ޓެބްލެޓް ޕީސީގެ ބާޒާރުގައި ކޮރެއާގެ ސެމްސަންގެ އުފެއްދުންތަކުގެ މާކެޓް ޝެއާ އިތުރުވެގެން ދިޔައިރު ވާދަވެރި އެޕަލްގެ މާކެޓް ޝެއާ ދަށަށް ގޮސްފައިވާކަމަށް ހޯދުންތަކުން ދައްކައިފި އެވެ.
އިންޓަނޭޝަލް ޑާޓާ ކޯޕަރޭޝަން (އައިޑީސީ) އިން ހާމަކުރި ރިޕޯޓެއްގައި ވާ ގޮތުން 2012 ވަނަ އަހަރުގެ ފަހު ކުއާޓާގައި ސެމްސަންގެ ގެލެކްސީ ރޭންޖުގެ ޓެބްލެޓް ޕީސީތައް ވަނީ ދުނިޔޭގެ ބާޒާރުގައި އޭގެ ހިއްސާ ދެ ގުނައަށް ކުރިއަރައިފަ އެވެ. އެގޮތުން 2011 ވަނަ އަހަރު ފަހު ކުއާޓާއާ ހަމައަށް ގެލްކްސީ ރޭންޖުގެ 2.2 މިލިޔަން ޓެންލެޓް ޕީސީ ވިކިފައި ވާ އިރު ފައިބެ އަހަރުގެ ފަހު ތިން މަހާ ހަމައަށް 7.9 މިލިޔަން ޓެބްލެޓް ވިކިފައި ވާ ކަމަށް އައިޑީސީގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އެހެންކަމުން ސެމްސަން ޓެބްލެޓަށް މާކެޓްގައި ލިބިފައިވާ ހިއްސާ ވަނީ އަހަރު ދުވަހުގެ ތެރޭގައި 7.3 އިންސައްތައިން 15.1 އިންސައްތަ އަށް ކުރިއަށް ޖެހިލައިފަ އެވެ.
ދުނިޔޭގެ ޓެބްލެޓް ޕީސީގެ މާކެޓްގައި ރަސްކަން ކުރަމުން ދާ އެޕަލްގެ އައިޕެޑް ދުނިޔޭގެ ބާޒާރުގައި ވިކުނު އަދަދު ނިސްބަތުން ގިނަ ނަމަވެސް 2011 ވަނަ އަހަރުގެ ފަހު ތިން މަހާ އަޅާ ބަލާ އިރު އެޕަލްގެ މާކެޓް ޝެއާ، ފައިބެ އަހަރުގެ ފަހު ތިންމަސް ދުވަހު ވަނީ 51.7 އިންސައްތަ އިން 43.6 އިންސައްތައަށް ދަށަށް ގޮސްފަ އެވެ. 2011 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާއާ ހަމައަށް އައިޕެޑްގެ 15.5 މިލިޔަން ވިކިފައިވާ އިރު ފައިބެ އަހަރު ވިކުނު އައިޕެޑްގެ އަދަދު ވަނީ 22.9 މިލިޔަން ޔުނިޓަށް އަރައިފަ އެވެ.
ދުނިޔޭގެ ވިޔަފާރީގެ އެކިއެކި މާކެޓްތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް މައުލޫމާތު ފޯރުކޮށް ދޭ އައިޑީސީ އިން ލަފާކުރާގޮތުގައި ދިގުމުއްދަތަކަށް ލަފާ ކުރާ ނަމަ ދެން ޓެބްލެޓް ޕީސީގެ މާކެޓްގައި އެންމެ އަވަސް ކުރިއެރުމެއް ހޯދާނީ އެ ބާޒާރަށް ފައިބެ އަހަރު ތައާރަފްވި މައިކްރޯސޮފްޓްގެ ޓެބްލެޓް ޕީސީއެވެ. އައިޑީސީގެ ދިރާސާއިން ބުނެފައިވަނީ ފައިބެ އަހަރުގެ ފަހު ތިންމަސް ދުވަހުގެ ތެރޭގައި މައިކްރޯސޮފްޓްގެ 900000 ޓެބްލެޓް ޕީސީ ވިކިފައިވާ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ވިކުނު ޓެބްލެޓް ޕީސީ އަދަދު ރެކޯޑް އަދަދަކަށް އިތުރުވެފައި ވާއިރު ނިސްބަތުން އެއީ 75 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އެގޮތުން ފައިބެއަހަރުގެ ފަހު ތިންމަސްދުވަހު ވިކުނު ޓެބްލެޓް ޕީސީގެ އަދަދު 52.5 މިލިޔަން ޔުނިޓަށް އަރާކަމަށް އައިޑީސީގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ޓެބްލެޓް ޕީސީގެ ބާޒާރުގައި ސެމްސަން ކުރި ހޯދާ އިރު އެޕަލް ފަހަތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ