ހަމީދުގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފި

ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެޑް އޮފް އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ގޮތުގައި މަސައްކަތް ކުރެއްވި ޗީފް ސުޕްރިންޓެރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޙަމީދު ގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިއުމުން އޭނާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރު ކޮށްދީފި އެވެ.
ކޯޓުން ވަނީ ބަންދުގެ މުއްދަތަށް 5 ދުވަސް ޖަހައިދީފައެވެ. މިއަދު ކޯޓުގައި ފުލުހުން ވަނީ އޭނާ އާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށައަޅާފައެވެ.
އޭނާ ކޯޓަށް ގެންދިއުމުން އެކަމާއި ދެކޮޅަށް އަޑު އުފުލަން އެމްޑީޕީ ބައެއް ސަޕޯޓަރުން ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެފައިވެ އެވެ. ނަމަވެސް އެއްވެސް ހަމަނުޖެހުމެއް އެސަރަހައްދުގައި ހިނގާފައެއް ނުވެ އެވެ.
ފުލުހުން ބުނީ ޙަމީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސް ޑިޕާޓްމަންޓް ހިންގުމާއި ޙަވާލުވެ ހުރިއިރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭނުމަށް އެއްކޮށްފައިވާ މުހިއްމު މަޢުލޫމާތާއި ޤައުމީ ސަލާމަތާއި ގުޅުންހުރި މުހިއްމު މަޢުލޫމާތު ތަކުގެ އިތުރުން ޙަޤީޤަތެއް ނެތް ދޮގު މަޢުލޫމާތުތަކެއް އެހެން ބަޔަކަށް މަންފާ ކުރަނިވި ގޮތަކަށް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައާއި އޭގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާތެރިވެ ފުލުހުންނާއި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދިދާނެ ގޮތަކަށް ޢަމަލުކޮށްފައި ވާކަމަށް ބެލެވޭތީ ކަމަށެވެ.
ފުލުހެއްގެ ގޮތުގައި ހުރެ މިފަދަ ގޮތަކަށް ޢަމަލު ކުރުމަކީ ފުލުހުންގެ ޤާނޫނާއި ޚިލާފުކަމެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މައުލޫމާތު މީޑިއާ މެދުވެރިކޮށް އާއްމުންނަށް ފޯރުކޮށްދޭނެ ކަމަށެވެ.
ފެބުރުއަރީ 7 ގައި ވެރިކަން ބަދަލުވުމާ ގުޅިގެން ފުލުހުންގެ މުއައްސަސާގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ހަމީދު ހުންނެވީ ސާވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓް ހެޑެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ސްޕެޝަލް ޕްރޮޖެކްޓްސް ކޮލިޓީ އެޝުއަރެންސަށް ވަނީ ބަދަލުކުރައްވައިފަ އެވެ. ވެރިކަން ބަދަލުވި ހާދިސާ ހިނގިއިރު ފުލުހުންގެ އިންޓެލިޖެންސުގެ ވެރިއަކަށް ހުންނެވި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ