މައުމޫން ހެދި ގޯސް ޔާމީން ތަކުރާރުކުރަނީ؟

ލިއުނީ: އާދަމް ނަވާޒް
ރައީސް މައުމޫންގެ ވެރިކަން 2008 ގައި ވެއްޓިގެން ދިޔައީ އެތައް ތަޖުރިބާ ތަކަކާއި ފިލާވަޅުތަކެއް ދިވެހި ރައްޔިތުންނަށް އަދި ހާއްސަކޮށް ސިޔާސީ ބޭފުޅުންނަށް ދިނުމަށް ފަހުއެވެ. ނަމަވެސް އެފިލާވަޅު ތަކާއި ތަޖުރިބާގެ ބޭނުން އެންމެ ބޮޑަށް ހިފަން ޖެހޭ މިހާރުގެ ޕީޕީއެމް ނުވަތަ މައުމޫންގެ ވިސްނުމާއި ފިކުރަށް ތާއިދު ކުރާމީހުން އެފިލާވަޅު ތަކާއި ތަޖުރިބާގެ ބޭނުން ހިފާ ތަނެއް ނުފެނެއެވެ.
2008 ވަނަ އަހަރު މައުމޫންގެ ވެރިކަން ވެއްޓުމަށް މެދުވެރިވި ސަބަބުތައް ދިރާސާކޮށް މައުމޫނުގެ ވެރިކަމުގައި ގޯހެއް ހެދިފައި އޮތް ކަން ޕީޕީއެމްއިން ގަބޫލުކުރާ ތަނެއް ނުފެނެއެވެ. ގަބޫލުކުރަން ޖެހޭނެ ޙަޤީޤަތަކީ މައުމޫނުގެ ވެރިކަމުގައި ވެސް ގޯސްތަކެއް ހެދިފައި ހުރި ކަމެވެ.
ދިވެހިން ބޭނުންވަނީ ރައީސް މައުމޫން އާއި ރައީސް ނަޝީދުގެ އަދި ރައީސް ވަޙީދުގެ ވެރިކަމުގައި ވެސް ހެދިފައި ހުރި ގޯސްތައް ރަނގަޅު ކުރާނެ ވެރިއެކެވެ. އެގޯސްތައް ރަނގަޅު ކުރަން ރައީސް ނަޝީދާއި ރައީސް ވަޙީދު އެތިއްބެވީ ނިކުމެ ވަޑައިގެންނެވެ. ރައީސް މައުމޫންގެ ފަރާތުން އެގޯސްތައް ރަނގަޅު ކުރަން ނިކުމެ ވަޑައިގެން އެހުންނެވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި މައުމޫންގެ ކޮއްކޯފުޅު އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމެވެ.
އެހެންނަމަވެސް ބަހާއި އަމަލުން އެމަންޒަރެއް ނުފެނެއެވެ. ރައީސް މައުމޫން އެއްވެސް ގޯހެއް ހައްދަވާފައިވާ ކަމަށް ވިދާޅުވަން ޔާމީން ވެސް އަދި ޕީޕީއެމްގެ އިސް އެއްވެސް މެމްބަރަކަށް ވެސް ކެރިވަޑައެއް ނުގަންނަވައެވެ.
ރައީސް މައުމޫނަށް ދިވެހި ރައްޔިތުން ތާއިދު ކުރެއެވެ. ނަމަވެސް އޭގެ މާނައަކީ ޕީޕީއެމްއަށް އަދި ވެރިކަން ލިބޭނެ އެކޭ ނޫނެވެ. މައުމޫނުގެ ސިޔާސަތުތައް ގަބޫލު ކުރާ ކިތަންމެ ބަޔަކު މައުމޫނުގެ ވެރިކަމުގައި ގޯސްތަކެއް ހެދިފައިވާކަން ވެސް ގަބޫލުކުރެއެވެ. މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު ހެދި ގޯސްތައް ތަކުރާރު ވާކަށް ހުދު މައުމޫނުގެ ސަޕޯޓަރުން ވެސް ބޭނުންފުޅެއް ނުވާނެއެވެ. އެހެންކަމުން މައުމޫނުގެ ހުރިހާ ސަޕޯޓަރުން ޔާމިނަށް ވޯޓް ދޭނެއޭ ޔާމިނާއި ޕީޕީއެމްއިން ހީކުރާނަމަ އެއީ ވަރަށް ބޮޑު ކުއްހީއެކެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި މާލޭ ތަރައްގީ ކުރުމަށް ގެންގުޅުއްވި ދޯހަޅި ސިޔާސަތައް ބަލާލަމާ ހިންގަވާށެވެ. ތިނޯހެއްގެ ތުނޑު ޖައްސާލާނެ ޖާގަ ނެތްވަރަށް މާލެ ފުރި ބާރުވެގެންދިއަ އިރު މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް އަތޮޅުތަކުގެ ތަރައްޤީއަށް އެކަށީގެންވާ ސަމާލުކަމެއް ދީފައެއް ނުވެއެވެ. މާލެއާއި އަޅާބަލާއިރު ވަޒީފާގެ ފުރުސަތެއް، އެކަށީގެންވާ ތައުލީމެއް، ރަނގަޅު ސިއްހީ ޚިދުމަތެއް އަތޮޅުތެރޭގައި ގާއިމް ކުރެވިފައެއް ނެތެވެ. ނަމަވެސް ޔާމީންގެ ސިޔާސަތު ތަކުން ވެސް ބޮޑަށް ފެންނަނީ މާލޭ ސަރަހައްދު ތަރައްޤީ ކުރައްވާ ވާހަކައެވެ. އެހެންކަމުން ރައީސް މައުމޫން ހެއްދެވި ގޯސް ޔާމީން މިކަމުގައި ތަކުރާރު ކޮށްފާނެ ކަމުގެ ކަންބޮޑުވުން އެތައް ދިވެހިންނެއްގެ ހިތްޕުޅުގައި އޮންނާނެއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު މީޑިއާ އަށް ދިން މިނިވަން ކަމަކީ އެމަނިކުފާނު ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި ކޮއްދެއްވެވި އަގުނުކުރެވޭ ފަދަ ޚިދުމަތެކެވެ. ނަމަވެސް 2008 ގެ ކެމްޕޭން ތެރޭގައި ސަރުކާރަށް ތާއިދު ނުކުރާ ބައެއް މީޑިއާތަކަށް ޑީއާރުޕީންނާއި ސަރުކާރުން އަޅަމުންދިއަ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް މަތިން ހަނދާން އާކޮށްލަން ޖެހެއެވެ.
މިއަދު ވެސް ފެންނަ މަންޒަރަކީ ޕީޕީއެމްއިން މީޑިއާ އާއި ދެމެދު އޮންނަ ގުޅުން ޕީޕީއެމްއިން އަމިއްލައަށް ހީނަރު ކޮށްލާފައިވާ މަންޒަރެވެ. މީޑިއާ ތަކުން ޕީޕީއެމްއަށް ފުރުސަތެއް ނުދެއޭ ޕީޕީއެމްއިން ބުނާއިރު ޕީޕީއެމްގެ ޚަބަރުތައް ޕީޕީއެމްއިން ވަކި ވެބްސައިޓަކަށް އެކަނި ފޮނުވަމުން ދާކަމީ ފެންނަން އޮތް ޙަޤީޤަތެކެވެ. ޕީޕީއެމްއިން ރާއްޖެތެރެއަށް ކުރަމުންދާ ދަތުރުތަކުގައި ބާއްވާ ޖަލްސާ ތަކުގެ ރެކޯޑިން އެންމެ ވެބްސައިޓަކަށް ދިނުމަށް ފަހު މީޑިއާ ތަކުން ތިމަންނަމެންނަކަށް ފުރުސަތެއް ނުދެއޭ ބުނުމުން އެވާހަކައަކީ ވަރަށް ހެއްވާ ވަރަށް ދެކޮޅު ނުޖެހޭ ވާހަކައެކެވެ.
ޕީޕީއެމްއިން އިންތިޒާމް ކުރާ ނޫސްކޮންފަރެންސް ތައް ވަކި މީޑިއާ ތަކެއް އަންނަންދެން ނުފަށާ މަޑުކުރާއިރު އަނެއްބައި މީޑިއާތަކަށް އެފަދަ ހާއްސަ ގޮތެއް ޕީޕީއެމްއިން ނުބަހައްޓާކަމީ ޕީޕީއެމްގެ ޚަބަރުތައް ކަވަރު ކުރާ ކޮންމެ ނޫސްވެރިއަކަށް އެނގޭނެ ކަމެކެވެ.
ޕީޕީއެމްއިން ރާއްޖެ ޓީވީ އެޕާޓީގެ އިވެންޓްތަކުން ބޭރު ކުރުން ނުވަތަ ރާއްޖެ ޓީވީއަށް ފުރުސަތު ނުދިނުމަކީ ވެސް މިނިވަން ނޫސްވެރިކަމަށް ޕީޕީއެމްއިން އަޅާފައިވާ ހުރަހެކެވެ. ވަކި ބަޔަކަށް ތާއިދު ކުރާ މީޑިއާއަކަށް ވުމަކީ އެބަޔަކަށް ލިބެންޖެހޭ މައުލޫމާތު ލިބުމުގެ ޙައްގުން އެމީޑިއާއެއް މަހުރޫމު ކުރެވިގެން ވާނެ ސަބަބެއް ނޫނެވެ.
ޕީޕީއެމްގެ ކެމްޕޭނަށް ބަލާއިރު ވެސް ފެންނަނީ މައުމޫންގެ ކެމްޕޭން ޓީމުން 2008 ވަނަ އަހަރު ހެދި ގޯސް އަނެއްކާވެސް ތަކުރާރު ކުރާ މަންޒަރެވެ. 2008 ވަނަ އަހަރު ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކޯލިޝަން ހެދުމުން ޑީއާރުޕީން ބުނީ ކޯލިޝަން ހެދި ނަމަވެސް އިންތިޙާބު ކާމިޔާބު ކުރުމަކީ އެއްވެސް ކަމެއް ނޫންކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީކީ ޑީއާރުޕީން އުންމީދު ކުރިގޮތަކަށް ނޫނެވެ.
މިހާރު ޕީޕީއެމްއިން ބުނަމުން އެދަނީ އިންތިޙާބުގެ ދެވަނަ ބުރަށް ޕީޕީއެމް ދާނެ ކަން "ޔަގީން" ކަމަށެވެ. ނަމަވެސް ކެމްޕޭންނުކޮށް ތިމަންނަމެންނަކީ ރައީސް މައުމޫނުގެ ފިކުރުގެ ޕާޓީއެކޭ ތިމަންނަމެންގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް މައުމޫނުގެ ކޮއްކޯފުޅޭ އެހެންވީމާ ތިމަންނަމެން އިންތިޙާބުގެ ދެވަނަ ބުރަށް ދާނެއޭ ބުނުމުން ޕީޕީއެމްއަށް ޕީޕީއެމްގެ އަސްލު ސައިޒު ނޭންގޭ ކަން ކިތަންމެ ރަނގަޅަކަށް ވެސް "ޔަގީން" ކުރެވެއެވެ.
ރިޔާސީ އިންތިޙާބަށް ތިރީސް ހަތްދުވަހަށް ވެފައިވާއިރު ޕީޕީއެމްގެ ހަރަކާތްތައް މިހާރު ކުރިއަށް އެދާ ގޮތައް ކުރިއަށް ދާނަމަ ރައީސް މައުމޫން 2008 ވަނަ އަހަރު ރިޔާސީ އިންތިޙާބުން ބަލިވެގެން ދިޔަ ގޮތައް އެމަނިކުފާނުގެ ކޮއްކޯފުޅު އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ބަލިވެގެންދާ މަންޒަރު ފެނުންއެއީ ނުވުމަށްވުރެ ވުން ކައިރިކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ