ވޭތިވެދިޔަ ފަސް އަހަރު ތެރޭ މިޤައުމަށް ޝަހީދު ޑރ އަފްރާޝީމް އަލީ ކުރައްވާފައިވާ ޚިދުމަތްތަކަކީ އެހެން ބޭފުޅަކަށް ފަންސާސް އަހަރުގެ ތެރޭގައިވެސް ކުރެވޭނެ ފަދަ ޚިދުމަތްތަކެއް ނޫން ކަމަށް ޕީޕީއެމްގެ އިންތިޤާލީ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރޭ އުނގޫފާރުގައި ބޭއްވި ޝަހީދު ޑރ.އަފްރާޝީމް އަލީގެ ތައުބީންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެތައް ދާއިރާއަކުން ޑރ.އަފްރާޝީމްގެ ޚިދުމަތް މިރާއްޖެއަށް ލިބިގެންގޮސްފައިވާ ކަމަށާއި
ވަކިން ޚާއްސަކޮށް، މި ރާއްޖެއަށް ދީނީ ތައުލީމް ފެތުރުމަށްޓަކައި ޑރ.އަފްރާޝީމް ކުރައްވާފައިވާ ޚިދުމަތްތަކަކީ އަގުނުކުރެވޭނެ ޚިދުމަތްތަކެއް ކަމަށާއި، މިޤައުމުން އެމަނިކުފާނުގެ ޒިކުރާ އަބަދުވެސް ދަމަހައްޓާނެ ކަމަށެވެ.
މައުމޫން ވިދާޅުވީ މިޤައުމު ދުށް ޢިލްމްވެރިންގެ ތެރެއިން ޑރ.އަފްރާޝީމް އަލީ އަކީ ފާހަގަކޮށްލެވޭ ފަދަ ޢިލްމުވެރިއެއް ކަމަށާއި، މިރާއްޖޭގައި ތިބި ގިނަ ޢިލްމުވެރިންގެ ތެރެއިން ޑރ.އަފްރާޝީމް ފަދަ އަގުހުރި ދީނީ ޖިހާދެއް ކުރައްވާފައިވާ ހަމަ އެއްވެސް ބޭފުޅަކު ނެތް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ، ޑރ.އަފްރާޝީމް އަލީއަށް އަމާޒްކޮށް ދެވުނު ހަމަލާތަކަކީ ވަކި މީހަކަށް އަމާޒުކޮށް ނުވަތަ ވަކި ރަށަކަށް ނުވަތަ ވަކި ދާއިރާއަކަށް ދެވުނު ހަމަލާއެއް ނޫން ކަމަށާއި އެ ހަމަލާއަކީ އިސްލާމްދީނާއި މިޤައުމާއި މިޤައުމުގެ މިނިވަންކަމާއި ވަހުދަތަށް ދިން ހަމަލާއެއް ކަމަށެވެ.
ޝަހީދު ޑރ.އަފްރާޝީމް އަލީއަށް ދެވުނު މިހަމަލާގެ ސަބަބުން ނިކަމެތިކަން ލިބިގެންދިޔައީ މިޤައުމަށް ކަމަށާއި، މިއީ ހިތުން ދުވަހަކުވެސް ފުހެލެވޭނެ ފަދަ ހަމަލާއެއް ނޫންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ޑރ.އަފްރާޝިމް އަލީއަކީ މިވަގުތު ރާއްޖޭގައި ތިއްބެވި އިލްމުވެރިންގެ ތެރެއިން އަރަބި ބަހަށް އެންމެ ކުޅަދާނަ ބޭފުޅުންގެ ތެރޭގައި ހިމެނޭ މަދު ޢިލްމުވެރިންގެ ތެރެއިން ބޭފުޅެއް ކަމަށެވެ.
އަފްރާޝީމުގެ ޚިދުމަތްތައް އެހެން މީހަކަށް ބައިގަރުނުގެ ތެރޭގައިވެސް ނުކުރެވޭނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ