ރައީސް މައުމޫން ވަރަށް އަވަހަށް މިނިވަން ވާނެކަމަށް އުންމީދުކުރަން: އަބްދުﷲ ކަމާލުއްދީން

ރައީސް މައުމޫން ވަރަށް އަވަހަށް ޖަލުން ސަލާމަތްވެވަޑައިގެން ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް، ރައީސް މައުމޫންގެ ސިޔާސީ ހަރަކާތުގެ މެމްބަރު އަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
"ރައީސް މައުމޫން ބޭއިންސާފުން 6މަސް ޖަލުގައި" މި ނަމުގައި ގުޅިފައިވާ ޕާޓީތަކުން މ އަތޮޅު ދިއްގަރުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް މައުމޫން ތަމްސީލް ކުރައްވައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، މައުމޫނަށް ހެޔޮދުއާކުރައްވާ ކަމަށާއި، އުންމީދަކީ ވަރަށް އަވަހަށް ރައީސް މައުމޫން ސަލާމަތްވެވަޑައިގެން ވަޑައިގަންނަވާނެ ކަމަށް ކަމަށެވެ.
މައުމޫން ކުރައްވަމުން ގެންދެވި ސިޔާސީ މަސައްކަތްޕުޅު ހުއްޓުވާފަ، އެމަނިކުފާނު ތަހްގީގުކޮށްފަ އަދި ޝަރީއަތް ކޮށްފަ ޖަލަށް ލެވުނުތާ މިއަދު ހަމަސް ފުރުނުއިރު، މިއުމުރުފުޅުގަ އެމަނިކުފާނު ޖަލުގަ ހުންނަވަން ޖެހުމަކީ ހުރިހާ އެންމެންވެސް ހިތާކުރާ ވަރަށް އަސަރުގަދަ ކަމެއް ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫނަކީ މިއަދު ދިވެހިރާއްޖޭގައި ހުންނެވި އެންމެ އިސް އެންމެ ސީނިއަރ ސްޓޭޓްސްމަން، އެންމެ އިސް އެންމެ ސީނިއަރ ޕޮލިޓީޝަން، ރާއްޖޭގައި ހުންނެވި އެންމެ އިސް ޑިޕްލޮމެޓް، އަދި މައުމޫނަކީ މިއަދު ރާއްޖޭގައި ހުންނެވި އެންމެ އިސް ސިޓިޒަން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މައުމޫން ކުރައްވާ އިސްލާހީ މަސައްކަތްޕުޅުގެ ސަބަބުން އެމަނިކުފާނު މިއަދު ޖަލަށް ލެވިފައި ވީނަމަވެސް، އެމަނިކުފާނުގެ ސިޔާސީ މަސައްކަތް ޕުޅަކީ މިއަދަކު އިއްޔެއަކު ފެށްޓެވި މަސައްކަތެއްނޫން ކަމަށާއި، އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅަކީ ވަރަށް ކުރީއްސުރެ ކުރައްވަމުން އައި މަސައްކަތްޕުޅެއް ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ކުރީއްސުރެ އެމަނިކުފާނުގެ އަރިހުގައި އުޅުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އެނގޭ އެމަނިކުފާނު އެމަސައްކަތް ކުރައްވަމުން ގެންދެވި ގޮތް. އަޅުގަނޑު ހަދާންވާގޮތުން 1979 ގައި ހަކުރާގޭގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި، މާލޭގައި އެކިއެކި ވިޔަފާރިކުރާ ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާއި، އެނޫންވެސް ބަސްބުނެވޭކަހަލަ ވަރަށް ގިނަމީހުން އެއްތަން ކުރައްވައިގެން އެމީހުންގެ ލަފާ ހޯއްދަވައިގެން އެމީހުންގެ މަޝްވަރާއާ އެކީގަ އިސްލާހީ އެޖެންޑާއެއް ކަނޑައެޅުއްވައިގެން އެމަސައްކަތްޕުޅު އެންމެ ފުރަތަމަ ކުރިއަށް ގެންދަވަން ފެށްޓެވީ" މައުމޫނުގެ ވެރިކަމުގައި އެކި ވުޒާރާތަކުގެ ވަޒީރުކަންވެސް ކުރައްވާފައިވާ ކަމާލުއްދީން ވިދާޅުވިއެވެ.
ގައުމަކަށް އިސްލާހެއް ގެނެވޭނީ އެގައުމެއްގެ ރައްޔިތުން އެ އިސްލާހް ބަލައިގަންގޮތަކުން ކަމަށާއި، އެނޫންގޮތަކަށް އިސްލާހް ގެނައުމަކީ ވަރަށް އުނދަގޫކަމެއް ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދިންގެ ވާހަކަފުޅުގައި، ރައީސް މައުމޫނުގެ ވެރިކަމުގައި އިސްލާހް އެއްފަހަރުން ނުގެނެވުނީ ކީއްވެތޯ ބައެއްމީހުން ބުނާނެ ކަމަށާއި، އެހެން ނަމަވެސް، ގައުމު އޭރުއޮތް ހާލަތާއި، ގައުމުގެ ރައްޔިތުން ތިބި ހާލަތު އެންމެނަށްވެސް އެނގޭ ކަމަށެވެ.
އޭރު ރާއްޖެ ހިމެނެނީ ދުނިޔޭގައި އޮތް އެންމެ ފަގީރު 5 ގައުމުގެ ތެރޭގައި ކަމަށާއި، އެހާލަތުގައި ގައުމު އޮއްވާ، ހިސާބުން މިހިސާބަށް ގެނައުމުގައި، އިސްލާހްތައް ގެނައުމުގަ ރައީސް މައުމޫން ކުރެއްވި މަސައްކަތް ވަރަށް ގިނަމީހުންނަށް އެނގޭނެ ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.
ރައީސްކަމުގެ މަގާމުންވަކިވެވަޑައި ގަތުމަށް ފަހުގައިވެސް އެމަނިކުފާނު މަސައްކަތްޕުޅު ހުއްޓަވާ ނުލައްވާ ކަމަށާއި، މިއޮތް ހުރިހާ ދުވަހު އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދެވީ ސިޔާސީ އިސްލާހްތައް ގެންނެވުމުގައި ކަމަށް ވިދާޅުވެ، މިފަދަ ދުވަހެއްގައި ހުރިހާ އެންމެން އެމަނިކުފާނުގެ މަސައްކަތްޕުޅު ހަނދާންކޮށް އެމަނިކުފާނަށް ޝުކުރު އަދާކުރައްވަންޖެހޭނެ ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
ދިއްގަރުގައި ބޭއްވި ޖަލްސާގައި ގުޅިފައިވާ އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންވުމާއެކު، ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި އަބްދުﷲ ކަމާލުއްދީން ވިދާޅުވީ، ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓުންނަށް ރާއްޖޭގައި އޮތް ތާއީދު ވަރަށްވެސް ބޮޑު ކަމަށާއި، އިންތިޚާބުން މަތިވެރި ކާމިޔާބީއެއް ލިބޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުވެސް މަޖިލީހުގައި އިސްލާހަށްޓާކައި ވަރަށް ގިނަ މަސައްކަތް ކުރެއްވި ކަމަށާއި، މިއަދު ޖަލަށް ލެވިފައިވަނީ އިސްލަހަށް ކުރެއްވި މަސައްކަތުގެ ސަބަބުން ކަމަށާއި، ވުމާއެކު ޖަލުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ވަރަށް އަވަހަށް ސަލާމަތްވެވަޑައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޖަލުގައި ތިއްބެވި ބޭފުޅުން ޖަލުން ނެރުއްވާފައި އެހެންބަޔަކު ޖަލަށް ލެއްވުމުގެ ބަދަލުގައި، ގުޅިފައިވާ އިއްތިހާދުގެ ވެރިކަމުގައި އަދުލުވެރިކަމާއެކު، މިރާއްޖޭގައި އަދުލުވެރި ނިޒާމެއް ގާއިމްކޮށްދެއްވުމަށް އެދެވަޑައިގަންނަވާ ކަމަށްވެސް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ