ގާނޫނާ ހިލާފަށް ޖަލުގައި ބަނދުކޮށް، ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ ރައްޔިތުންގެ އަޑު އުފުލުމުގެ ފުރުސަތު ނަގާލާފައިވީ ނަމަވެސް ވަރަށް އަވަހަށް އެ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ފަށާނެ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ ތަހުނިޔާ ފޮނުއްވާ ފާރިސްގެ ފަރާތުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ މިފެށުނު މީލަދީ އާ އަހަރުގެ ތަހުނިޔާ ދިއްގަރު ދާއިރާގެ ރައްޔިތުންނަށާ ދިވެހި ހުރިހާ ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.
ފާރިސްގެ ބަޔާނުގައި ވިދާޅުވެފައިވަނީ ގާނޫނާ ހިލާފަށް ޖަލުގައި ބަންދު ކުރި ދުވަހުން ފެށިގެން ދިއްގަރު ދާއިރާގެ ރައްޔިތުންގެ އަޑު، ރައްޔިތުންގެ މަޖިލީހުގައި އިއްވުމުގެ ފުރުސަތު ނަގާލަފައިވުމުން، ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ވަަރަށް އަވަހަށް ދިއްގަރު ދާއިރާގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމުގައި އަލުން ހިދުމަތް ދެއްވަން ފަށާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ފާރިސް ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިނގަނމުންދާ ގާނޫނާ ހިލާފު އަދި ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ ފަދަ ކަންކަމާ ދެކޮޅަށް މަސައްކަތްކުރައްވަން ފެއްޓެވި ހިސާބުން ނުކުރާ ކުށަކަށް ހަގީގަތާ ހިލާފު ދޮގު ތުހުމަތުތަކެއްކޮށް، ބަންދުކޮށްފައިވީ ނަމަވެސް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަންވެސް ފާރިސް ވަނީ ދެއްވާފަ އެވެ.
ދިވެހި ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭންޖެހޭ އެންމެހައި ހައްގުތައް މާތް ﷲގެ ވާގިފުޅާއިއެކު ހޯދާދީފައި މެނުވީ އިސްލާހީ މަސައްކަތް ހުއްޓަނުލައްވާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.
އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުން ރައްޔިތުން އުއްމީދުކުރާ ހެޔޮ ބަދަލުތަކެއް ކައިރި މުސްތަގުބަލެއްގައި ފެނިގެންދާނެ ކަމަށްވެސް ފާރިސްގެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.
-------
ވަރަށް އަވަހަށް ދާއިރާގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ފަށާނަން: ފާރިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ