ކަރަންޓުގެ މައްސަލާގައި ހިތަދޫގައި ކުރި މުޒާހަރާއާ ގުޅިގެން އެކަކު ހައްޔަރުކޮށް، އިތުރު މީހަކު ގޭގައި ބަންދުކޮށްފި

19:00ކަރަންޓުގެ އަގު ބޮޑުވުމާ ގުޅިގެން، އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން ހުކުރު ދުވަހު އައްޑު އަތޮޅުގައި މުޒާހަރާކުރަމުން ދިޔައިރު މަރުކަޒީ އިންޖީނުގެ އާއި ޕްރޮވިންސް އޮފީހުގައި ފޯރި އަށް ތިބި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން އެކަކު ހައްޔަރުކޮށް، އިތުރު މީހަކު ގޭގައި ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މުޒާހަރާގައި އެ ދެ ތަނަށް މުޒާހަރާގެ ބައިވެރިން ވަންނަން އުޅުމުން އެ ކަމަށް ހުރަސްއެޅި ފުލުހުންނަށް، މުޒާހަރާގެ ބައިވެރިންގެ ފަރާތުން އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އެކަކު ގޭބަންދުގައި ހުރި ނަމަވެސް އޭނަ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އަދި އޭނާ ގޭބަންދަށް ދޫކޮށްފައި ވަނީ ބަލި ހާލު ހުރި ގޮތުން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.އޮފިޝަލު ވިދާޅުވީ އެ މުޒާހަރާއާ ގުޅިގެން އިތުރު މީހުންނާ ސުވާލުކުރަމުންދާ ކަމަށެވެ.ހުކުރު ދަވަހު އައްޑޫގައި ކުރި މުޒާހަރާގައި ހިތަދޫގެ އާރުއެފް ސަރަހައްދުގައި ހުންނަ އެރަށު އިންޖީނުގޭ ދޮށަށް ގާތްގަނޑަކަށް 400 އެއްހާ މީހުން އެއްވެ ނުރުހުން ފާޅުކޮށްފައި ވަނީ ކަރަންޓްގެ އަގު ބޮޑުވެފައިވާތީއާ އެކަމަށް ޖަވާބުދާރީވުމަށް ޔުޓިލިޓީޒް ކުންފުނީގެ އެއްވެސް އިސް ވެރިއެއް ވަޑައިގެންފައިނުވާ ކަމަށް ބުނެ އެވެ. އަދި އިންޖީނުގެ ކައިރިއަށް އެއްވި މީހުންގެ ތެރެއިން ބަޔަކު ވަނީ ޔުޓިލިޓީޒް ކުންފުނީގެ ބޯޑުވެސް ހަލާކުކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ