ވިލިމާލެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްއެންޕީގެ ކެނޑިޑޭޓްގެ ކެމްޕެއިން ޖަގަހަ ހުޅުވައިފި

މާލެ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ގޮނޑިއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އާމިނަތު ޝީޒާގެ ވިލިމާލެ ކެމްޕެއިން ޖަގަހަ ހުޅުވައިފި އެވެ.
ވިލިމާލެ މަސްޖިދުލް ބިއްރިއާ އިންވެގެން ހަދާފައިވާ އެ ޖަގަހަ ހުޅުއްވައިދެއްވީ އެތަނުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުހައްމަދު ނާޒިމެވެ.
ޖަގަހަ ހުޅުއްވައި ދެއްވައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ, އެމްއެންޕީ ހަދައިގެން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށާއި އެގޮތުން ރައްޔިތުންނާ ގާތުން ހިދުމަތްކުރުމަށް ވިލިމާލޭ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާނެ, އެ އަޑު ކައުންސިލުގައި އިއްވާނެ މެމްބަރަކު ހޮވަންޖެހޭ ކަމަށެވެ.
އަދި އެ މަސައްކަތްކުރުމަށް އެންމެ ގާބިލު ކެނޑިޑޭޓަކީ ޝީޒާ ކަމަށާއި ސާބިތުކަމާއެކު އިސްނަގައިގެން މަސައްކަތް ކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ, މެއި 14 ވަނަ ދުވަހު އޮންނަ އިންތިހާބުގައި އެ ގޮނޑި ކާމިޔާބު ކުރާނީވެސް ޝީޒާ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަމުން ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަދި އެމްއެންޕީގެ ނާއިބު ރައީސް އަހުމަދު އުޝާމް ވިދާޅުވީ އެ ޖަގަހައަކީ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ތަނެއް ކަމަށާއި އެއީ އޭނާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި އިރު ޖަގަހައެއްގެ ގޮތުގައި ބޭނުންކުރެއްވި ޖަގަހަ ކަމަށެވެ.
އަދި އެމްއެންޕީގެ ކެންޑިޑޭޓް ޝީޒާގެ ނަންބަރު، ނަންބަރު 2 އަކީ ހަމަ އެ އިންތިޚާބުގައި  އޭނާގެވެސް ނަންބަރު ކަމަށް އުޝާމް ވިދާޅުވި އެވެ.
މެލޭޝިއާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޝީޒާއަކީ އިޖުތިމާއީ ކަންކަމުގައި ތަފާތު ގިނަ ޖަމިއްޔާތަކެއްގައި ހަރަކާތްތެރިވާ ފިޓްނަސް އިންސްޓްރަކްޓަރެއްގެ އިތުރުން ކޭކް އެޅުމުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.
އެގޮތުން ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ދުޅަހެޔޮކަމާއި އަމާން އެކުވެރި ވެއްޓެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ އެންޖީއޯއެއް ކަމަށްވާ “ވިލަވްސް” ޖަމިއްޔާގައި ޝީޒާ ކުރައްވާ މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ.
އަދި އޭނާވަނީ ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި 16 އަހަރު ވަންދެން ހިދުމަތް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ