މިނިވަން އިންސާފުވެރި އިންތިޚާބެއް މިފަހަރު ރައްޔިތުން ހޯދާނެ ކަމުގައި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓު އިބުރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދުވަހު ނޫސް "މިހާރު"އަށް ދެއްވި ބަސްދީ ގަތުމުގައި އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވީ، އެފުރުޞަތު ނުދިނުމަށް ރައީސް ޔާމީން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެހެން ނަމަވެސް، މިނިވަން އިންސާފުވެރި އިންތިޚާބެއް މިފަހަރު ރައްޔިތުން ހޯދާނެ ކަމަށެވެ.
އިބޫ ވިދާޅުވީ، މިހާރު އަތޮޅުތަކަސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުންވެސް ރައްޔިތުންގެ ވިސްނުމާއި ފިކުރު ހުރިގޮތް އެބައެނގޭ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ވޯޓަށް އިޝާރަތްކުރައްވައި އިބޫ ވިދާޅުވީ ރައްޔިތުންނަށް ބަސް ބުނަން ލިބޭ ވަގުތު ރައްޔިތުންގެ ބަސް ބުނާނެ ކަމަށެވެ.
އިބޫ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އެންމެން އިތުބާރުކުރާ އައު ކޮމިޝަނެއް އެކުލަވާލަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެހާފަސޭހައި ރައީސް ޔާމީން ދޫދެއްވަފާނެ ކަމަށް ހީފުޅުނުކުރައްވާ ކަމަށެވެ. ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން އިބޫ ވިދާޅުވީ އެމަނިކުފާނަކީ ވޯޓާއި ވަރަށް ބީރައްޓެހި ބޭފުޅެއް ކަމަށެެވެ.
"މިޒާޖާއި މިހާތަނަށް ކުރައްވާފައިވާ ކަންތައްތަކަށް ބަލާއިރު، ރައީސް ޔާމީނަކީ އެއްވެސް އިރެއްގައި އިންތިޚާބެއްގައި، ވާދަވެރި އިންތިޚާބެއްގައި އަމިއްލަފުޅަސް ކުރިމަތި ލައްވައިގެން ކާމިޔާބު ހޯއްދަވާފައި ހުންނެވި ބޭފުޅެއް ނޫން. އެހެންވީމާ އަބަދުވެސް ވޯޓާއި ދުރަށް ޖެހިވަޑައިގެން، އެހެން ގޮތަކުން ކާމިޔާބު ހޯއްދެވުމުގެ މަސައްކަތް ކުރައްވާތަން އަޅުގަނޑަށް ފެންނަނީ. " އިބޫ ވިދާޅުވިއެވެ.
އިބުރާހިމް މުހައްމަދު ސޯލިޙް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި މެދު ސުވާލު އުފެދޭ ކިތަންމެ ކަމެއް އެބަހުރި ކަމަށެވެ. މިގޮތުން ކޮމިޝަނަށް މެމްބަރުން އައްޔަނު ކުރުމުގެ ކަންކަން މަޖިލީހުގެ ތެެރެއިން ހިނގާދިޔައީވެސް ރަނގަޅަށް ނޫންކަމުގައި އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ މިވަގުތު އެންމެ ރަނގަޅުގޮތަކީ ފުރަތަމަ ކަމަކަށް ކޮމިޝަނުގެ މެމްބަރުން އިސްތިއުފާދެއްވައި، ހުރިހާ ޕާޓީތަކަކުން އެއްބަސްވާ އިލެކްޝަންސް ކޮމިޝަނެއް ޤާއިމް ކުރުން ކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެން މިއިންތިޚާބާއި ކުރިމަތިލައިގެން އައިރުގަވެސް ކޮންމެ ކަމެއްގައި އެތައް އެތައް ވާހަކަތަކެއް ދައްކައިގެން، ސުވާލުތަކެއް އުފައްދައިގެން ބަހުސްކޮށްގެން މި ކިރިޔާވެސް އެއްޗެއް ލިބެނީ. ކޮންމެ ކަމެއްގައި އެތައް ސުވާލުތަކެއް އެބަ އުފެދޭ. ޝައްކުތަކެއް އެބައުފެދޭ. އެހެންގޮސް މީގެން ލިބުނު އެއްޗެއް މިލިބެނީ." އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ، އިންތިޚާބަށް ވާދަކުރެއްވުމަށް ނުކުމެވަޑައިގެންނެވީ، ރައީސް ޔާމީނަށް ނުވަތަ ކޮމިޝަނަށް އިތުބާރު ކުރައްވާތީ ނޫންކަމަށެވެ. އިތުބާރު އޮތީ ރައްޔިތުންނަށް ކަމަށެވެ. ރައްޔިތުން މިއަދު ނުކުމެ އެތިބީ ރައްޔިތުން ބޭނުންވާ ގޮތަށް ބަސް ބުނުމަށް ކަމަށެވެ. އެކަން މިފަހަރު ކުރާތަން އެބަ ފެނިވަޑައިގަންނަވާ ކަމުގައިވެސް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ވޯޓުލާފައި އޭގެ ނަތީޖާ ނުހޯދައި ރައްުޔިތުން މިފަހަރު ގެއަކަށް ނުވަންނާނެ ކަމަށެވެ. އެމަނިކުފާނަށް އެޔަޤީންކަން އޮތީ އެހެންވެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަަކައި ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ސިޔާސީ ފަރާތްތަކުންނާއި ބައިނަލްއަޤުވާމީ ފަރާތްތަކުން ރައީސް ޔާމީނުގެ ސަރުކާރަށް ގޮވާލަމުން ދިޔަ ނަ،މަވެސް އެކަމަށް ސަރުކާރުން ދީފައިވަނީ ބީރުކަންފަތެކެވެ.
މިނިވަން އިންސާފުވެރި އިންތިޚާބެއް ރައްޔިތުން ހޯދާނެ: އިބޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ