމުގައި ރައީސް މައުމޫން ވިދާޅުވި ކަމަށެވެ.
މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާރު ކުރިއަށް ގެންދަވާ އެކި ކަންކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވެވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް މައުމޫން އާއި ރައީސް ސޯލިހު ވަކިން ބައްދަލުކުރައްވާފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގެ ހަތަރު ލީޑަރުން މަހަކު އެއްފަހަރު ބާއްވާ އެއްބަސްވި ބައްދަލުވުންތައް މެދުކެނޑި ކޯލިޝަންގެ މައި ދެ ޕާޓީ ކަމުގައިވާ ޖޭޕީއާއި އެމްޑީޕީއާ ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައި ވަނިކޮށެވެ.
ޕާޓީތަކުގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ ވެރިކަމަށް އައުމަށް ޕާޓީތަކުން ކުރި މަޝްވަރާތަކުގައި ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން ޚާއްސަކޮށް މަޖިލިސް އިންތިޚާބުގައި އެކުގައި މަސައްކަތްކުރާނެ ކަމަށް ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެމްޑީޕީން އަމަލުނުކުރާ މައްސަލަ އެވެ.
މަޖިލިސް އިންތިހާބަށް ސަރުކާރު ކޯލިޝަނުން ކެންޑިޑޭޓުން ވާދަކުރާނެ ގޮތަކާއި މެދު އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތާއި އެމްއާރުއެމްގެ އިސް ލީޑަރުންގެ އިތުރަށް ރައީސުލް ޖުމްހޫރިއްޔާ އެކުލެވޭގޮތަށް ދެފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފަ އެވެ.
މަޖިލިސް އިންތިޚާބާ ދިމާކޮށް ކޯލިޝަން ޕާޓީތަކުގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާތީ ޖުމްހޫރީ ޕާޓީން ވަނީ ޕާޓީތަކުންވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެމްޑީޕީން އަމަލު ނުކުރާ ކަމަށް ބުނެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް / ޕީއެންސީ ކޯލިޝަނާ އެކު ގުޅިގެން މަސައްކަތްކުރަން ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ