ކުޑަގިރީގައި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި
މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިޔުމަށް ޚާއްސަކޮށްފައިވާ ކުޑަގިރީގައި ކަރަންޓު ނެޓްވޯކް އެޅުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ފަށައިފިއެވެ. ސްޓެލްކޯއިން ބުނީ އެރަށުގައި ކަރަންޓު ނެޓްވޯކު ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ރަށުގައި މަގުބައްތި ޖަހައި، ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޅާނެކަމަށެވެ. އަދި ކަރަންޓު ނެޓްވޯކް ގާއިމް ކުރުމަށްޓަކައި ޖުމްލަ 3000 މީޓަރުގެ ކޭބަލް ވަޅުލުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ބުންޏެވެ. މީގެއިތުރުން ކުޑަގިރީގައި ބޭނުންކުރާ ކަރަންޓުގެ ބޮޑު އިންސައްތައެއް އިޔާދަ ކުރަނިވި ހަކަތައިން އުފެއްދުމަށްޓަކައި އެކަމުގެ ދިރާސާތައްކުރުމަށް ވެސް އެ ކުންފުނިން ވަނީ ވިސްނާފައެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ އަމާޒަކީ އެ މަސައްކަތްތައް 15 ދުވަސްތެރޭ ނިންމާލުން ކަމަށެވެ. ނައިބު ރައީސް ފައިސަލް ނަސީމާއި، ސްޓެލްކޯގެ އިސްވެރިން އަދި އެރަށުގައި މަސައްކަތް ކުރާ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ވަނީ ބުދަ ދުވަހު ކުޑަ ގިރިއަށް ވަޑައިގެން އެ ރަށުގެ މަސައްކަތްތައް ހިނގާގޮތް ބައްލަވާލައްވާފައެވެ. ކުޑަގިރި އަކީ މާލޭގެ ރައްޔިތުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވީ ވައުދުފުޅާ ގުޅިގެން ތަރައްގީކުރާ ރަށެކެވެ. މީގެ ކުރިން މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް ބޭނުންކުރީ ކުޑަބަނޑޮހެވެ. ނަމަވެސް އެ ރަށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ވަނީ ނިންމާފައެވެ. ކުޑަބަނޑޮހަށްވުރެ ކުޑަގިރި ބޮޑު ވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެ ރަށުގައި ޕިކްނިކް އައިލެންޑު ހެދުމަށް 41 މިލިއަން ރުފިޔާ ހަރުދުވާނެކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ