ސިއްހީ ދާއިރާގެ މުވައްޒަފުންގެ ލަސްވި މުސާރަ ދީފި
ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް ނުދެވި ލަސްވި މުސާރަ މިހާރު ދީ ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ. ގާނޫނު ބުނާ ގޮތުން ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ ކޮންމެ މަހެއްގެ އެއްވަނަ ދުވަހުގެ ކުރިން ޖަމާކުރަން ޖެހެއެވެ. ނަމަވެސް ފެބްރުވަރީ މަސް ފެށިގެން ދިޔައިރު ވެސް ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމައެއްނުވެއެވެ. އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލްތައް، ސިއްހީ މަރުކަޒުތައް އަދި ހެލްތު ޕޯސްޓުތަކަށް ވެސް މުސާރަ ޖަމާކުރަން ފޮނުވާނީ ހެލްތު މިނިސްޓްރީންނެވެ. އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ އިންފޯމޭޝަން އޮފިސަރު ފާތިމަތު ޝޫބާ، މިއަދު ވިދާޅުވީ މުސާރަ ނުދެވިވާ ހުރިހާ މުވައްޒަފުންނަށް މި ހަފްތާ ފެށުނުއިރު މުސާރަ ދީ ނިންމާފައިވާ ކަމަށެވެ. "އަޅުގަނޑުމެން އެދުނިން މުސާރައިގެ މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށަހަޅަން ވެސް. މިހާތަނަށް އެއްވެސް ޝަކުވާއެއް ވެސް ހުށަހަޅާފައި ނެތް،" ޝޫބާ ވިދާޅުވިއެވެ. ހެލްތް މިނިސްޓްރީން ކުރިން ބުނިގޮތުގައި މުސާރަ ނުދެވި ބޮޑުތަނުން ލަސްވީ އެ މިނިސްޓްރީގެ ހިއުމަން ރިސޯސް (އެޗްއާރު) ޑިޕާޓްމަންޓްގެ ހުރިހާ މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. ފާއިތުވި ޖަނަވަރީމަހުގެ މުސާރަ، އައިޖީއެމްއެޗްގެ މުވައްޒަފުންނަށާއި އެޗްޕީއޭގެ މުވައްޒަފުންނަށް ވެސް ދިނީ ލަހުންނެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ ދެ ތަނުގެ މުވައްޒަފުންނަށް މުސާރަ ލަހުން ދެވުނީ މުސާރަ ޝީޓު ފޮނުވުމުގައި ލަސްވުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ