ފުލުހުންގެ މުޢައްސަސާ މިނިވަންކަމާއިއެކު ކުރިއަށްދާން އެއްބާރުލުން ދޭނަން - އުމަރު

ފުލުހުންގެ އެއްވެސް މަސައްކަތަކަށް ނުފޫޒު ނުފޯރުއްވަވާނެ ކަމަށާއި ފުލުހުންގެ މުޢައްސަސާ މިނިވަންކަމާއެކު ކުރިއަށް ގެންދިއުމަށް ފުރިހަމަ އެއްބާރުލުން ދެއްވަވާނެ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢުމަރު ނަޞީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ މިއަދު ހަވީރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަޑައިގެން ފުލުހުންގެ އެގްޒެކެޓިވް ބޯޑްގެ މެމްބަރުންނާއި ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވާ ވާހަކަދައްކަވަމުންނެވެ.
އުމަރު ނަސީރު، ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް ގާތުން ތަޖުރިބާ ކުރައްވައި ފުލުހުންގެ މަސައްކަތްތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ފުލުހުންގެ މަރުކަޒުތަކަށް އަވަސް މުސްތަޤުބަލެއްގެ ތެރޭގައި އެމަނިކުފާނު ޒިޔާރަތް ކުރައްވާނެ ކަމަށެވެ.
މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަޙީދު ވަނީ ދިވެހި ފުލުހުން ސަރުކާރަށާއި ހޯމް މިނިސްޓަރަށް ފުރިހަމަ އެއްބާރުލުންދީ ޤައުމުގައި ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ހޯމް މިނިސްޓަރަށް އަރުވާފައެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި އެބޭފުޅެއްގެ މަސައްކަތުގެ ދާއިރާގެ ތަޢާރަފެއް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަޙީދު، މިނިސްޓަރ އޮފް ހޯމްއެފެއާރޒް އޮނަރަބްލް ޢުމަރު ނަޞީރަށް އެރުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ