18 އަހަރު ނުވާ އަންހެން ކުއްޖަކު ދޮންބައްޕަގެ ކައިރީގައި ބެހެއްޓުމަށް ހުކުމް ކޮށްފި

އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖެއް އޭނާގެ މަންމައާ ހަވާލުނުކޮށް ދޮންބައްޕަގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފެމިލީ ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
މިމައްސަލައަކީ އެކުއްޖާގެ މަންމަގެ ކުރީގެ ފިރިމީހާ ކައިރިން ވަރިވުމަށް ފަހުވެސް އެކުއްޖާ މަންމައާއި ހަވާލުނުކޮށް ހިފަހައްޓާފައިވާތީ ޝަރީއަތް މެދުވެރިކޮށް ކުއްޖާ، މަންމައާއި ހަވާލުކުރުމަށް އެދި ހުށަހަޅާފައިވާ މައްސަލަ އެކެވެ.
އަންހެން ކުއްޖާއަކީ ފިރިހެން މީހާގެ ދަރިއަކަށް ނުވާތީވެ އެފިރިހެން މީހާގެ ފަރާތުން އަންހެން ކުއްޖާއަށް ދިމާވެދާނެ ނޭދެވޭ ކަމަކަށްޓަކައިި އެކުއްޖާ މަންމައާއި ހަވާލުކޮށްދިނުމަށް ފުލުހުންގެ މަށްޗަށް އަމުރެއް ނެރެދިނުމަށް މިމައްސަލަ ހުށަހެޅި އެކުއްޖާގެ މަންމަ ވަނީ އެދިފަ އެވެ.
މިމައްސަލާގައި ފިރިހެން މީހާގެ ފަރާތުން ބުނެފައިވަނީ އެކުއްޖާގެ މަންމައާއި ކައިވެނި ކުރިއިރު އަންހެން ކުއްޖާއަށް 3 އަހަރު ނުފުރޭ ކަމަށާ މިހާރު އެކުއްޖާއަށް 16 އަހަރު ފުރިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އެ ދެ މީހުން ވަރިވުމާ ހަމައަށް ކައިވެނިން ލިބިފައިވާ ދެ ކުދިންވެސް ދިރިއުޅެމުންދަނީ އޭނާގެ ގާތުގައި ކަމަށާ އެކުދިންގެ މަންމަ ކައިރިއަށް ދިއުމަށް އޭނާ އިންކާރު ނުކުރާ ކަމަށެވެ. އަދި ކުދިންގެ މަންމައަށް ބޭނުން ކޮންމެ އިރަކު ކުދިންގެ ގާތަށް އައިސް އުޅެވޭނެ ކަމަށާ މަންމަގެ ގާތައް ކުދިން ގޮސްވެސް އުޅޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އެ އަންހެން ކުއްޖާ އޭނާގެ މަންމައާއި އެކު ދިރިއުޅެން ދާން ބޭނުން ނުވާކަން ފިރިހެން މީހާ ވަނީ ފާހަގަކޮށްފަ އެވެ.
އެކުއްޖާގެ މަންމަ މިމައްސަލަ ފެމިލީކޯޓަށް ހުށަހެޅުމުން ފުލުހުން އަންހެން ކުއްޖާ ދިރުއުޅޭ ގެއަށް ގޮސް އެކުއްޖާއާއި ސުވާލު ކުރުމުންވެސް އޭނާގެ މަންމަ ގާތަށް ދާން ބޭނުންނުވާ ކަމަށް ފުލުހުންގެ ގާތު ބުނެފައިވާ ކަމަށް ފިރިހެން މީހާ ވަނީ ބުނެފަ އެވެ.
އަންހެން ކުއްޖާ އޭނާގެ މަންމަގެ ގާތަށް ދާން ބޭނުން ނުވަނީ އޭނާގެ ހަގަށް ތިބޭ ދެ ކުދިންނާ މެދު އެނާގެ މަންމަ އަމަލުކުރި ގޮތުންނާއި މަންމަގެ ފަރާތުން ފެންނަމުން ދިޔަ އަހުލާގީ ގޮތުން ދަށުދަރަޖައިގެ އަމަލުތަކުގެ ސަބަބުންކަން ފެމިލީ ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާ ބެހޭ ބައިން މިމައްސަލާގައި ތައްޔާރުކޮށްފައިވާ އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށްވެސް ހުކުމުގައިވެ އެވެ.
މިމައްސަލާގައި ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި ފެމެލީ ކޯޓުގެ އާއިލީ މައްސަލަތައް ހައްލުކުރުމާ ބެހޭ ބައިން ހަދާފައިވާ އެސެސްމަންޓް ރިޕޯޓަށް ބަލާއިރު މިމައްސަލާގައި ދައުވާ ލިބޭ ފަރާތަކީ އެކުއްޖާގެ ޝަރްއީ ބައްޕަ ނޫންކަން އިނގޭ އިރު އޭނާގެ ކައިރީ އެކުއްޖާ ހުންނަނީ އެގޮތައް ކުއްޖާ ބޭނުން ވެގެންކަމާއި ކުއްޖާގެ މަންމައާއި ހަވާލުކުރުމަށް އެކުއްޖާގެ ދޮން ބައްޕަ އިންކާރު ނުކުރާކަން އެނގެން އޮންނަ ކަމަށްވެސް ހުކުމުގައިވެ އެވެ. އެހެންކަމުން އެކުއްޖާގެ މަންމައާއި ހަވާލުކުރުމަށް ކުއްޖާގެ ދޮންބައްޕަގެ މައްޗަށް އަމުރުކުރަންޖެހޭ ހާލަތެއް ނެތް ކަމަށްވެސް ފެމެލީ ކޯޓުގެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ