ޔާމީނާއި ފައި ހަމަކުރެވޭނެ އިތުރު ކެންޑިޑޭޓެއް ނެތް - މައުމޫން

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ފައި ހަމަ ކުރެވޭނެ އިތުރު ކެންޑިޑޭޓެއް ނެތް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މައްޗަންގޯޅީގައި ޕީޕީއެމްގެ "ކާމިނީ ޖަގަހަ" ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ސްކޫލްތަކާއި ބަނދަރުތައް ހަދާ ވާހަކަވެސް ރިޔާސީ ކެންޑިޑޭޓުންނަށް ދެއްކި ދާނެ ކަމަށާއި ނަމަވެސް ޔާމީން ގޮތަށް މަޝްރޫއުތަކަށް ފައިސާ ހޯދާނެ ގޮތް ކިޔާ ދިން އިތުރު ކެންޑިޑޭޓެއް ނެތް ކަމަށެވެ.
އަދި މި އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ވަޒަން ކުރަން ޖެހޭ ކަމަށާއި މި އިންތިހާބުގައި ވޯޓުދެއްވަން ވާނީ އެންމެ އިހްލާސްތެރި އެންމެ ހަރުދަނާ ބޭފުޅަކަށް ކަމަށާއި އެހުރިހާ ކަމަކަށް ބަލާއިރު އެންމެ ގާބިލު ކެންޑިޑޭޓަކީ ޔާމީން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިފަހަރުލާ ވޯޓަކީ އަޒުމު ބަލާލަންލާ ވޯޓަކަށް ވެގެން ނުވާނެ ކަމަށާއި 2008 ވަނަ އަހަރުގައި އަޒުމް ބަލާލަން ބަދަލެއް ގެންނަން ވޯޓު ދިނުމުން ގައުމަށް ވެގެންދިޔަ ގޮތް ފެނިގެން ގޮސްފައިވާ ކަމަށެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ އެމަނިކުފާނަށް ކުރައްވާ ތާއީދު ހޮނިހިރު ދުވަހު އޮންނަ ވޯޓުން ތަރުޖަމާކޮށްދެއްވަން ވާނެ ކަމަށާއި ތާއީދަކީ ހަމައެކަނި ހިތުގައި އޮންނަން ޖެހޭ އެއްޗެއް ނޫން ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ތާއީދުކުރައްވާނަމަ ޔާމީނަށާއި ޔާމީންގެ ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރިޔާސީ ކެމްޕެއިންގައި ބައިވެރިވެގެން މަސައްކަތްކުރަމުން ގެންދިޔައިރު ފެނިގެން ދިޔައީ ރިޔާސީ ކެންޑިޑޭޓު ޔާމީނަށް އޮތް ތާއީދު ކަމަށާއި މި މުހިންމު އިންތިހާބު ޔާމީން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވަނީ މި ޖަގަހަ ހުޅުވުމަށް އެމަނިކުފާނު ވަޑައިގަތުމުން އެތަނަށް އެއްވި ރައްޔިތުން ކިޔާފައިވާ ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ